ޤާސިމް ރައްދު ނަޝީދަށް: މަޖިލީހުގެ ރައީސަށް ސަރުކާރުން އިނާޔަތް ދީފައިވަނީ ވަރަށް މަތީދަރަޖައަކަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައްކާތެރިކަން ކަށަވަރު ކޮށްނުދޭކަމަށް ބުނެ ދައްކަވަމުންދާ ވާހަކައަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ރައްދުދ...

24 Aug 2021 | 08:44

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައްކާތެރިކަން ކަށަވަރު ކޮށްނުދޭކަމަށް ބުނެ ދައްކަވަމުންދާ ވާހަކައަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ރައްދުދެއްވައިފިއެވެ.

ރައީސް ނަޝީދު ވަނި ރައްޔިތުންގެ މަޖިލީހުގެ މިދައުރުގެ ޖަލްސާތައް ފެށި ދުވަހު މަޖިލީހަށް ސީޓީއެއް ފޮނުވާފައެވެ. އެގޮތުން ސިޓީގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާ ރާވާ ހިންގި ފަރާތްތަކުގެ ތަހުގީގު އަދި ނުނިމޭކަމަށް ފުލުހުން ބުނެފައިވާކަން ފާހަގަކޮށްފައެވެ. އެ ފަރާތްތަކުގެ ތަހުގީގުނިމި އިންސާފުގެ ކުރިމައްޗަށް ގެނެވި ހައްޔަރުގައި ބޭތިއްބުމުގެ ކުރީގައި ރާއްޖެ ދިއުމަކީ އާއިލާއާއި ހެޔޮއެދޭ ފަރާތްތައް އަދި ހުދު އެމަނިކުފާނުވެސް ޖެހިލުންވާކަމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން އެމަނިކުފާނުގެ ޗުއްޓީގެ މުއްދަތު އިތުރުކޮށްދެއްވާ ރާއްޖެއިން ބޭރުގައި އުޅުމަށް ހިތްހަލާސް ކޮށްދިނުމަށް އެފުރުސަތު ފަހިކޮށްދިނުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ނުސީދާ ގޮތަކަށް އެ ވާހަކަތަކަށް ރައްދުދެއްވަމުން މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޤާސިމް ވިދާޅުވީ، ދައުލަތުން ސަލާމަތާއި ރައްކާތެރިކަން ދޭންޖެހޭ ބޭފުޅުންނަށާއި، ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ސަލާމަތްތެރިކަން ކަށަވަރު ކޮށްދެއްވުމުގައި ދިވެހި ސަރުކާރުގެ އެއްވެސް އިހުމާލުވުމެއް ނެތް ކަމަށެވެ.

ދިވެހިރާއްޖޭގެ ޤާނޫނުލް ޢުޤޫބާތައް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހުށަހަޅުއްވާފައިވާ މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އާންމުންގެ ކުރިމަތީގައި އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން އިސްލާމްދީނަށް ފުރައްސާ ކުރުން ހުއްޓުވުމުގެ ބިލުގެ ބަހުސްގައި ޤާސިމްވަނީ މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅުއްވި ކަމަށްޓަކައި، ސަރުކާރަށާއި، ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދަންނަވާފައެވެ.

ޤާސިމް ވަނީ ބިލަށް ކޮމެޓީ މަރުހަލާގައި އިސްލާހު ގެންނަވާއިރު، ބިލުގައި މުއާސަލާތީ ވަސީލަތެއް ބޭނުންކޮށްގެން ނުވަތަ އެނޫންވެސް ގޮތަކަށް އާންމުންގެ ކުރިމަތީގައި އިސްލާމްދީނަށް ތައުހީން ކުރުން ހުއްޓުވުމަށް އެކަނި އޮތުމުގެ ބަދަލުގައި އިސްލާމްދީނަށާއި، މާތްﷲ އަށާއި، އެކަލާނގެ ރަސޫލާއާއި، ކީރިތި ޤުރުއާނަށް ތައުހީން ކުރުމުގެ އަމަލުތައް ހުއްޓުވުމަށް ބިލުގައި ހިމެނުމަށް ހުށަހަޅުއްވާފައެވެ.

ބިލާއި ގުޅިގެން މަޖިލީހުގައި ހިމެނޭ އިދިކޮޅު މެމްބަރުން ދެއްކެވި ވާހަތަކާއި ގުޅިގެން ޤާސިމް ވިދާޅުވީ އެއިރެއްގައި އޮންނަ އިދިކޮޅު ޕާޓީއަކުން މަޖިލިސްގައި ސަރުކާރަށް ނުކުރެވޭ ކަންކަމުގެ ވާހަތަކާއި، ކުށްދައްކަން އަބަދުވެސް މަސައްކަތް ކުރާކަށެވެ. ނަމަވެސް މިސަރުކާރުން ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ފަރުދީގޮތުން ރައްކާތެރިކަން ދޭންޖެހޭ މީހަކަށްނަމަ އެމީހަކަށްވެސް ރައްކާތެރިކަން ކަށަވަރުކޮށް ދެއްވަމުންދާ ކަމަށް ޤާސިމް ވިދާޅުވިއެވެ.

"މަޖިލީހުގެ ރައީސަށް ސަރުކާރުން އިނާޔަތް ދީފައިވަނީ ވަރަށް މަތީދަރަޖައަކަށް. އެމަނިކުފާނަށް ދިން ހަމަލާ ހަރުއަޑުން ކުށްވެރިކުރަން. އަޅުގަނޑެއް ގަބޫލެއް ނުކުރަން ދިވެހި ސަރުކާރުން ހިމާޔަތްދޭންޖެހޭ ފަރާތްތަކަށް ހިމާޔަތް ނުދެވިގެން އިހުމާލު ކުރެވިގެންދާކަމަށް." ޤާސިމް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް