ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ ލޯގޯ ފަރުމާކުރުމަށް ހުޅުވާލައިފި އެވެ.
އެ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މި ފުރުސަތު ހުޅުވާލާފައިވަނީ މުބާރާތެއްގެ ގޮތުގައި މުޅި ރާއްޖެއަށް ކަމަށެވެ.
މި މުބާރާތުގައި 1 ވަނައަށް ހޮވޭ ފަރާތަށް އިނާމެއްގެ ގޮތުގައި -/ 10,000ރ (ދިހަހާސް ރުފިޔާ) ދިނުމަށް ނިންމާފައިވާ އިރު، މި މުބާރާތަށް ހުށަހަޅާ ލޯގޯގެ ހުރިހާ އިޚްތިޔާރެއް (ކޮޕީރައިޓް) ލިބިގެންދާނީ ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާއަށް ކަމަށް ވެސް އެ އިޢުލާނުގައި ވަނީ ބުނެފަ އެވެ.
މީގެ އިތުރުން ފަރުމާކޮށްފައިވާ ލޯގޯ 19 ސެޕްޓެންބަރު 2021 ވަނަ ދުވަހުގެ 13:00 ކުރިން ހުށަހަޅަންވާނެ ކަމަށާއި އީ-މެއިލް މެދުވެރިކޮށް ލޯގޯ ހުށަހަޅުއްވާނީ [email protected] އަށް ކަމަށް ވެސް ބުނެފައި ވެއެވެ. އަދި ކޮންމެ ބައިވެރިއަކަށް ވެސް އެންމެ ގިނަވެގެން ހުށަހެޅޭނީ 3 ލޯގޯ ކަމަށާއި ޝޯޓް ލިސްޓް ކުރެވޭ ލޯގޯތައް ޕްރެޒެންޓް ކޮށްދޭންވާނެ ކަމަށް ވެސް އެ ކައުންސިލުން ވަނީ ބުނެފަ އެވެ.
ލޯގޯފަރުމާކުރުމާއި ޝިއާރުކަނޑައެޅުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި ލޯގޯއިން ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ރަމްޒުކޮށްދިނުމާއި ރަށުގެ ތާރީޚާއި، ދީނާއި ސަގާފަތް ދައްކައިދިނުމަށް ވަނީ އެދިފަ އެވެ. އަދި ރަސްމީކޮށް އަދި ނުރަސްމީކޮށް ބޭނުންކުރަމުންގެންދާ ލޯގޯތަކާ ތަފާތުވާން ވާނެ ކަމަށް ވެސް ބުނެއެވެ.
މީގެ އިތުރުން ލޯގޯއާއެކުގައި ބޭނުންކުރާނެ ޝިއާރު / މޮޓޯ ދިވެހިބަހުންނާއި އިގިރޭސިބަހުން ހިމަނަންވާނެ ކަމަށާއި ތްރީޑީ (3D) ކޮށް އެނިމޭޓްކުރެވޭނެ ގޮތަށް ހުންނަންވާނެ ކަމަށް ވެސް ބުނެ އެވެ. އަދި އެނިމޭޓްކޮށްފައިވާ ލޯގޯ ހުށަހަޅާ ފަރާތްތަކަށް އިސްކަން ދެވޭނެ ކަމަށް ވެސް ބުނެ އެވެ.
ހަމަމިއާއެކު އެމްބޯސްކުރަންޖެހޭ ހާލަތްތަކުގައި އެމްބޯސްކުރެވޭނެ ގޮތަށް ފަރުމާކޮށްފައިވާން ޖެހޭނެ ކަމަށް ވެސް އެ ކައުންސިލުން ބުނެ އެވެ.
މާމެންދޫ ކައުންސިލުން ބުނީ ލޯގޯ ހުށަހަޅާއިރު ކަވަރ ލެޓަރއެއް ހުށަހެޅުމަށާއި ލޯގޯ ފަރުމާކުރި ފަރާތުގެ ފުރިހަމަ ނަމާއި އައިޑީ ކާޑްނަންބަރު، އެޑްރެސް އަދި ފޯނު ނަންބަރު ސިޓީގައި ހިމަނަންވާނެ ކަމަށެވެ. އަދި ކުންފުނި ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރިފަދަ ފަރާތަކުން ހުށަހަޅާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަލަން ޖެހޭނެ ކަމަށާއި ހުށަހަޅާ ލޯގޯއަކީ އެ ލޯގޯ ފަރުމާކުރި ފަރާތުގެ އަމިއްލަ އުފެއްދުމެއްކަން ނުވަތަ ޚިޔާލެއްކަން އަންގައިދިނުމާއި އެކަމަށް އިޤުރާރުވާން ވާނެ ކަަމަށް ވެސް މާމެންދޫ ކައުންސިލުން ބުނެ އވެ.
މުޅި ރާއްޖެއަށް ހުޅުވާލާފައިވާ މި ފުރުސަތުގައި ލޯގޯ ފަރުމާކުރުމުގައި އެހެން ލޯގޯއެއް ނުވަތަ ބެޖެއް އަސާސަކަށް ބެލިނަމަ އެ ލޯގޯއެއް ނުވަތަ ބެޖެއްގެ މައުލޫމާތާއި އެ ލޯގޯ ނުވަތަ ބެޖެއްގެ ނަކަލެއް ހުށަހެޅުމަށް އެދިފައިވާ އިރު، ލޯގޯގެ ސޮފްޓް ކޮޕީ 150 ޕިކްސެލް ނުވަތަ އެއަށްވުރެ މަތީ ޕިކްސެލް، ޑީ.ޕީ.އައި ރިޒޮލިއުޝަންގައި ހުށަހެޅުމަށް ވަނީ އެދިފަ އެވެ.
ގއ. މާމެންދޫ ކައުންސިލުން ބުނީ ލޯގޯ ޕީ.އެން.ޖީ ފައިލާއެކު އެސް.ވީ.ޖީ، އީ.ޕީ.އެސް، ކޮރަލްޑްރޯ ނުވަތަ އެފަދަ އެހެން ސޮފްޓްވެއަރއަކުން ހަދާފައިވާ އޮރިޖިނަލް ވެކްޓަރ ފައިލް ހުށަހަޅަންވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް