ގދ. ގައްދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، ގައްދޫ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އެ ރަށް މޮނިޓަރިންއަށް ލާފައިވަނީ ކޮންޓެކްޓު ޓްރޭސިން ހަދައި ނިމެންދެންނެވެ.
މޮނިޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި އެޗްޕީއޭގެ ހުއްދަނެތި އެ ރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.
އެޗްޕީއޭއިން ބުނީ ގައްދޫ ޕޮސިޓިވް ކޭސްތަކާއި ގުޅިގެން ކޮންޓެކްޓު ޓްރޭސިން ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެންމެ ފަހުން މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ އާދިއްތަ ދުވހު ފުވައްމުލަކު ސިޓީ އެވެ. މިމަހުގެ މިހާތަނަށް 13 ރަށެއް މޮނިޓަރިންއަށް ލައިފަވެ އެވެ.
މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވެފައިވަނީ ރ. ދުވާފަރެވެ. އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހު އެވެ.
މިހާރު ކޯވިޑް ފެތުރޭތީ ބަލި ކޮންޓްރޯލް ކުރުމަށް މޮނިޓަރިންގެ ހާލަތުގައި 18 ރަށެއް އެބައޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް