އުތުރު ކަޝްމީރުގެ ބާރަމުއްލާގައި ދިރިއުޅެމުން އަންނަ އުމުރުން އެންމެ 20 އަހަރުގެ ސަމާނިޔާ ބަޓަކީ އެ ހިސާބުގައި ރޭޑިއޯ ޖޮކީ (އާރްޖޭ) އެއްގެ ވަޒީފާ އަދާ ކުރާ އުމުރުން އެންމެ ހަގު ޒުވާނާއެވެ.
ސަމާނިޔާ ވަނީ ދާދި ފަހުން ޖަރނަލިޒަމް އެންޑް މާސް ކޮމިއުނިކޭޝަންގެ ދާއިރާއިން ބެޗެލަރޒް ޑިގްރީއެއް ހާސިލް ކޮށްފައެވެ.
ޑިގްރީ ހާސިލް ކުރުމަށް ފަހު ސަމާނިޔާ މިހާރު މަސައްކަތް ކުރަމުން އަންނަނީ ކަޝްމީރުގެ ސެޕޯރުގައި ހުންނަ ޗިނަރު 90.4 އެފްއެމްގައެެވެ. މިއީ އުތުރު ކަޝްމީރުގައި ޤާއިމް ކޮށްފައިވާ ފުރަތަމަ ރޭޑިއޯ ސްޓޭޝަންއެވެ.
އޭޝިއަން ނިއުސް އިންޓަރނޭޝަނަލްއަށް ދިން ބަސްދީގަތުމެއްގައި ސަމާނިޔާ ބުނެފައި ވަނީ އޭނާ ކަޝްމީރު ޑިސްޕެޗާއި އެކުވެސް 3 އަހަރު ވަންދެން މަސައްކަތް ކޮށްފައިވާ ކަމަށާއި، މަސައްކަތުގައި އަމަލީ ގޮތުން 'ގްރައުންޑު'ގައި ވެސް ހަރަކާތްތެެރި ވެފައިވާ ކަމަށެވެ. އަދި ރޭޑިއޯ ޗިނަރުން އުތުރު ކަޝްމީރުގައި ރޭޑިއޯ ސްޓޭޝަނެއް ޤާއިމް ކުރާ ކަން އެނގުމުން އެ ސްޓޭޝަނުން ވަޒީފާ ހޯދޭތޯ މަސައްކަތް ކުރުމަށް ނިންމި ކަމަށްވެސް ސަމާނިޔާ ވަނީ ބުނެފައެވެ.
އޭގެ ކުރިން ދުވަހަކުވެސް އޭނާ ރޭޑިއޯ ސްޓޭޝަނެއްގައި އާރްޖޭއެއްގެ ގޮތުގައި މަސައްކަތް ކުރާނެ ކަމަށް ހީކޮށްފައި ވެސް ނުވާ ކަމަށް ސަމާނިޔާގެ ބަސްދީގަތުމުގައި ބުނެފައި ވެއެވެ.
މިހާރު ސަމާނިޔާ އާންމުންނަށް އެނގިގެން ދަނީ 'އާރްޖޭ ސަމާނިޔާ'ގެ ނަމުންނެވެ.އޭނާ މިހާރު އަންނަނީ އަމިއްލަ ޕްރޮގްރާމެއް އުފައްދާ، އެ ޕްރޮގްރާމްގެ ތެރެއިން އެހުންތެރިންނާއި މުއާމަލާތުކޮށް އެންގޭޖު ވަމުންނެވެ. ސަމާނިޔާގެ ޕްރޮގްރާމަށް ކިޔަނީ 'ހައްލާ ބޮލް ވިތު އާރްޖޭ ސަމާނިޔާ'އެވެ.
ޗިނަރު ރޭޑިއޯ ސްޓޭޝަންގެ ވެރިޔާ ސާހިލް މުޒައްފަރު ވިދާޅުވާ ގޮތުގައި ސަމާނިޔާ އަކީ އެ ސްޓޭޝަންގައި މިހާތަނަށް މަސައްކަތް ކުރި އެންމެ ހަގު މެންބަރަށް ވުމުގެ އިތުރުން ސަޕޯރ އަދި ބަރަމުއްލާގައި މިހާ ތަނަށް މަސައްކަތް ކުރާ އެންމެ ހަގު ރޭޑިއޯ ޖޮކީ ކަމުގައެވެ.
މަސައްކަތުގެ ދާއިރާގައި އުޅޭ އިރު މީހުންގެ ފާޑުކިޔުމާއި ގުޅޭ ގޮތުން ސަމާނިޔާ ބުނީ ރަނގަޅު ކަމެއް ކުރި ނަމަވެސް ނުވަތަ ނުރަނގަޅު ކަމެއް ކުރި ނަމަވެސް އަބަދު ވެސް ފާޑުކިޔާނެ އެތައް ބަޔަކު ތިބޭނެ ކަމަށާއި، ޚާއްސަކޮށް މީސްމީޑިއާއަކީ މިހާރު މީހުން ހޫނު ފެނަށް ލުމަށް ބޭނުން ކުރާ ވަސީލަތަކަށް ވެފައިވާ ކަަމަށެވެ. މިއާއި އެކުވެސް ތަރުހީބުދޭ އެތައް ބަޔަކުވެސް ތިބޭކަން ސަމާނިޔާ ވަނީ ފާހަގަ ކޮށްފައެވެ.
އެހެން ކަމުން، ސަމާނިޔާ އަންހެން ކުދިންނަށް ދޭން ބޭނުންވާ މެސެޖަކީ ކުރާ މަސައްކަތެއްގައި ބިރު ނުގަނެ ކުރިއަށް ދިއުމަށެވެ.އޭނާ ބުނާ ގޮތުގައި އެ ކުއްޖެއްގައި 'ސްޕާކެއް' ނުވަތަ ކަން ކުރުމުގެ ޖޯޝެއް ހުރި ނަމަ އެއްވެސް މީހަކަށް އެ ކުއްޖަކު ނުހުއްޓުވޭނެއެވެ. އެކަން މިވަނީ ސަމާނިޔާ ސާބިތު ކޮށްދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް