އދގެ އާއްމު މަޖިލީހުގެ އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން، ޖަޕާން ސަރުކާރުގެ ދައުވަތަކަށް ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު އެ ގައުމަށް ވަޑައިގެންނަވަން ހަމަޖެހިއްޖެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި ދަތުރުފުޅު ޝާހިދު ކުރައްވާނީ މިމަހުގެ 26 އިން 28 އަށް ކަމަށެވެ.
މި ދަތުރުފުޅުގައި މިނިސްޓަރު ޝާހިދު، ޖަޕާނުގެ ބޮޑުވަޒީރު ސޫގާ ޔޮޝިހީޑޭ ގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި ޖަޕާނުގެ ފޮރިން މިނިސްޓަރ މޮޓޭގީ ޓޮޝިމިޓްސޫއާ ބައްދަލުކުރައްވާނެއެވެ.
މި ދަތުރުފުޅުގައި އދގެ އާއްމު މަޖިލީހުގެ މަސައްކަތްތަކާ ބެހޭ ގޮތުންނާއި، އާއްމު މަޖިލީހުގެ ރިޔާސަތާ އެކުގައި ޖަޕާނުން މަސައްކަތްކުރުމާ ބެހޭ ގޮތުން މިނިސްޓަރ ޝާހިދުއާއި ޖަޕާން ސަރުކާރާ ދެމެދު މަޝްވަރާކުރެވޭނެއެވެ.
އަދި މީގެ އިތުރުން ދިވެހިރާއްޖެއާއި ޖަޕާނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުންވެސް ޖަޕާން ސަރުކާރާއެކު މިނިސްޓަރ ޝާހިދު މަޝްވަރާކުރައްވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް