އެލައިޑް އިންޝުއަރަންސް ކުންފުނިން ކްލަބްހައުސް އާއި ގުޅި، އެކުންފުނީގެ އެންމެ ފުރަތަމަ އިވެންޓް އިއުލާންކޮށްފި އެވެ.
މިފަހަކަށް އައިސް މަގުބޫލުވެފައިވާ ސޯޝަލް މީޑިއާ ޕްލެޓްފޯމް؛ ކްލަބްހައުސްގައި އެލައިޑުން ބާއްވާ ސެޝަން ތާވަލްކޮށްފައިވަނީ މި އޯގަސްޓު މަހުގެ 26 ވަނަ ދުވަހުގެ ރޭ 20:30 އަށެވެ.
"ރައްކާވެތިބިއްޔާ"ގެ ނަމުގައި ސީރީޒްއެއް ގޮތަށް ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މިއިވެންޓްގެ ފުރަތަމަ ސެޝަން ޚާއްސަ ކުރުމަށް ހަމަޖެހިފައިވަނީ "ފަޔަރ އިންޝުއަރަންސް، ހޯމް ކޮންޓެންޓް އަދި ކޮންޓްރެކްޓަރސް އޯލް ރިސްކް" އަށެވެ.
ގެދޮރާއި މުދަލުގެ ރައްކާތެރިކަން ފޯރުކޮށްދޭ އިންޝުއަރަންސް ޚިދުމަތްތަކާއި ޚިދުމަތްތައް ހޯއްދެވުމުގައި ބެއްލެވުން މުހިންމު ކަންކަމަށް އަލިއަޅުވާލައިގެން ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މިސެޝަންގެ ޕެނަލިސްޓުންގެ ގޮތުގައި ހަރަކާތްތެރިވާނީ އެލައިޑުގައި މަސައްކަތްކުރައްވާ އިންޝުއަރަންސް ތަޖުރިބާކާރުން ނެވެ.
މީގެ އިތުރުން ގައުމީ ދިފާއީ ބާރުގެ ފަޔަރ ޑިޕާޓްމަންޓުގެ އިސްވެރިއެއް ގެސްޓް ސްޕީކަރއެއްގެ ގޮތުގައި ބައިވެރިވެލައްވާ ގޮތަށް ހަމަޖެހިފައިވާ ކަމުގައި އެލައިޑުން ބުނެ އެވެ.
އެލައިޑުން އިންޝުއަރަންސް ކުންފުނިން ކްލަބްހައުސް އާއި ގުޅެން ނިންމި ނިންމުމާއި ގުޅިގެން އެކުންފުނިން ބުނީ މިއީ އާންމުންގެ ތެރޭ އިންޝުއަރަންސް ހައްލުތަކާއި ބެހޭ މައުލޫމާތު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނިންމި ނިންމުމެއް ކަމަށެވެ.
އެގޮތުން ބޭނުމަކީ ކްލަބްހައުސްގެ ޒަރިއްޔާއިން ވީހާވެސް ގިނަ ފަރާތްތަކަށް އިންޝުއަރަންސްގެ ސައްހަ މައުލޫމާތު ފޯރުކޮށްދީ ޒަމާނީ އަދި އީޖާދީ މަސައްކަތްތައް އެލައިޑުން ކުރުމުގައި އާންމުންގެ ޚިޔާލު ހޯދާ މިފަދަ މަސައްކަތްތަކުގައި އާންމުންގެ ޚިޔާލު އެކުލަވާލުން ކަމަށް ވެސް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް