ނަޝީދުގެ ބަދަލުގައި ވެރިކަމަށް މިހާރު ނަޝީދު ބޭނުމީ އިލްޔާސް!

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަކީ ނަޝީދުގެ ބަދަލުގައި ވެރިކަމަށް ގެންނަން އެންމެ އެކަށޭނަ ފަރާތް ގޮތުގައި ކުރީގެ ރ...

23 Jul 2023 | 22:31

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަކީ ނަޝީދުގެ ބަދަލުގައި ވެރިކަމަށް ގެންނަން އެންމެ އެކަށޭނަ ފަރާތް ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފިއެވެ.

ދަ ޑިމޮކްރެޓްސްގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގެ ވެރިކަމަށް މިހާރަށްވުރެ ޒުވާން ލީޑަރުން ބޭނުންވާ ކަމަށެވެ.

ނަޝީދު ފުރަތަމަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވީ އިލްޔާސް ލަބީބުގެ އުމުރުފުޅުގައިކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ އިލްޔާސް ލަބީބްގެ ހަރަކާތްތައް އެނގިލައްވާ ކަމަށާއި އަދި ރައީސް ކަމަށް ޝައުުވެރިކަމާއި ޖޯޝު އިލްޔާސްގެ އެބަހުރި ކަމަށެވެ.

ނަޝީދު އިލްޔާސް ސިފަ ކުރެއްވީ އިލްމު ހުރި، ތަންދޮރު ދަންނަ ޒުވާނެއްގެ ގޮތުގައެވެ.

"މިހާރު ރާއްޖޭގަ މިއުޅޭ ސިޔާސީ ބޭފުޅުންގެ ތެރެއިން ޑެފިސިޓާއި އިންފްލޭޝަން، އިންޓްރެސްޓް ރޭޓް ބަދަލުކުރީމާ ދެން ސޭވިންގްސްއަށް ވާނީ ކިހިނެތްތޯ، ޕްރޮފިޓް އެންޑް ލޮސް އެކައުންޓަކީ ކޮބާތޯ، ބެލެންސްޝީޓަކީ ކޮބާތޯޯ، އަންއެމްޕްލޮއިމެންޓްގެ ވާހަކަ... ދެއްކޭނީ ހަމައެކަނި އިލްޔާސް ލަބީބަށް" ނަޝީދު ވިދާޅުވިއެވެ.

އެ ކަންކަން އެނގި، އެ ވާހަކަތައް ކުރު މިނެޓްފެ ތެރޭގައި ދެއްކޭނެ އެހެން ސިޔާސީ ލީޑަރެއް އެހެން ޕާޓީއެއްގައި ނުހުންނާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އިލްޔާސްއާއެކު ފަށާ ދަތުރު ތަފާތު ވާނެ ކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ. އަދި ރައީސް ޞާލިހާއި އިލްޔާސް އަޅައި ކިޔާލުމުން ތަފާތުތައް ވަރަށް ބޮޑަށް ފާހަގަ ވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ އިލްޔާސްގެ ޒައާމަތުގައި ރާއްޖެއަށް ރަނގަޅު ގޮތް ހުށަހަޅާދޭ ކަމަށް އިލްޔާސް ވިދާޅުވާ ވާހަކަތަކުގެ ތެރެއިން ވަރަށް ބޮޑަށް ފާހަގަވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް