ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ އިސް ލީޑަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް 5 އަހަރު ދައުރެއް ލިބިވަޑައިގަންނަވަންޖެހޭ ކަމަށް އިހަވަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
މެމްބަރު މިހެން ވިދާޅުވީ، ރޭ ސަންގުޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުންނެވެ. ޝިފާއު މިހެން ވިދާޅުވި އިރު، ވެރިކަމުގެ ނިޒާމު ރިޔާސީ ނިޒާމުން ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ރައްޔިތުންގެ ފެންނަނުފެންނަ ވޯޓަކަށް ދިއުމަށް ގޮވާލާ އަބަދުވެސް ބޮޑުވަޒީރަކަށް ވުމުގެ ހުވަފެންފުޅުދެކެވަޑައިގަންނަވާ ދައުރު މެދުތެރެއިން އިސްތިޢުފާދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން ޕެޓިޝަނެއްގައި ސޮއިކުރުން ދަނީ ކުރިއަށެވެ.
ކުރިއަށް އޮތް 3 ވަރަކަށް މަސް ތެރޭ މި ޕެޓިޝަން ރައީސިލްޖުމްހޫރިއްޔާ އަށް ހުށައަޅުއްވާނެ ކަމަށް ބެލެވެއެވެ.
ޝިފާއު ވިދާޅުވީ ރައްޔިތުން ވޯޓު ދިނީ ރައީސް ޞާލިހަށް 5 އަހަރުގެ ދައުރަކަށް ކަމަށެވެ. އަދި 5 އަހަރު ދައުރެއް ފުރިހަމަ ނުކޮށް އިންތިހާބަކަށް ދެވޭނެ އެއްވެސް ވާހަކައަކީ ތާއީދު ކުރާނެ ވާހަކަތަކެއް ނޫން ކަމަށް ޝިފާއު ވިދާޅުވިއެވެ.
ޝިފާއު ވިދާޅުވީ ރައްޔިތުން ދޭ ވޯޓަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށާއި މިއަދު ގައުމު ހިނގަމުންދަނީ ރައްޔިތުން އެ އިންތިހާބުގައި ދިން ވޯޓުގެ ބާރުވެރިކަމުގެ ތެރޭގައި ކަމަށެވެ.
"ރައްޔިތު މީހާ ދިން ވޯޓަށް އިހުތިރާމް ނުކޮށް އަނެއްކާ ގޮސް މެދުތެރެއިން ރައްޔިތު މީހާގެ ކައިރީގައި ވޯޓެއްގެ ވާހަކަ ދައްކަން ލަދުގަންނަންޖެހޭނެ." މެމްބަރު ވިދާޅުވިއެވެ. އަދި ރައީސް ވެވަޑައިގެންނެވި ވައުދުތައް ނުފުއްދާ ނިޒާމު ބަދަލުކޮށްގެން އިންތިހާބަކަށް ދިޔަ ނަމަވެސް އަދި ނިޒާމު ބަދަލުނުކޮށް ދިޔަ ނަމަވެސް ލިބޭނެ މޮޅެއް ނެތް ކަމަށް ވިދާޅުވިއެވެ.
އެކަށީގެންވާ އަދަދެއްގެ ގިނަ ރައްޔިތުން އެދޭ ނަމަ ވެރިކަން ހިންގުމުގެ ނިޒާމާމެދު އާންމު ރައްޔިތުންގެ ވޯޓަކަށް ދިޔުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށް ތަރުޖަމާނު މަބްރޫކް އަޒީޒް އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
ރައީސް އޮފީހުގައ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އޮފީހުގެ ތަރުޖަމާނު މަބްރޫކް ވިދާޅުވީ ބަރުލަމާނީ ނިޒާމެއް ގެނައުމަށް ގޮވާލާ މިހާރު ސޮއި ކުރަމުންދާ ޕެޓިޝަންގައި ގިނަ އަދަދެއްގެ ރައްޔިތުން ސޮއި ކޮށްފި ނަމަ, އެ މަސައްކަތަށް ރައީސް ހުރަސްނުއަޅުއްވާނެ ކަމަށެވެ.
ޕެޓިޝަން ރައީސް އޮފީހަށް ފޮނުވައިފި ނަމަ އެއާމެދު އަޅަންޖެހޭ ފިޔަވަޅުތައް ގަވާއިދުން އަޅާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް