ދަރިން އިންޓަނެޓް ބޭނުންކުރަނީ އެންމެ އެދެވޭ ގޮތުގައި ތޯ ބެލެނިވެރިން ބަލަން ޖެހެއެވެ.

އިންޓަނެޓަކީ މިޒަމާނުގައި ވަރަށް ފަސޭހައިން ލިބެން ހުންނަ އާންމު ވަސީލަތެކެވެ. އިންޓަނެޓަކީ އަހަރެމެންގެ ދިރިއުޅުމުގެ އަސާސީ ބޭނުމެއްގެގޮތުގައި ހިމެނޭ މުހިންމުކަން ބޮޑު ވަސީލަތެކެވެ. އެ ވަސީލަތާއި ނުލ...

24 Aug 2021 | 14:57

އިންޓަނެޓަކީ މިޒަމާނުގައި ވަރަށް ފަސޭހައިން ލިބެން ހުންނަ އާންމު ވަސީލަތެކެވެ. އިންޓަނެޓަކީ އަހަރެމެންގެ ދިރިއުޅުމުގެ އަސާސީ ބޭނުމެއްގެގޮތުގައި ހިމެނޭ މުހިންމުކަން ބޮޑު ވަސީލަތެކެވެ. އެ ވަސީލަތާއި ނުލައި މިހާރު ހަމަ އެއްވެސް ކަމެއް ވާން ނެތޭ ބުނުމަކީވެސް ދޮގަކަށް ނުވާނެއެވެ. އިންޓަނެޓަކީ ތޫނު ހަތިޔާރެއް ފަދަ އެއްޗެކެވެ. އޭގެ ބޭނުން އެންމެ ހެޔޮގުތުގައި ނުހިފިއްޖެ ނަމަ ނުރައްކާތެރިކަން ބޮޑު ހަތިޔާރެކެވެ. ހަމަ އެގޮތައް އެ ވަސީލަތުގެ ބޭނުން ހެޔޮގޮތުގައި ހިފިއްޖެ ނަމަ އެހާ ފައިދާވެސް ބޮޑު ހަތިޔާރެކެވެ.

ކަންމިހެން އޮތްއިރު، އަޅުގަނޑުމެންގެ ދަރިންނަށް ހެޔޮގޮތުގައި އިންޓަނެޓްގެ ވަސީލަތް ބޭނުންކުރަން ދަސްކޮށްދިނުމަކީ ކޮންމެ ބެލެނިވެރިޔަކަށްވެސް ކުރުން ލާޒިމް ކަމެެކެވެ. އިންޓަނެޓުން ދަރިންނަށް ކޮށްފާނެ ނޭދެވޭ އަސަރުތަކުން އެކުދިންރައްކާތެރިކުރުމަށެވެ. އިންޓަނެޓުގެ ވަބާގައި ޖެހި ދަރިން ގޯސް މަގު އިޚްތިޔާރު ކޮށްފިނަމަ އެކަމުގެ ހިތާމަ ކުރަން ޖެހޭނީ ހަމަ އަހަރެމެން ބެލެނިވެރިންނެވެ. މިގޮތައް ކަންތައް ވެއްޖެ ނަމަ ދެން އެކަމުން އެކުދިން ސަލާމަތް ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. އެހެން ކަމުން ދަރިން ގޯސްމަދަކުން ދިއުމުގެ ކުރިން ބެލެނިވެރިން އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހެއެވެ.

ތަމައްދުންވެ ތަހުޒީބުވެފައިވާ މި ޒަމާނުގައި ލެޕްޓޮޕާއި މޯބައިލް ފޯން ފަދަ ތަކެއްޗަކީ ވަރަށް އާންމު އެއްޗެކެވެ. މިތަކެއްޗަކީފަސޭހައިން އިންޓަނެޓަށް ވަނުމަށް ބޭނުން ކުރާ ވަސީލަތްތަކެކެވެ. ލެޕްޓޮޕެއް ނުވަތަ ސްމާޓް ފޯނެއް ނުގެންގުޅޭ ކުޑަކުއްޖެއް އަދި ބޮޑުމީހެއް މި މުޖުތަމަޢުގައި ނެތޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

ލެޕްޓޮޕް ނުވަތަ ސްމާޓް ފޯން ފަދަ ތަކެތި ބޭނުން ކޮށްގެން އިންޓަނެޓް ބޭނުން ކުރަމުން އަންނަ ކުޑަކުދިންވެސް މި މުޖުތަމަޢުގައި ގިނައެވެ. އެހެން ކަމުން ހެޔޮގޮތުގައި އިންޓަނެޓުގެ ބޭނުން ހިފުމަށް އަޅުގަނޑުމެންގެ ދަރިންނަށް ދަސްކޮށްދޭން ޖެހެއެވެ.

އެގޮތުން އިންޓަނެޓުން ކުޑަކުދިންނާއި ނުގުޅޭ ނުވަތަ އެކަށީގެން ނުވާ ސައިޓްތަކަށް ވަނުމާއި އިންޓަރނެޓް ޒަރިއްޔާއިން ފޭސްބުކް އަދި ވައިބާ ފަދަ ޕްލެޓްފޯމުތަކަށް ވަދެ ނުދަންނަ މީހުންނާ މުއާމަލާތު ކުރެވިގެންނުވާނެ ވާހަކަ ދަރިންގެ ގާތު ބުނަންވާނެއެވެ. އިންޓަރނެޓް މެދުވެރިކޮށް ލިބޭ ހުރިހާ މައުލޫމާތަކީ ތެދު ހަގީގަތް ނޫންކަމަށާއި ތެދު މައުލޫމާތު ހޯދުމަށް ޢަމަލު ކުރަންވީ ގޮތްގޮތާއި އިތުބާރު ކުރެވޭ ވެބްސައިޓްތައްކުއްޖާއަށް ކިޔައިދޭށެވެ.

ކޮންމެ ބެލެނިވެރިޔަކުވެސް ކޮމްޕިއުޓަރ ބޭނުންކޮށްގެން ދަރިން ކުރާކަންކަމާމެދު ފާރަވެރިވާށެވެ. ދަރިންގެ ފަރާތުން އާދަޔާޚިލާފް އެއްވެސްކަމެއް ފެންނަނަމަ އެކަމާ ގުޅޭގޮތުން ކުއްޖާއާ ސުވާލު ކުރަންވާނެއެވެ. ކުއްޖާއަށް މައިންބަފައިން އިތުބާރު ކުރާކަން ދައްކަންވާނެއެވެ. ކަންކަމާއިގުޅޭގޮތުން ސުވާލުކުރަނީ ނޭނގިނަމަވެސް ދަރިންނަށް ގޯސް މަގެއް އިހްތިޔާރު ކުރެވިދާނެތީކަން ދަރިންނަށް  ބުނެދިނުން މުހިއްމެވެ. މިގޮތައް ބުނެދޭއިރު، ރުޅިއައިސް ބަވާ ވައްތަރަށް ދަރިންނާއި ވާހަކަ ދެއްކުން ރަނގަޅެއް ނުވާނެއެވެ.

ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގައި ދިމާވާ ކަންކަމާމެދު ރުޅި އިސްކުރުމުގެ ބަދަލުގައި ކެތްތެރިކަން އިސް ކުރައްވާށެވެ. ވިސްނުންތެރިކަމާއެކު ފިޔަވަޅު އަޅުއްވާށެވެ. ޝައިތާނާގެ ވަސްވާހުގެ އަސަރު ދަރިންނަށް އަބަދުވެސް ކުރާނެއެވެ. އެކަން އަބަދުވެސް ހަނދާން ބަހައްޓަން ވާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް