ރޭޕްގެ ގިނަ ތުޙުމަތުތަކާއި އެކު ޗައިނާގެ އެކްޓަރު އަދި ކޮރެއާގެ އެކްސްކޯ ބޭންޑުގެ ކުރީގެ މެންބަރު ކްރިސް ވޫ ހައްޔަރު ކުރުމާއި ގުޅިގެން، އޭނާގެ ބަދަލުގައި "ގޯލްޑަން ހެއަރޕިން" ގެ ލީޑު ރޯލަށް އައު އެކްޓަރެއް ގެނެއުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓު ކޮށްފިއެވެ.
ކްރިސް ވޫ އާއި އެކު ޗައިނާގެ އެންމެ މަޝްހޫރު އެއް އަންހެން އެކްޓްރެސް ކަމަށްވާ ޔާންގ ޒީ ފެނިގެންދާ "ގޯލްޑަން ހެއަރޕިން" އަކީ މި އަހަރު އެންމެ ގިނަ ބަޔަކު އެ ޑްރާމާއަކަށް އިންތިޒާރު ކުރަމުން އަންނަ އެއް ޑްރާމާއެވެ.
މި ޑްރާމާއަކީ ޔާންގ ޒީ ޑްރާމާތަކުން ނުފެންނަތާ 2 އަހަރު ފަހުން ފުރަތަމަ ފަހަރަށް ނެރޭ ޑްރާމާ ކަމުން އޭނާއަށް ތާއީދު ކުރާ ޗައިނާ އަދި ބައިނަލްއަޤްވާމީ ފޭނުން ވަނީ މި ޑްރާމާ ބެލުމަށް ކެތް މަދު ވެފައެވެ. ނަމަވެސް 45 މިލިއަން ޑޮލަރުގެ ޕްރޮޑަކްޝަން ޚަރަދުތަކާއި އެކު އުފައްދާފައިވާ މި ޑްރާމާގެ މަސައްކަތް ކްރިސް ވޫ ފާއިތުވެ ދިޔަ ހަފްތާގައި ހައްޔަރު ކުރުމާއި އެކު މި ވަނީ ހުއްޓިފައެވެ.
ކްރިސް ވޫއާއި އެކު ކޮންޓްރެކްޓްތައް ހަދާފައިވާ ގިނަ ކުންފުނިތަކުން މިހާރު ވަނީ މި ކޮންޓްރެކްޓްތައް ބާތިލް ކޮށްފައެވެ. މި މައްސަލައާއި ގުޅޭ ގޮތުން ޑްރާމާގެ އަންހެން ބަތަލާ ޔާންގ ޒީ ބުނެފައި ވަނީ ހުރިހާ ކުރޫއިންނާއި އެކްޓަރުންވެސް މި ޑްރާމާއަށްޓަކައި ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި، ގިނަ ދުވަސް ދުވަހު ފަތިހު 4 ޖަހާއިރު ޝޫޓިންގ ގެ މަސައްކަތްތައް ފެށޭ ކަމަށެވެ.
އެހެން ކަމުން މި ޑްރާމާ ކެންސަލް ނުކޮށްލުމަށް ޔާންގ ޒީ ވަނީ 2 ފަހަރެއްގެ މަތިން އެކި އިންޓަރވިއުތަކުގައި އެދިފައެވެ. "ގޯލްޑަން ހެއަރޕިން" ޑްރާމާ މުޅިން ހުއްޓުމަކަށް އައިސްދާނެ ކަމުގެ ބިރު ހީވެފައި އޮތް ނަމަވެސް މިހާރު ދަނީ މި ޑްރާމާއަށް އުއްމީދީ ބަދަލުތަކެއް އަންނާނެ ކަމުގެ އިޝާރާތްތަކެއް ލިބެމުންނެވެ.
އާ ފިރިހެން ލީޑް އެކްޓަރަކާއެކު މި ޑްރާމާ އަލުން ޝޫޓު ކުރުމުގެ މަސައްކަތް ކުރަން ފަށާނެ ރިޕޯޓުތައް ބުނެ އެވެ.
ކްރިސް ވޫގެ ބަދަލުގައި ފެނިގެން ހިނގައިދާނެ އެކްޓަރުންގެ ލިސްޓުގައި ހިމެނެނީ މިވަގުތު ޗައިނާގައި އެންމެ މަޤްބޫލު އަދި އަގުބޮޮޑު 3 އެކްޓަރުންނެވެ. އެއީ ޝޫ ކައި، ޑެންގ ލުން އަދި ޝައު ޗާންއެވެ.
މީގެ ތެރެއިން ޑެންގ ލުން އާއި ޝައު ޗާންއަކީ މީގެ ކުރިންވެސް ޔާންގ ޒީއާއި އެކު ކާމިޔާބު ޑްރާމާތަކެއްގައި މަސައްކަތް ކޮށްފައިވާ ތަރިން ކަން ފާހަގަ ކޮށްލެވެއެވެ. އޭގެ ތެރޭގައި ޑެންގ ލުންއާއި އެކު ކުޅެފައިވާ "އޭޝަސް އޮފް ލަވް" އަދި ޝައު ޝަންއާއި އެކު ފެނިގެން ދިޔަ "ދަ އޯތު އޮފް ލަވް" ފަދަ ޑްރާމާތައް ފާހަގަ ކޮށްލެވެއެވެ.
ޝޫ ކައި އާއި އެކު އަދި ޔާންގ ޒީ ޑްރާމާއެއްގައި މަސައްކަތް ކޮއްފައި ނުވީ ނަމަވެސް، މިފަހަރު ޔާންޒީއާއި އެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނީ މިވަގުތު ޗައިނާ ފަންނާނުންގެ ތެރެއިން އެންމެ ބޮޑު މަޤުބޫލު ކަމެއް ލިބެމުންދާ ޝޫ ކައި އަށް ކަމަށް ގިނަ ނެޓިޒަނުން އަންނަނީ ބުނަމުންނެވެ. އެކި މަސްދަރުތަކުން ބުނާ ގޮތުގައި މި ޑްރާމާގައި ބަދަލު ކުރާނީ ކްރިސް ވޫ ހިމެނޭ ބައިތައް އެކަންޏެވެ.
ޔާންގ ޒީ އާއި އިތުރު އެކްޓަރުން ހިމެނޭ މަންޒަރުތަކަށް އިތުރު އެއްވެސް ބަދަލެއް ނުގެންނާނެއެވެ. މި ވާހަކަތައް އަދި ރަސްމީކޮށް ޑްރާމާގެ ޕްރޮޑަކްޝަން ޓީމުން އިއުލާން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ނަމަވެސް މި ޑްރާމާއަކީ ކުރިންވެސް ބޮޑު ބަޖެޓަކާއި އެކު ތައްޔާރު ކޮށްފައިވާ ޑްރާމާއެއް ކަމުން، އައު އެކްޓަރަކާއި އެކު ސީންތަކެއް ޝޫޓު ކުރުމަށްވެސް ބޮޑެތި އިތުރު ޚަރަދުތަކެއް ހޭދަ ވާނެއެވެ. އެހެން ކަމުން، ފަހަރުގައި އާރޓިފިޝަލް އިންޓެލިޖެންސް ބޭނުން ކޮށްގެން މައި ބަތަލުގެ މޫނު އެކަނި ބަދަލު ކުރެވިދާނެ ކަމަށް ބައެއް މީޑިއާތަކުން ބުނެއެވެ.
ކޮންމެ ގޮތަކަށް ބަދަލު ކޮށްގެން ނަމަވެސް މިހާރު މި ޑްރާމާ ބެލުންތެރިންނާއި ހަމައަށް އަންނާނެ ކަމުގެ އުއްމީދު ވެއިބޯ،ޓްވިޓަރ އަދި ފޭސްބުކް ފަދަ މަންސަތަކުގައި އަންނަނީ އާ ވަމުންނެވެ. މި ޑްރާމާގެ ކޮރެއާ ވަރޝަންއެއްވެސް ނެރުމަށް ހަމަޖެހިފައި ވެއެވެ. މިހާރު ކޮރެއާ ވަރޝަންގެ އެކްޓަރުންނާއިއެކު އެގްރީމެންޓްތައް ވެސް ވަނީ ހެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް