އިސްލާމް ދީނަށް ޖޯކު ޖަހައި، ވާހަކަދެއްކުމަކީ، އިސްލާމީ ދައުލަތެއްގައި ކުށެއްކަމުގައި އޮންނަންޖެހޭނެ: ހިސާން

އިސްލާމްދީނަށް ކުޑައިމީސްކޮށް، ޖޯކު ޖަހައި، ދީނީ ކަންކަމަށް މަލާމާތެއް ރައްދުވެދާނެ ގޮތަކަށް އެއްވެސް ސިފައެއްގައި ވާހަކަދެއްކުމަކީ، އިސްލާމީ ވެއްޓެއްގައި އިސްލާމީ ދައުލަތެއްގައި ކުށެއްކަމުގައި އޮންނަ...

24 Aug 2021 | 07:37

އިސްލާމްދީނަށް ކުޑައިމީސްކޮށް، ޖޯކު ޖަހައި، ދީނީ ކަންކަމަށް މަލާމާތެއް ރައްދުވެދާނެ ގޮތަކަށް އެއްވެސް ސިފައެއްގައި ވާހަކަދެއްކުމަކީ، އިސްލާމީ ވެއްޓެއްގައި އިސްލާމީ ދައުލަތެއްގައި ކުށެއްކަމުގައި އޮންނަންޖެހޭނެ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.

މެމްބަރު ހިސާން ހުސެއިން މިހެން ވިދާޅުވީ، އިސްލާމްދީނަށް ފުރައްސާރަކުރުން ކުށެއްގެ ގޮތުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތު އިސްލާހުކުރާ ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް މިއަދު ހުށަހަޅައިދެއްވަމުންނެވެ.

ހިސާން ވިދާޅުވީ ރައްޖެއަކީ އިސްލާމީ ގައުމެއް ކަމަށާއި މުޅި ދައުލަތް ތަރުތީބުވެ ބައްޓަންކުރަންވާނީ އިސްލާމީ އުސޫލުތަކުގެ މައްޗަށް ކަމަށް ގާނޫނުއަސާސީގެ އެކި މާއްދާތަކުން ކަނޑައަޅާފައިވާ ކަމަށެވެ. އަދި އިސްލާމްދީން މަތިވެރިކޮށް، ރާއްޖޭގެ އިސްލާމީ ވެށި ހިމާޔަތްކޮށް އިސްލާމީ ސަގާފަތު ވަނީ ގާނޫނުއަސާސީގައި ބިންވަޅު ނަގާފައި ކަމަށާއި އެއީ ދުސްތޫރީ ގޮތުން ކަނޑައެޅިފައި ހުރި އަސާސްތަކެއް ކަމަށް އަދި އެ އަސާސްތަކަކީ ބަދަލުނުކުރެވޭނެ ހަގީގަތްތަކެއް ކަމަށް ވިދާޅުވިއެވެ.

ހިސާން އިތުރަށް ވިދާޅުވީ، ގާނޫނުއަސާސީން ލިބިދީފައިވާ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމުގެ ވެސް އިމެއް އޮންނަ ކަމަށާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތީން މެނުވީ ހިޔާލުފާޅުނުކުރެވޭނެ ގޮތަށް ދުސްތޫރީ ގޮތުން ކަނޑައަޅާފައިވާ ކަމަށެވެ. ނަމަވެސް، ފަހަކަށް އައިސް ރާއްޖޭގައި ސޯޝަލް މީޑިޔާގައި ވެސް އިސްލާމްދީނަށް ކުޑައިމީސް ވާގޮތަށް ވާހަކަދެއްކުމާއި، ދީނީ ޝިއާރުތަކާއި ބައެއް ކަހަލަ ތަސައްވުރުތަކަށް އިހާނެތިކޮށް ވާހަކަދެއްކުމަކީ ފެންނަމުންދާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ އިސްލާމްދީނަށް ފުރައްސާރަކުރުން ކުށެއްގެ ގޮތުގައި ކަނޑައަޅަން ގާނޫނުލްއުގޫބާތު އިސްލާހުކުރާ ބިލާއި އެކު އެފަދަ ކަންކަން ޖިނާއީ ކުށެއް ކަމުގައި ކަނޑައަޅައި، އެފަދަ ކަންކަން ތަހުގީގުކޮށް އެފަދަ ކަންކަން ކުރާ މީހުންގެ މައްޗަށް ދައުވާކޮށް އަދަބު ދެވޭ ގޮތަށް ނިޒާމެއް އެކަށައަޅާނެއެވެ.

ސަރުކާރުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ގާނޫނުލްއުގޫބާތުގެ 617 ވަނަ މާއްދާގައި މިހާރުވެސް ކުށެއް ކަމުގައިވާ "އިސްލާމްދީނާ އިދިކޮޅު އަމަލުތައް" އިތުރަށް ތަފްސީލުކުރުމެވެ. އަދި، އެ ކުށުގެ އަމަލުގެ ތެރޭގައި، އިސްލާމްދީނަށް ފުރައްސާރަކުރުމުގެ އަމަލުތައް ވަކިން ހިމަނައި، އިސްލާމްދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން ސާފުވާގޮތަށް އެ މާއްދާގައި ބަޔާންކުރުން ކަމަށް މި ބިލު ތައްޔާރުކުރި ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް