އޮސްޓްރޭލިޔާ އާއި ޔުނައިޓޭޑް އަރަބް އެމިރެޓްސްގެ ސަރުކާރުން ކަނޑައެޅުއްވި އާ ސަފީރުން އެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވައިފިއެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު ބާއްވަވާފައި ވަނީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
އޮސްޓްރޭލިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރަކީ ޑޭވިޑް ޖަސެޕް އެވެ. އަދި ޔުނައިޓޭޑް އަރަބް އެމިރެޓްސްއިން ކަނަޑައެޅުއްވި އައު ސަފީރަކީ ހިޒްއެކްސެލެންސީ ޝެއިޚް ރަހްމާން ބިން އަބްދުލް ރަހްމާން ބިން ރަހްމާ އަލް ޝަމްސީ އެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ އާ ސަފީރުންނަށް މަރުޙަބާ ދަންނަވާފައެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ދެ ބޭފުޅުންވެސް ވަނީ ދެ ޤައުމުގެދެމެދުގައި މިހާރު އޮތް ހަރުދަނާ ގުޅުމާއި ގުޅޭގޮތުން މަޝްވަރާކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ވާހަކަފުޅުދައްކަވާފައެވެ.
އަދި އޮސްޓްރޭލިޔާގެ ސަފީރު ވަނީ އަންނަ އަހަރަކީ ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 50 އަހަރު ފުރާ އަހަރުކަމަށް ފާހަގަކުރައްވާފައިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް އިބޫ ސޯލިިހު ވަނީ ރާއްޖެ ތަރައްޤީ ކުރުމުގައި ޔޫ.އޭ.އީއިން އަދާކުރާ މުހިންމު ދައުރާއި، ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމުގައި ޔޫ.އޭ.އީއިން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި އެކަމަށްޓަކައި އެމަނިކުފާނު ވަނީ ޔޫ.އޭ.އީ.ގެ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށްއިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.
ރައީސް އާއި ޔޫ.އޭ.އީއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ދެމެދު ބޭއްވެވި މަޝްވަރާތައްނިންމަވާލެއްވީ ރާއްޖެއާއި ޔޫ.އޭ.އީ.އާ ދެމެދު އޮތް އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ދެ ފަރާތުން ވެސް މަސައްކަތް ކުރައްވާނެކަމުގެޔަޤީންކަން ދެއްވަމުންނެވެ.
ރާއްޖޭގެ ތަރައްޤީއަށް މުހިންމު ދާއިރާތައްކަމުގައިވާ މީހުން ބިނާކުރުމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިކޮށްދިނުންފަދަ ކަންކަމުގައި އޮސްޓްރޭލިޔާ ސަރުކާރުން ދޭއެހީތެރިކަން ރައީސް ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.
މީގެ އިތުރަށް، ރައީސްއާއި އޮސްޓްރޭލިޔާގެ ސަފީރު ވަނީ މަތީ ތަޢުލީމުގެ ދާއިރާއާއި ވިޔަފާރިއާއި މޫސުމަށް އަންނަ ބަދަލުތަކުގެ ދާއިރާއާއި ވައިގެ ދަތުރުފަތުރާއިފަތުރުވެރިކަމާއި ސަލާމަތާ ރައްކާތެރިކަމުގެ ދާއިރާއާ އިޤްތިޞާދީ ދާއިރާއިން ގުޅުންބަދަހިކުރުމާ އަދި މި ނޫންވެސް ދެ ޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކާގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ދެމެދު އޮތް ގާތްގުޅުން ކުރިމަގުގައި އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެޔަޤީންކަން ދެއްވާފައެވެ.
ދިވެހިރާއްޖެއާއި އޮސްޓްރޭލިޔާއިން ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 1974 ވަނަ އަހަރުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް