ބޮލީވުޑްގެ ބަތަލާ ސޯނަމް ކަޕޫރާއި ފިރިމީހާ އަނަންދު އަހޫޖާއަށް ފުރަތަމަ ދަރިފުޅު ލިބުނީ މިމަހުގެ 20 ވަނަ ދުވަހު އެވެ.
ސޯނަމް ވިހޭކަން ރަސްމީކޮށް އާންމު ކުރުމާއި އެކު ބުނީ ލިބުނީ ފިރިހެން ކުއްޖެއް ކަމަށެވެ. އިތުރު މައުލޫމާތު ހާމައެއް ނުކުރެ އެވެ.
ފިރިމީހާ އަނަންދަކީ އިނިގރޭސިވިލާތުގެ ލަންޑަންގައި ގާއިމްވެ އުޅޭ އިންޑިއާ ވިޔަފާރިވެރިއެއް ކަމަށްވާތީ ގިނަ ބަޔަކު ދަނީ އޭނާ ކުއްޖާ ބޮޑު ކުރާނީ އިންޑިއާގައި ތޯ ނުވަތަ އިނގިރޭސިވިލާތުގައިތޯ ސުވާލު ކުރަމުންނެވެ. އެ ސުވާލުގެ ޖަވާބުގައި ސޯނަމް ބުނީ އަދި ގޮތެއް ނުނިންމާ ކަމަށެވެ.
އެކަމަކު އޭނާގެ ދަރިފުޅު ބޮޑުވެގެން އަންނަ އިރު އިންޑިއާގައި ދިރިއުޅެން ބޭނުން ނުވާ ކަމަށެވެ. އެއީ އަމިއްލަ ޕްރައިވަސީ ގެއްލޭނެތީ ކަމަށާއި ދަރިފުޅަށް ދޭން ބޭނުންވަނީ އާދައިގެ އިންސާނެއްގެ ދިރިއުޅުން ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުގައި ބޮޑަށް ބެލެވެނީ އެމީހުން ދިރިއުޅޭނީ އިނގިރޭސިވިލާތުގައި ކަމަށެވެ. އެއީ އިންޑިއާގައި ތަރިންގެ ދަރިންނަށް މީޑިއާ އާއި ޕަޕަރާޒީންގެ ފަރާތުން ލިބެމުން އަންނަ ސަމާލު ކަމުގެ ސަބަބުން ފިލްމީ ތަރިންނަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާން ޖެހޭތީ އެވެ.
ގިނަ ފަހަރު ކުދިންނާއި ގުޅޭގޮތުން ހާމަ ކުރަން ނުޖެހޭ އެތައް މައުލޫމާތެއް ހާމަ ކުރުމާއި އާއިލާއާއި އެކު ވަގުތު ހޭދަ ކުރުމުގެ ޕްރައިވަސީ ނޫސްވެރިންނާއި ޕަޕަރާޒީންނާއި ހެދި ނުލިބުން ހިމެނެ އެވެ.
ސޯނަމް ބުނީ ދަރިފުޅު ބޮޑުވެގެން އަންނަން ބޭނުން ވަނީ އޭނާ އާއި ކޮއްކޮ ރިއާ ކަޕޫރާއި، ހަރްޝްވަރްދަން ކަޕޫރު ބޮޑުވެގެން އައި ގޮތަށް ކަމަށެވެ. އެމީހުން ބޮޑެތިވީ އާންމުންގެ ތެރޭގައި އުޅެ މަޖާކޮށް މަޝްހޫރު ނޫން އެކުވެރިންނާއި އެކު މަގުމަތީގައިވެސް ގިނަ ވަގުތައް ހޭދަ ކޮށްގެންނެވެ.
އެ ތިން ކުދިން ނޫސްވެރިންނާއި އާންމުންނަށް އަނިލް ކަޕޫރުގެ ދަރިންގެ ގޮތުގައި އެނގުނީ ބޮޑުވި ފަހުންނެވެ. އިންޑިއާގައި ތިން ދަރިން ބޮޑު ކުރި ނަމަވެސް އަނިލް ކަޕޫރު އެ ކުދިންނާއި އެކު މީޑިއާ ކުރިމައްޗަށް ނުކުމެފައި ނުވާއިރު ތައުލީމް ފޯރުކޮށްދިނީ މަޝްހޫރު ނޫން ސްކޫލްތަކާއި ޔުނިވާސިޓީތަކާއި ކޮލެޖުތަކުންނެވެ.
އެ ތަންތަނުން އެއްވެސް މަޝްހޫރު މީހެއްގެ ދަރިއަކު ކިޔަވާފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް