ނިމިގެންދިޔަ ތިން އަހަރު ތެރޭގައި 150 މަޝްރޫއެއް ނިންމާފައިވާ ކަމަށާއި މިހާރުވެސް 80 އަށްވުރެ ގިނަ ރަށުގައި 150 މަޝްރޫއެއްގެ މަސައްކަތް ކުރިއަށްދާ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ރަށެއްގައި ހިންގާ ކޮންމެ މަޝްރޫއެއްވެސް އެ ރަށެއްގެ ރައްޔިތުންނާއި ކައުންސިލާއި އެ ދާއިރާގެ މަޖިލިސް މެމްބަރު ބޭނުންވާ ގޮތަށް ނިންމުމަކީ އަދުގެ ރައީސް،އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސަތު ކަމަށް ތުޅާދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އާޒިމް ވިދާޅުވިއެވެ.
މީގެ އިތުރަށް އާޒިމް ވިދާޅުވީ، ސަރުކާރަށް މިވީ ހަތަރު އަހަރުގެ ތެރެއިން ކޮވިޑަށް ދެ އަހަރު ކެނޑުމަށްފަހު ލިބުނު ދެ އަހަރުގެ ތެރޭގައި އެތައް މަޝްރޫއެއް ހިންގާފައިވާއިރު، އެ މަޝްރޫއުތައް ކުރިއަށް ދަނީ ރައީސް ސޯލިހު އެކަންކަން ކޮށްދޭން ބޭނުންވާތީ ކަމަށެވެ. އަދި ރާއްޖެއަށް ބޭނުންވާ އަސާސީ ހިދުމަތްތައް އަވަހަށްގެނެސްދޭން ރައީސް ހުންނެވީ ކެތްމަދުވެފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
“އެތައް ހާސް އަހަރެއް ވެއްޖެ ރައްޔިތުން މިކަމަށް (އަސާސީ ހިދުމަތްތަކަށް) ބޭނުންވެފައި ތިބޭތާ. އެތައް ހާސް އަހަރެއްވެއްޖެ. ކާކުތޯ މިވަރަށް މިކަން ކޮށްދޭންބޭނުންވީ؟ ކޮން ރައީސަކުތޯ؟ އަޅުގަނޑު ރައީސް އާއެކު މި ހުންނަނީ މިތަން ފެނި، މިކަން އިމްޕްލިމެންޓް ކުރާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށް އިނގޭ ކިހާވަރަކަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅުންވަކަން ރައްޔިތުންނަށް މިކަންކަން ކޮށްދޭން،” އާޒިމް ވިދާޅުވިއެވެ.
މި ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ނުހުއްޓި ކުރިއަށްދާން ބޭނުންވާ ނަމަ ސަރުކާރު ދެމި އޮންނަންޖެހޭ ކަމަށް އާޒިމް ހާމަކޮށްފައިވެއެވެ. އަދި މި ސަރުކާރަކީ އިންތިހާބަށް ކަޑަޖަހާ ސަރުކާރެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރައްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް