ރައީސް އިބްރާހިމް މުހައްމަދު ޞާލިހު މިހާރު އެހުންނެވީ މުސްކުޅިވެފައި ކަމަށާއި ވެރިކަމަށް ބޭނުމީ އިލްމީ ގާބިލު ޒުވާނުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ، ދަ ޑިމޮކްރެޓްސްގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ނަޝީދު ވިދާޅުވީ، އިލްމީ ގާބިލު ޒުވާނުން ވެރިކަމަކަށް އައުމަށް އެދި ދިވެހިރާއްޖެއިން ގޮވަމުންދާ ކަމަށެވެ. އަދި އަބަދުވެސް ބޭނުންވެފައި އޮތީ ދެން އަންނަން އޮތް ޖީލަކަށް މި ރާއްޖެ މިހާރު މިއޮތް މިންވަރަށްވުރެ ރަނގަޅަށް ރައްދު ކުރެވޭނެ ގޮތްތަކެއް ހޯދައިދޭން ކަމަށެވެ.
"ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް އަޅުގަނޑު ދަންނަވަން އޮތީ، މަނިކުފާނުވެސް މުސްކުޅިވި ވާހަކައޭ އަޅުގަނޑު މި ދަންނަވަނީ." ނަޝީދު ވިދާޅިވިއެވެ.
މީގެ އިތުރުން ނަޝީދު ވިދާޅުވީ އެތައް ބައެއްގެ މުޅި ހަޔާތް ވޭތުވެ މި ދިޔައީ ދިވެހިރާއްޖޭގައި ކަންކަން ސުލްހަވެރިކަމާއެކީގައި ކުރެވޭނެ އިންތިޒާމުތަކަކާއި ނިޒާމުތަކެއް ހޯދުމަށް ކަމަށެވެ.
އަދި ރައްޔިތުން ބޭނުންވާ ގޮތަށް، ރައްޔިތުންގެ ފަރާތުން، ރައްޔިތުންގެ ވެރިކަން މި ރާއްޖޭގައި ކުރެވޭނެ އުސޫލުތަކަކާއި ހަމަތަކެއް ހޯދުމުގައި މިދިޔަ ދުވަސަތަކުގައި މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.
"ވެރިކަމުގެ ދަހިވެތިކަމާ، ވެރިކަމުގެ ލައްޒަތާ، ވެރިކަމުގެ އަރާމަށްޓަކާ އުޅުން އެއީ އެއްވެސް އިރެއްގަ ހަމަގައިމުވެސް އަޅުގަނޑުގެ ހިތުގާ ކުޑަކޮށްވެސް އުފެދިފާއޮތް ޝައުގުވެރިކަމެއް ނޫން" ނަޝީދު ވިދާޅުވިއެވެ.
މި ވެރިކަމާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން ނަޝީދު ވިދާޅުވީ ވެރިކަމާ ހަވާލު ވަނީ ވައުދުތައް ވެގެން، ފަސް އަހަރު ތެރޭގައި އެ ވައުދު ފުއްދުމަށް ކަމަށެވެ. އަދި ރައީސް ކުރައްވާ ހުވަޔަކީ ރައްޔިތުންނަށް ހުށަހެޅި ހުށަހެޅުންތަކާ އެއްގޮތަށް ވެރިކަމުގެ ފަސް އަހަރު ކުރިއަށް ގެންދާނެ ކަމުގެ ހުވާ ކަމަށެވެ.
ނަމަވެސް މިދިޔަ ފަސް އަހަރު ފެނުނީ މި ހުވަޔާ ހިލާފު ވަމުން ދާކަން ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ސަރުކާރުން އެކަން ދޫކޮށް މުޅިން އެހެން މަސައްކަތްތަކުގައި މަސްއޫލުވީ ކަމަށާއި ވައްކަމާ ހީލަތްތެރިކަމާ ކޮރަޕްޝަނުގެ ވިޔާނުދާ އަމަލުތަކުގެ ތެރެއަށް ސަރުކާރު ގެނބުނު ކަމަށް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް