ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނެސް އެ ފަރާތްތަކާއިމެދު އިހުމާލުވާ ފަރާތްތައް ބައި ލައްކަ ރުފިޔާއިން ޖޫރިމަނާކުރެވޭނެހެން ވަޒީފާއާއި ބެހޭ ޤާނޫނަށް އިޞްލާޙެއް ހުށަހަޅައިފިއެވެ.
މި އިސްލާޙުގައި ފާހަގަކޮށްފައިވާ މުހިއްމު އެއް ކަމަކީ ދިވެހި ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ ފަރާތެއް ރާއްޖެ ގެނައުމަށްފަހު އެ ފަރާތްތަކާއިމެދު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކާއިމެދު އެޅިދާނެ ކަމަށް ބަޔާންކުރާ ފިޔަވަޅުތަކެވެ.
އެގޮތުން ބިދޭސީ މަސައްކަތްތެރިން ގެނައުމަށްފަހު އިހުމާލުވާ ވަޒީފާދޭ ފަރާތްތަކުގެ މަޢުލޫމާތު ޢާންމުކުރުމާއި އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50،000ރ (ފަންސާސް ހާސް ރުފިޔާ) އިން ޖޫރިމަނާކުރުމުގެ އިތުރުން ތަކުރާރުކޮށް އިހުމާލުވުމުގެ ޢަމަލުތައް ހިންގާ ވަޒީފާދޭ ފަރާތްތައް ޖޫރިމަނާ ކުރުމުގެ އިތުރުން ބިދޭސީ މަސައްކަތްތެރިންނާ ގުޅޭގޮތުން ވަޒީފާދޭ ފަރާތައް ދޭ ޚިދުމަތްތައް ކަނޑައަޅާ ވަކި މުއްދަތަކަށް ހުއްޓާލުމެވެ.
ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ދާއޫދު ސްޕޮންސަރކޮށްފައިވާ މި ބިލުގައި ބުނެފައިވަނީ ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ދިވެހިރާއްޖޭގެ ގަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަތައް ޙައްލުކުރުމަށްޓަކައި، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާ ގުޅޭގޮތުން ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގައި ކަނޑައަޅާފައިވާ އުސޫލުތައް އިޞްލާޙުކޮށް، ޤާނޫނު ތަންފީޛުކުރުން އިތުރަށް ހަރުދަނާކުރުމަށްޓަކައި ބުނެވިދިޔަ ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް