ޓެކްނޮލޮޖީގެ ދާއިރާއިން ފުލުހުންގެ ކުރިއެރުންތައް ދައްކުވައިދޭ ސެންޓަރެއް ހުޅުވައިފި

ދިވެހި މުޖުތަމައުގެ އަމަންއަމާންކަން ކަށަވަރުކުރުމާއި ގާނޫނު ތަންފީޒު ކުރުމަށްޓަކައި ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދާފައިވާ ކުރިއެރުންތައް ދައްކުވައިދޭ “ސެންޓަރ އޮފް އެކްސަލެނ...

24 Jul 2023 | 10:10

ދިވެހި މުޖުތަމައުގެ އަމަންއަމާންކަން ކަށަވަރުކުރުމާއި ގާނޫނު ތަންފީޒު ކުރުމަށްޓަކައި ޓެކްނޮލޮޖީގެ ދާއިރާއިން ދިވެހި ފުލުހުންގެ ޚިދުމަތުން ހޯދާފައިވާ ކުރިއެރުންތައް ދައްކުވައިދޭ “ސެންޓަރ އޮފް އެކްސަލެންސް ފޮރ ޕަބްލިކް ސޭފްޓީ” ހުޅުވައިފިއެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، މި ސެންޓަރ ހުޅުއްވައިދެއްވީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ހެޑް އޮފް ސައިބަރ ސެކިއުރިޓީ ކައުންސިލް ޑރ. މުޙައްމަދު އަލް ކުވައިތީ އާއި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އަދި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޑރ. މުޙައްމަދު އަލް ވިދާޅުވީ ސެންޓަރ އޮފް އެކްސަލެންސް ފޮރ ޕަބްލިކް ސޭފްޓީއަކީ ދެ ގައުމުގެ މެދުގައިއޮތް ގާތްގުޅުންރަމްޒުކޮށްދޭ ތަނެއްކަމަށާއި، މި ސެންޓަރުގެ ސަބަބުން މުޖުތަމައުގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރަށް މަގުފަހިވެގެން ދާނެ ކަމަށެވެ.

އަދި އިޖުތިމާއީ އަދި އިގްތިޞާދީ ރޮނގުންވެސް ކުރިއެރުންތައް ލިބިގެންދާނެކަމަށާއި މި ރާއްޖޭގެ އެކިއެކި ދާއިރާތަކުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން އިތުރަށްހަރުދަނާކުރެވިގެން ދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“މިފަދަ މަސައްކަތް ތަކުން އަޅުގަނޑުމެން ހާސިލުކުރަން ބޭނުންވާ އެންމެ މުހިންމު ކަމަކީ ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން އެންމެ އަމާން، ރައްކާތެރިގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެއްކަމަށް ވެގެން ދިޔުމަށް” ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވިއެވެ.

އަދި މި އަމާޒު ހާސިލުކުރެވޭނީ ރައްޔިތުންގެސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރެވިގެންކަމަށްވެސް ޙަމީދު ވިދާޅުވިއެވެ.

މީގެ އިތުރަށް، މި ސެންޓަރުގައި ގާއިމުކޮށްފައިވާ އެކި ޕްލެޓްފޯމްތަކަކީ އާޓިފިޝަލް އިންޓެލިޖެންސް އަދި މެޝިން ލަރނިންގ ގާބިލިއްޔަތުތައް ބޭނުންކޮށްގެން، ދިވެހިމުޖުތަމައަކީ ކުށްމަދު މުޖުތަމައަކަށް ހެދުމަށް ބޭނުންކުރެވޭނޭ ވަސީލަތްތައް ދައްކުވައިދޭނެ ޕްލެޓްފޯމްތަކެއް ކަމަށް ފުލުހުން ބުނެފައިވެއެވެ.

އެގޮތުން، ކުށުގެ މާހައުލުދިރާސާކުރުމާއި، އެފަދަ މާހައުލުތަކުގައި ހިނގާ ކުށްތަކާއި ސެކިއުރިޓީ ރިސްކުތައް އެނަލިޓިކަލް ޓޫލްތަކުގެ އެހީގައި ދުރާލައި ދެނެގަތުމާއި، ތަހުގީގީ ގާބިލިއްޔަތުކަން އިތުރުކޮށްދިނުމުގެ އިތުރުން ސައިބަރ ތްރެޓްތައް ދެނެގަނެ، އެފަދަ ކުށްތައް ހުއްޓުވުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން ބޭނުންކުރާނޭ ބައެއް ވަސީލަތްތައް މިސެންޓަރުން ފެނިގެންދާނެކަމަށްވެސް ފުލުހުން ފާހަގަކުރެއެވެ.

ސެންޓަރ އޮފް އެކްސަލެންސް ފޮރ ޕަބްލިކް ސޭފްޓީ ވުޖޫދުކުރުމުގައި ދިވެހި ފުލުހުންގެ ޚިދުމަތަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވަނީ ޔުނައިޓެޑް އަރަބްއެމިރޭޓްސްގެ ކުންފުންޏެއްކަމަށްވާ "ޕްރީސައިޓް" އެވެ.

އެ ކުންފުންޏަކީ އާޓިފިޝަލް އިންޓެލިޖެންސް އަދި ބިގް ޑާޓާ އެނަލިޓިކްސްގެ ދާއިރާގައި ފާހަގަކޮށްލެވޭކާމިޔާބީތަކެއް ހޯދާފައިވާ ކުންފުންޏެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް