ނަޝީދަށް އިންޒާރުދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ކޯޓުގެ ހުރުމަތް ކަނޑައިގެން ޖަލަށް

ދައުރުގެ މެދު ތެރެއިން އިސްތިއުފާ ދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މުސްލިމުންގެ ދުޝްމަނެއް ކަމަށްވާ އަބޫޖަހުލަށް ހަދާލި ގޮތް ހަދާނެ ކަމަށް ބުނެ ފޭސްބުކުގައި އިންޒާރުދިން ކަމަށް ތުހުމަތުކޮށް ހަ...

24 Aug 2021 | 07:48

ދައުރުގެ މެދު ތެރެއިން އިސްތިއުފާ ދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މުސްލިމުންގެ ދުޝްމަނެއް ކަމަށްވާ އަބޫޖަހުލަށް ހަދާލި ގޮތް ހަދާނެ ކަމަށް ބުނެ ފޭސްބުކުގައި އިންޒާރުދިން ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި މީހާ ކޯޓުގެ ހުރުމަތް ކަނޑައިގެން 15 ދުވަހަށް ޖަލަށްލާން ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާގެ ބަންދުގެ މުައްދަތު ވެސް ވަނީ އިތުރުކޮށްފައެވެ. އެއީ 15 ދުވަހުގެ މުއްދަތަކަށެވެ. އަދި ހުރުމަތް ކެނޑުމުގެ ކުށުގައި 15 ދުވަހުގެ ޖަލު ހުކުމެއް ވެސް ވަނީ އިއްވާފައެވެ.

ސާޅީސް އަހަރުގެ އެމީހާ ހައްޔަރުކޮށްފައިވާ ރ. މީދޫންނެވެ. އެއަށްފަހު އޭނާގެ ބަންދު ޖެހުމަށް މިއަދު ވަނީ އެ އަތޮޅު އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްފަ އެވެ.

ބަންދު މަޖިލީހުގައި އޭނާ ކުރި އަމަލެއްގެ ސަބަބުން، އެއީ އެ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ވަނީ ނިންމާފަ އެވެ. އެކަމަކު ހުރުމަތް ކެނޑުމުގެ ގޮތުން އެމީހާ ކުރީ ކޮން އަމަލެއް ކަމެއް އެ ކޯޓުން ސާފެއް ނުކޮށްދެ އެވެ.

އެމީހާ ފޭސްބުކް ވީޑިއޯ ޕޯސްޓެއްގައި ނަޝީދަށް އިންޒާރުދީ ބުނެފައި ވަނީ، ރައީސް ނަޝީދު ދެން ރާއްޖެ ވަޑައިގެންފި ނަމަ ބަދުރު ދުވަހު އަބޫޖަހުލަށް ހެދިގޮތް ހަދާނެ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް