އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބުގައި މަހުލޫފަށް ވާދަނުކުރެވޭ މައްސަލަ އީސީއަށް

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފަށް ވާދަ ނުކުރެވޭ ގޮތަށް ނިންމި މައްސަލައިގަ ގޮތެއް ނިންމުން ލަސްވާތީ އެކަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ. އެމް...

24 Aug 2021 | 13:08

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފަށް ވާދަ ނުކުރެވޭ ގޮތަށް ނިންމި މައްސަލައިގަ ގޮތެއް ނިންމުން ލަސްވާތީ އެކަން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

އެމްޑީޕީން އެގޮތަށް ނިންމީ އެމްއެމްޕީއާރުސީގެ ހިޔަނާތުގެ މައްސަލައިގަ މަހުލޫފަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން މައްސަލަ ފޮނުވާފައިވާތީ އެވެ. މި މައްސަލައިގަ ވަކިގޮތެއް ކަނޑައަޅަންދެން އޭނާ ހުރީ ޔޫތް މިނިސްޓަރުގެ މަގާމުން ސަސްޕެންޑުކޮށްފައި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވުމަށް މަހުލޫފު ހުށަހެޅުއްވީ، މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި މަހުލޫފު ވިދާޅުވީ، ގައުމީ މަޖިލީހުގެ އިންތިހާބަށް ވާދަކުރުމަށް އޭނާގެ ޝަރުތު ހަމަ ނުވާ ކަމަަށް ނިންމި މައްސަލަ އެމްޑީޕީގެ އިންތިހާބާބެހޭ ކޮމިޓީއަށާއި، އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު އިންތިހާބު ބާއްވަން 30 ދުވަހަށް ވެފައިވާއިރުވެސް އެއްވެސް ޖަވާބެއް ދީފައި ނުވާތީ އެ މައްސަލަ ސިޔާސީ ޕާޓީތަކުގެ ވެރިފަރާތް ކަމަށްވާ އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅުއްވާފައިވާ ކަމަށް މަހުލޫފު ވިދާޅުވިއެވެ.

https://twitter.com/AhmedMahloof/status/1430086065021284358

މީގެ ކުރިން މަހުލޫފް ވިދާޅުވެފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ކަމަށާއި މަޖިލިސް މެންބަރުކަމުގެ އިތުރުން ކައުންސިލް އިންތިހާބުގައި ވާދަކުރެއްވުމަށްވެސް އޭނާގެ ޝަރުތު ހަމަވާ ކަމަށެވެ. އަދި ވަޒީރެއްގެ ހައިސިއްޔަތުން ގައުމީ މަޖިލީހުގައި އިނުމުގެ ފުރުސަތު ލިބިފައި، ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ނުލިބުމަކީ ހަމަޖެހޭ ގޮތެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

ޖިނާއީ ކުށެއް ސާބިތު ނުވާހާ ހިނދަކު ކޮންމެ އިންތިހާބެއްގައި ވެސް ވާދަކުރެވެން ޖެހޭނެކަން ފާހަގަކުރައްވައި މަހުލޫފު ވިދާޅުވެފައިވަނީ އޭނާއަށް ގެއްލިފައިވާ ހައްގު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް