ދަރަވަންދޫ ފުޓްސަލް ފިއެސްޓާ: ރޭގެ މެޗުތައް ކިންގްސް ޔުނައިޓެޑާއި ގާގަނޑު އެފްސީއަށް

ދަރަވަންދޫގައި މިހާރުކުރިއަށްދާ "ދަރަވަންދޫ ފުޓްސަލް ފިއެސްޓާ 2021" ގައި ރޭ ކުޅުނު މެޗުތައް ކިންގްސް ޔުނައިޓެޑާއި ގާގަނޑު އެފްސީ ކާމިޔާބުކޮށްފި އެވެ. ރޭ ކުޅުނު ފުރަތަމަ މެޗު ކިންގްސް ޔުނައިޓެޑުން ކާމި...

24 Aug 2021 | 05:18

ދަރަވަންދޫގައި މިހާރުކުރިއަށްދާ "ދަރަވަންދޫ ފުޓްސަލް ފިއެސްޓާ 2021" ގައި ރޭ ކުޅުނު މެޗުތައް ކިންގްސް ޔުނައިޓެޑާއި ގާގަނޑު އެފްސީ ކާމިޔާބުކޮށްފި އެވެ.

ރޭ ކުޅުނު ފުރަތަމަ މެޗު ކިންގްސް ޔުނައިޓެޑުން ކާމިޔާބުކުރީ އެފްސޯ ކްރީޗަރސް އާ ބައްދަލުކޮށް 10 ލަނޑު 4 ލަނޑުގެ ތަފާތު ނަތީޖާއަކުން ނެވެ.

ކިންގްސް ޔުނައިޓެޑުގެ ގޯލުތައް ޖަހައިދިނީ ސާމިޙް ޢަލީ ޝަރީފް 3 ގޯލް، މުޙައްމަދު އަނީލް 2 ގޯލު އަދި ޙަސަން ސަފޫޙު، ނާޖިޙް އަންވަރު، ޢަލީ ސަމީޙް އާއި މުޙައްމަދު ވިއާމް ވަހީދު ވަނީ ކޮންމެ ކުޅުންތެރިއަކު 1 ގޯލު ޖަހާފަ އެވެ. އަދި އެފްސީ ކްރީޗާސްގެ މުޙައްމަދު ނަޝީދުގެ އަތުން ބައިކޮޅަށް ވެސް ވަނީ ގޯލެއް ވަދެފަ އެވެ.

އެފްސީ ކްރީޗާސްގެ ގޯލުތައް ޖަހައިދިނީ އަބްދުލް މަތީން އަދި އަނޫފް ޙަސަން ކޮންމެ ކުޅުންތެރިއަކު 1 ގޯލެވެ. އަދި ޢަލީ މާއިޒް ވަނީ 2 ގޯލު ޖަހައިދީފަ އެވެ.

މި މެޗުގެ ޕްލެޔަރ އޮފް ދަ މެޗުގެ މަގާމު ހޯދީ ކިންގްސް ޔުނައިޓެޑުގެ ސާމިޙް ޢަލީ ޝަރީފް އެވެ.

ރޭ ކުޅުނު 2 ވަނަ މެޗުގައި ބައްދަލުކުރީ އެފްސީ ފެލްކަން އާއި ގާގަނޑު އެފްސީ އެެވެ. މި މެޗު 6 ލަނޑު 2 ލަނޑުން ކާމިޔާބުކުރީ ގާގަނޑު އެފްސީ އެވެ.

ގާގަނޑު އެފްސީ ގެ ގޯލުތައް ޖެހީ މުޙައްމަދު ހިޝާމް 2 ގޯލް، އާދިލް ރަޝީދު 2 ގޯލް އަދި އަޙްމަދު ރީހާން އާއި ނާއިފް މުޙައްމަދު ކޮންމެ ކުޅުންތެރިއަކު ގޯލެކެވެ.

މި މެޗުގެ ޕްލެޔަރ އޮފް ދަ މެޗަކަށް ހޮވުނީ ގާގަނޑު އެފްސީ ގެ މުޙައްމަދު ހިޝާމް އެވެ.

މި ނަތީޖާއާއެކު މި ފިއެސްޓާގެ ފިރިހެން ބައިގެ ކުޅުން ނިމި، ފައިނަލަށް ޓީމުތައް ވަނީ ހޮވިފަ އެވެ. އެގޮތުން ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް 12 ޕޮއިންޓާއެކު ތާވަލުގެ އެއްވަނަ ހޯދައިގެން ފައިނަލުގެ ފުރަތަމަ ޖާގަ ކިންގްސް ޔުނައިޓެޑު ވަނީ ހޯދާފަ އެވެ.

ފައިނަލުގެ 2 ވަނަ ޖާގަ ހޯދީ ފެލްކަން ޔުނައިޓެޑުން ނެވެ. އެޓީމު ވަނީ ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗު ކާމިޔާބުކޮށް 9 ޕޮއިންޓު ހޯދާފަ އެވެ.

މި ގްރޫޕުގައި ދެން ހިމެނޭ ގާގަނޑު އެފްސީ 4 މެޗު ކުޅެ، 2 މެޗުން މޮޅުވެގެން 6 ޕޮއިންޓު ލިބިފައިވާ އިރު، އެފްސީ ކްރީޗަރސް އާއި އެފްސީ ފެލްކަން އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

މި ފިއެސްޓާގައި މިރޭ ކުޅޭނީ އަންހެން ޓީމުތަކުގެ ފަހު 2 މެޗެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޑޮޔެންސް އާއި އެޗްއެސްއާރްސީ ބްލޫ ފްލޭމްސް އެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ އައްތަ އަދި އެޗްއެސްއާރްސީ ބްލޫ ބަޓަރފްލައިސް އެވެ.

މި ފިއެސްޓާގެ ފައިނަލު މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވަނީ މި އޯގަސްޓު މަހުގެ 27 ވާ ހުކުރު ދުވަހުގެ ރެއެވެ.

މިއަހަރުގެ ފިއެސްޓާގެ މީޑިއާ ޕާޓްނަރއަކީ ދުވަސްއެމްވީ އެވެ. ޓްރެވެލިންގ ޕާޓްނަރއަކަށް ފްލައިމީ ހަމަޖައްސާފައިވާ އިރު، ޕްރިންޓިންގ ޕާޓްނަރއަކީ އެންޕްލަސް އެވެ.

މުބާރާތް ލައިވް ކުރުމަށް ޓެލެކޮމް ޕާޓްނަރގެ ގޮތުގައި އުރީދޫ ވަނީ ހަމަޖައްސާފަ އެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއް ވެސް އެފްބީ ޕޭޖުން ލައިވް ކުރާނެ އެވެ.

މީގެ އިތުރުން ފައިނަލު މެޗުތައް ވީޓީވީ އިން ވެސް ވަގުތުން ދެއްކުމަށް ވަނީ ނިންމާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް