ތުޅާދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި

ބ. ތުޅާދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައި ވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު، އަޙުމަދު ނަސީމާއި، ތުޅ...

24 Jul 2023 | 14:07

ބ. ތުޅާދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައި ވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހެލްތު، އަޙުމަދު ނަސީމާއި، ތުޅާދޫ ދާއިރާގެ މެމްބަރު އަލްއުސްތާޛާ ޙިސާން ޙުސައިން އާއި، ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު، އަޙުމަދު އާދިލް، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ  އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އެމްޓީސީސީއިން ބުނީ އެ ރަސްމިއްޔާތުގައި، މަޝްރޫޢު އިފްތިތާޙް ކޮށްދެއްވުމުގެ ގޮތުން، އިމާރާތުގެ ފައުންޑޭޝަނަށް ކޮންކްރީޓް އޮއްސަވާލެއްވީ، މިނިސްޓަރ އޮފް ހެލްތު، އަޙުމަދު ނަސީމާއި، ތުޅާދޫ ދާއިރާގެ މެމްބަރު އަލްއުސްތާޛާ ޙިސާން ޙުސައިން އާއި، އެމްޓީ ސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމް ކަމަށެވެ.

ތުޅާދޫގައި ޢިމާރާތްކުރަން ފެށޭ މި ހޮސްޕިޓަލްއަކީ ރަށުގެ މުޅި އާބާދީއަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށް އެމްޓީސީސީ އިން ފާހަގަ ކުރައެވެ.

ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ނިމުމުން، ތުޅާދޫ ރައްޔިތުންނެކޭ އެއްފަދައިން ހިތާދޫ ރައްޔިތުންނަށް ވެސް، އަދި މިރަށާ ކައިރީގައިވާ ގޮއިދުއާ، ފުޅަދޫ، އަދި ފެހެންދޫގެ ރައްޔިތުންނަށް ވެސް ފައިދާ ވެގެންދާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.

ހަމަ އެހެންމެ، އެ ހިސާބުގައި ތަރައްޤީ ކުރެވޭ ރިސޯޓުތަކުގެ މުވައްޒަފުންނަށް ވެސް ފައިދާ ކުރާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ވޭތުވެދިޔަ އަހަރުތަކުގައި މާބަނޑު އަންހެނުން ވިހެއުމާއި، ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމާއި އެކްސްރޭ ނެގުންފަދަ ޙިދުމަތްތަކަށް، ތުޅާދޫ ރައްޔިތުން ދާންޖެހިފައިއޮތީ އެ އަތޮޅު އޭދަފުއްޓަށް ނޫނީ މާލެއަށް ނުވަތަ ރާއްޖޭން ބޭރަށެވެ.

ނަމަވެސް މިއަދު ބިންގާ އެޅިގެން ދިޔަ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ނިމުމުން އެ ބުރަ ތުޅާދޫ ރައްޔިތުން ދެން އުފުލާކަށް ނުޖެހޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެ މަޝްރޫޢުގެ ދަށުން، އެކޮމޮޑޭޝަން ބްލޮކަކާއި ސަރވިސް ބްލޮކެއް ހިމެނޭހެން، 30 އެންދު އެކުލެވޭ 2 ފަންގިފިލާގެ އިމާރާތެއް ކުރެވިގެންދާނެ ކަމަށް އެމްޓީސީސީ އިން ހާމަކޮށްފައިވެއެވެ.

މިއީ 114.50 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް