މިދިޔަ 900 އަހަރަށްވުރެ ބޮޑަށް މި ފަސް އަހަރު ތެރޭގައި ރާއްޖެ ތަރައްގީވެފައިވާ ކަމަށް މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އެ ވާހަކަ ދެއްކެވީ ފ. ނިލަންދޫ ނަރުދަމާ ނިޒާމު ހަލާކުވެފައިވާތީ އެ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހުށަހެޅުއްވި ކުއްލި މައްސަލައިގަ ބަހުސް ކުރައްވަމުންނެވެ.
ރިޒާ ވިދާޅުވީ މި ސަރުކާރުން ކޮށްދެމުން ދަނީ ރައްޔިތުން ބޭނުންވާ މުހިންމު ތަރައްގީގެ މަޝްރޫއުތަކެއް ކަމަށެވެ. އެކަން ރައްޔިތުން ބަލައިގެންނަ ކަމަށެވެ.
އޭނާ ވިދާޅުވީ މިދިޔަ 900 އަހަރަށްވުރެ މި ސަރުކާރުގެ ފަސް އަހަރު ރަށްރަށަށް ގެނެސްދީފައިވާ ތަރައްގީ ގިނަ ކަމަށް ވިދާޅުވީ ރަށެއްގެ ކައުންސިލަރެއް ކަމަށެވެ. އޭނާ ވިދާޅުވީ އެ ތަރައްގީއަކީ އެންމެ ކުޑަރަށުގައިވެސް މުސްކުޅިންނާއި ކުޑަކުދިންނަށް ބިރެއް ނެތި މޫދަށް އެރެވޭނެ ތަންކޮޅެއް ސަރުކާރުން ހަދައި ދިނުން ކަމަށެވެ.
އެފަދަ ކުދިކުދި ކަންކަމަކީ ގާމަތީ ރަށްތަކާއި ކުދި އާބާދީތަކުން އަބަދުވެސް ދެކެމުން އައި ހުވަފެނެއް ކަމަށެވެ. އެކަންކަން ހަގީގަތަކަށް ހަދައިދެއްވަމުން ދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ކަމަށެވެ.
ރިޒާ ވިދާޅުވީ މި ފަސް އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށަކަށް އެންމެ ބޭނުންވާ ހުރިިހާ ކަމެއް ކޮށްދޭނެ ކަމަށެވެ. އޭގެ ތެރޭގައި ފެނާއި ނަރުދަމާ، ކަރަންޓު އަދި ބަނދަރުތައް ހެދުމާއި ގޮނޑޮދޮށް ހިމާޔަތް ކުރުމުގެ އިތުރުން ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް އެކަން ކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް