ސަރުކާރެއްގެ ގޮތުގައި ޠާލިބާނު ބަލައިގަތުމާއި ގުޅޭ ގޮތުންނާއި އަފްޣާނިސްތާނާއި ގުޅުން ހުރި އެހެނިހެން މައްސަލައިގެ މަޝްވަރާތައް ބޭއްވުމަށް ޖީ7ގެ ޤައުމުތަކުން ބައްދަލުވުމެއް ތާވަލް ކޮށްފިއެވެ.
މި ބައްދަލުވުން ތާވަލު ކޮށްފައި ވަނީ މިއަދުގެ ވަގުތަކަށެވެ.
ޖީ7 ގެ ޤައުމުތައް ކަމަށްވާ އެމެރިކާ، އިނގިރޭސިވިލާތް، އިޓަލީ، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، ކެނެޑާ އަދި ޖަޕާނުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވާ ވަރޗުއަލް މި ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައި ވަނީ އަފްޣާނިސްތާނުން މީހުން ހުސް ކުރުމަށް ކުރިން ކަނޑައަޅާފައިވާ ތާރީޚު ފަސް ކުރުމަށާއި، ޠާލިބާނާއި މެދު ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމަށް ނުވަތަ ސަރުކާރެއްގެ ގޮތުގައި ބަލައިގަތުމާއި ގުޅޭ ގޮތުންނެވެ.
ވިލާތުގެ ޑިޕްލޮމެޓަކު ރޮއިޓަރޒްއަށް މައުލޫމާތު ދެއްވާ ގޮތުގައި މި ބައްދަލުވުމުގައި ޠާލިބާނުގެ ސަރުކާރު ބަލައިގަންނަން ނިންމައިފި ނަމަ، އެކަން ކުރާނެ ތާރީޚެއް ކަނޑައަޅާނެއެވެ. އަދި ހުރިހާ ޤައުމަކުންވެސް މި ބައްދަލުވުމުގެ ނިންމުންތަކާއި މެދު ގުޅިގެން މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އަފްޣާނިސްތާނުން ބޭނުން ވާ މީހުން ހުސް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކުރިން ހަމަޖެހިފައި ވީ ނަމަވެސް އެތައް ހާސް ބަޔަކު އެހާ ތަނަށް ހުސް ކުރެވޭނެ ކަމުގެ ޔަޤީންކަން މިހާރު ވަނީ ކުޑަ ވެފައެވެ. މި މަހުގެ 15 ވަނަ ދުވަހު ޠާލިބާނުން އަފްޣާނިސްތާނު އެމީހުންގެ ބާރުގެ ދަށަށް ގެންދިއުމުން ކާބުލް އެއަރޕޯޓަށް ވަނީ އެތައް ބަޔަކު ޖަމާވެ އެ ޤައުމު ދޫކޮށް ދިއުމަށް މަސައްކަތް ފަށާފައެވެ.
އަދި މި ކަމުގެ ސަބަބުން ގިނަ ހަމަނުޖެހުންތަކެއްވެސް އެއަރޕޯޓުގެ ތެރޭގައި އަންނަނީ އުފެދެމުންނެވެ. ހުޅަނގުގެ އަސްކަރިއްޔާތަކުގެ އިތުރުން އަފްޣާނު އަސްކަރިއްޔާއިން ވެސް އަންނަނީ ހަމަނުޖެހުން މަދު ކުރުމަށްޓަކައި މި ސަރަޙައްދުތަކުން މީހުން ފަހަތަށް ޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ.
ނޭޓޯގެ ޑިޕްލޮމެޓަކު ރޮއިޓަރސްއަށް ދެެއްވި ބަސްދީގަތުމެއްގައި ވިދާޅުވެފައިވާ ގޮތުގައި، އަފްޣާނިސްތާނުގައި މީހުން ހުސް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ހަނގުރާމައިގެ މައިދާނެއްގައި މިކަން ކުރިއަށް ދާ ފަދަ ގޮތަކަށެވެ.
އަފްޣާނިސްތާނު ދޫކޮށް ދިޔަ މީހުންގެ ތެރެއިން ގިނަ ބަޔަކު މިހާރު އަންނަނީ އަނެއްކާވެސް އެ ޤައުމަށް ރުޖޫޢަ ވަމުންނެވެ. ނޭޓޯގެ ޑިޕްލޮމެޓު ވިދާޅުވި ގޮތުގައި އެއީ ކުރިން ހީކުރި ވަރަށް ވުރެ އެ ޤައުމުގެ މަސްލަޙަތު ރަނގަޅު ކަަމަށް ފެންނަމުން ދާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ރައީސް ޖޯވ ބައިޑެން ވެސް ވަނީ ކުރިން ނިންމާފައިވާ ގޮތާއި ޚިލާފަށް އެމެރިކާގެ ފައުޖުތައް އަފްޣާނިސްތާނުން ފޭބުން ލަސް ވެދާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ. ހަމަ އެފަދައިން އެމެރިކާގެ ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ މެންބަރު އެޑަމް ޝިފްވެސް ވަނީ ބާކީ އޮތް 8 ދުވަހުގެ ތެރޭގައި މީހުން ހުސް ކުރުމުގެ މަސައްކަތް ނިންމުމަކީ ނާދިރު ކަމެއް ކަމަށް ވިދާޅުވެފައެވެ.
ވޮޝިންގޓަން އިން މައުލޫމާތު ދޭ ގޮތުގައި މި މައްސަލައާއި މެދު މިހާރު އަންނަނީ 2 ފަރާތުންވެސް މަޝްވަރާ ކުރަމުންނެވެ. ނަމަވެސް ޠާލިބާނުން ހާމަ ކޮށްފައިވާ ގޮތުގައި އެއްވެސް ބޭރުގެ ޤައުމަކުން މިހާ ތަނަށް މީހުން ހުސްކުރުމުގެ އެންމެ ފަހު ތާރީޚު ފަސް ކުރުމަށް ހުށަހަޅާފައެއް ނުވެއެވެ. އަދި ހުށަހެޅި ނަމަވެސް މި ފުރުސަތު ބޭރުގެ ޤައުމުތަކަށް ދެވެން ނެތް ކަމަށްވެސް ޠާލިބާނުން ވަނީ ބުނެފައެވެ.
އަފްޣާނިސްތާނުގެ ވެރިންގެ ގޮތުގައި އެހެން ޤައުމުތަކުން ޠާލިބާނު ބަލައި ގަނެފި ނަމަ މި ކަމުގެ ސަބަބުން މުހިންމު ގިނަ މައްސަލަތަކަކަށް އަސަރު ކުރާނެއެވެ. އޭގެ ތެރޭގައި ކުރީގެ ސަރުކާރުތަކަށް ލިބުނު ބޭރުގެ އެހީތައް ޠާލިބާނަށް ލިބުންވެސް ހިމެނެއެވެ.
މިދިޔަ އަހަރު އެމެރިކާއިން ވަނީ ޠާލިބާނަކީ އެ ޤައުމުން ބަލައިގަންނަ ގުރޫޕެއް ނޫން ކަމަށް ކަނޑައަޅާފައެވެ. ކެނެޑާއާއި އެހެނިހެން ބައެއް ޤައުމުތަކުންވެސް ޠާލިބާނަކީ ނިރުބަވެރި ޖަމާއަތެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް