އަމިއްލަ ނިންމުންތަކަށް އަމިއްލައަށް ގޮންޖަހާކަމީ ގާނޫނީ ވެރިކަމެއް ނެތްކަމުގެ ހެއްކެއް: އެމްޑީޕީ

ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރުމަށްފަހު ބަދަލުކުރި މުއްދަތު ހަމަވުމުން އަނބުރާ ޖަލަށް ގެންގޮސްފައިވާއިރު ސަރުކާރުގެ އަމިއްލަ ނިންމުންތަކަށް ސަރުކާރުން އަމިއްލައަށް ފާޅުގައި ގޮންޖަހައި އޭގެ ގާނޫނީ...

24 Aug 2015 | 03:19

ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކުރުމަށްފަހު ބަދަލުކުރި މުއްދަތު ހަމަވުމުން އަނބުރާ ޖަލަށް ގެންގޮސްފައިވާއިރު ސަރުކާރުގެ އަމިއްލަ ނިންމުންތަކަށް ސަރުކާރުން އަމިއްލައަށް ފާޅުގައި ގޮންޖަހައި އޭގެ ގާނޫނީ ބާރު ކަނޑުވާލަމުންދާކަމީ މި ރާއްޖޭގައި ގާނޫނުގެ ވެރިކަމއް ނުހިނގާކަމުގެ އަލިގަދަ ހެއްކެއް ކަމަށް އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީން ބުނެފި އެވެ.

އެ ޕާޓީން މިހެން ބުނީ ރައީސް ނަޝީދު އަނބުރާ ޖަލަށް ގެންދިއުމަށް އެކަން ކުށްވެރިކޮށް މިއަދު ނެރުނު ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ރައީސް ނަޝީދު އަލުން އަނބުރާ ޖަލަށް ބަދަލުކޮށް އަނެއްކާ ވެސް ޢަބްދުﷲ ޔާމިން ގެ ސަރުކާރުން ޤާނޫނުން ބޭރުން ޢަމަލުކޮށްފައިވާތީ އެމްޑީޕީން އެކަން އެންމެ ހަރު އަޑުން ކުށްވެރިކުރާ ކަމަށެވެ. އަދި ޢަބްދުﷲ ޔާމިން ގެ ސަރުކާރުން ރައީސް މުޙައްމަދު ނަޝީދު އަލުން އަނބުރާ ޖަލަށް ގެންގޮސްފައިވަނީ އެމަނިކުފާނު ބަންދުގައި ހުންނަވާ މ.ޔާގޫތުގެއަށް ރޭ 9:30 ހާއިރު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މީހުންނާއި ގިނަ އަދަދެއްގެ އެސް.އޯ ފުލުހުން ފޮނުވައި، ޣައިރު ޤާނޫނީ ޢަމަލުތައް ހިންގުމަށްފަހުގައި ކަމަށް އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

"ރައީސް ނަޝީދު ގެ ޤާނޫނީ ވަކީލުން، ކަރެކްޝަނަލް ސަރވިސްގެ މީހުންނަށް އެމަނިކުފާނު ދާއިމީކޮށް ގެޔަށް ބަދުލުކުރިކަމަށް ކުރިން އެ ސަރވިސް އިން ދިން ލިޔުން ދެއްކުމުން ވެސް ޤާނޫނުން ބޭރުން އެ ސަރވިސް ގެ މީހުން ޢަމަލުކޮށްފައިވާކަން ފާހަގަކުރަން، އަދި އެ ސަރވިސްގެ މީހުން އެދުނު ގޮތަށް ރައީސް ނަޝީދު ޖަލަށް ވަޑައިގަތުމަށް އެމީހުންނާއެކު ނުކުމެވަޑައިގަންނަވަނިކޮށް ވެހިކަލް ހަމަޖެހެންދެއް އިހަށް މަޑުކުރެއްވުމަށް އެދުމުން މަޑުކުރެއްވިތަނާ، އެސް.އޯ ފުލުހުން ޔާގޫތުގޭ ބޭރު ގޭޓު ހަލާކުކޮށްލުމަށްފަހު އެގޭތެރެއަށް ޤާނޫނާ ޚިލާފަށް ގަދަބާރުން ވަދެގަނެ، ގޭތެރެއާއި ބޭރުގައި ތިބި އާންމު މީހުންގެ ލޮލަށާއި ނޫސްވެރިންގެ ލޮލަށް ގިނަ އަދަދަކަށް ޕެޕަރ ސްޕްރޭ ޖަހައި ޣައިރު ޤާނޫނީ ޢަމަލުތައް ހިންގާފައިވާކަން ފާހަގަކުރަން" އެމްޑީޕީގެ ބަޔާނުގައި ވެ އެވެ.

އެމްޑީޕީގެ ބަޔާނުގައި ބުނެފައިވަނީ ސަރުކާރުގެ މިފަދަ ޣައިރު ޤާނޫނީ ޢަމަލުތައް ވަގުތުން ހުއްޓާލުމަށާއި، ނާއިންސާފުން 13 އަހަރު ދުވަހުގެ ޖަލު ޙުކުމް އިއްވާފައިވާ މި ޕާރޓީގެ ރައީސް މުޙައްމަދު ނަޝީދު ވަގުތުން މިނިވަންކުރުމަށް ގޮވާލާ ކަމަށާއި އަދި ސަރުކާރުގެ މި ޣައިރު ޤާނޫނީ ޢަމަލުތައް ބަލައި ފިޔަވަޅު އެޅުމަށް މިނިވަން މުވައްސަސާތަކަށްވެސް ގޮވާލާ ކަމަށެވެ.

ރައީސް ނަޝީދު ގެއަށް ބަދަލުކުރިކަމުގެ ލިޔުން ކަރެކްޝަންސް އިން ހަވާލުކޮށްފައިވާކަމަށް އެމްޑީޕީންނާއި ރައީސް ނަޝީދުގެ ވަކީލުން ބުނަމުން އަންނައިރު އެފަދަ އެއްވެސް ލިޔުމެއް ހަވާލުކޮށްފައި ނުވާނެ ކަމަށް ކަރެކްޝަންސް އިން ވަނީ ރޭ ބުނެފަ އެވެ. އެ މުއައްސަސާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ނަޝީދު އަނބުރާ ޖަލަށް ގެންދިޔައީ ގޭ ބަންދަށް ބަދަލުކުރި މުއްދަތު ހަމަވުމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް