ބްލެކްމެއިލް ކުރުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުން، ސަމާލުވުމަށް އިލްތިމާސް ކުރަން: އެސްޕީ ހަމްދޫން

ރާއްޖޭގައި އެކި ގޮތްގޮތުން މީހުން ބްލެކްމެއިލްކޮށް، މީހުންގެ ކިބައިން ނާޖާއިޒް ފައިދާ ނެގުމުގެ މައްސަލަތައް ފުލުހުންނަށް  ހުށަހެޅުން އިތުރުވަމުންދާތީ އެކަމަށް ހުރިހާ ފަރާތްތަކުން މިހާރަށްވުރެ ބޮޑަށް ސ...

24 Aug 2015 | 03:30

ރާއްޖޭގައި އެކި ގޮތްގޮތުން މީހުން ބްލެކްމެއިލްކޮށް، މީހުންގެ ކިބައިން ނާޖާއިޒް ފައިދާ ނެގުމުގެ މައްސަލަތައް ފުލުހުންނަށް  ހުށަހެޅުން އިތުރުވަމުންދާތީ އެކަމަށް ހުރިހާ ފަރާތްތަކުން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް ކްރައިމް އިންވެސްޓިގޭޝަންސް ކޮމާންޑުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު އެދިވަޑައިގެންފިއެވެ.

ޕޮލިސް ލައިފްގައި ޗީފް އެސްޕީ ހަމްދޫން ރަޝީދު ވިދާޅުވެފައިވަނީ މާލެ އާއި އަތޮޅުތަކުގައި އެކި ގޮތްގޮތުން މީހުން ބްލެކްމެއިލްކޮށް އެފަރާތްތަކުން ބޭނުންވާ ނާޖާއިޒް ފައިދާ ނެގުމުގެ މައްސަލަތައް ހުށަހެޅުން އިތުރުވެފައިވާއިރު އެފަދަ މައްސަލަތަކުގައި އެކި ޢުމުރުގެ އެކި ފަންތީގެ ދެޖިންސުގެ މީހުން ހިމެނޭކަމަށެވެ. މިގޮތުން އެކިއެކި މުއައްސަސާތަކުގެ އިސް ބައެއް ފަރާތްތަކާ، ސްކޫލުތަކުގައި ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުންނާ އެކި ފަންނުތަކުގައި ފާހަގަ ކުރެވޭ މީހުންނާ ގުޅުންހުރި މައްސަލަތައް ހުށަހެޅެމުންދާ ކަމަށެވެ. މީގެ އިތުރުން ކަމުވޮށިގެންވާ އަދި ޤަދަރު ލިބިފައިވާ ބައެއް ފަރާތްތަކަށްވެސް މިކަމުގެ ނޭދެވޭ ކަންކަމާ ކުރިމަތިލާން ޖެހިފައިވާކަން ހަމްދޫން ރަޝީދު ފާހަގަ ކުރެއްވިއެވެ.

މިފަދަ ކޮންމެ މައްސަލައެއްގެ ތަޙުޤީޤުގެ ތެރެއިން މައްސަލައާއި ގުޅުންހުރި ބައެއް އެހެނިހެން ކަންކަންވެސް ހާމަވަމުންދާއިރު މިފަދަ މައްސަލަތަކަކީ މީހާގެ ޢިއްޒަތާ އަބުރުގެ ކަރާމާތާ ގުޅުންހުރި ކަންކަމަށްވާތީ ހުރިހާ ފަރާތްތަކުންވެސް މިކަމަށް ސަމާލުކަން ދިނުމަކީ މުހިއްމު ކަމެއްކަން ކްރައިމް އިންވެސްޓިގޭޝަންސް ކޮމާންޑުގެ ހެޑް ފާހަގަ ކުރެއްވާފައި ވެ އެވެ.

ޗީފް އެސްޕީ ހަމްދޫން ފާހަގަ ކުރެއްވާފައިވާ ގޮތުގައި މި ނާތަހުޒީބު ޢަމަލު ހިންގައި މިފަދަ ޖަރީމާތައް ހިންގުމުގެ ފުރުޞަތު ލިބެނީ އެކަންކަމަށް ޢާއްމު ރައްޔިތުންގެ ފަރާތުން ދޭންވާ ސަމާލުކަން ނުދިނުމުގެ ސަބަބުންނާއި ތިމާއާއެކުގައި ގާތް ގުޅުން ބާއްވާ ފަރާތްތަކުގެ ފުރިހަމަ މަޢުލޫމާތު ދެނެގަނެ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. އަދި ބްލެކްމެއިލް ކުރުމުގެ ނުރައްކާތެރި ޙާލަތެއް އެއްވެސް ރައްޔިތަކަށް ކުރިމަތިވެއްޖެނަމަ އެކަން ލަސްނުކުރައްވައި ފުލުހުންނަށް ހުށަހެޅުއްވުމަށް ޗީފް އެސްޕީ ހަމްދޫން އެދިވަޑައިގެންނެވި އެވެ. އަދި މިފަދަ މައްސަލަތައް ސިއްރުވެރިކަމާ ރައްކާތެރިކަމާއެކު ބަލައިދީ މިފަދަ ނުރައްކަލުން އެރައްޔިތަކު ސަލާމަތްކޮށްދޭން ފުލުހުން މަސައްކަތްކޮސް އެމައްސަލަ ބަލައިދޭނެކަމުގެ ފުރިހަމަ ޔަޤީންކަން ރައްޔިތުންނަށް ދެއްވާކަމުގައިވެސް ހަމްދޫން ރަޝީދު ވިދާޅުވެފައި ވެ އެވެ.

އެސްޕީ ހަމްދޫން އިތުރަށް ވިދާޅުވެފައި ވަނީ ކަންމިހެން ހުރުމާއެކު މިކަމަށް ލޮބުވެތި ހުރިހާ ރައްޔިތުން މިހާރަށްވުރެ ބޮޑަށް ސަމާލުކަންދީ މިފަދަ މައްސަލަތައް މަދުކޮށް ބްލެކްމެއިލް ކުރުމުގެ ޢަމަލު ހިންގުމުގެ ފުރުޞަތު އެއްވެސް ފަރާތަކަށް ނުދިނުމަށް ފުލުހުންގެ ފަރާތުން އިލްތިމާސް ކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް