ދުނިޔޭގައި މަންކީ ޕޮކްސް ނުވަތަ މަކުނު ވިދުރި ފެންނަމުންދާ ހާލަަތަށް ބަލާއިރު ރާއްޖެއަށްވެސް މި ބަލި އައުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި އެހެންކަމުން ދުރާލާ ތައްޔާރުވަމުން އަންނަ ކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން މިހެން ބުނެފައިވަނީ މަންކީޕޮކްސް އައުޓްބްރޭކަކީ ބައިނަލްއަގްވާމީ ފެންވަރުގައި ކަންބޮޑުވާންޖެހޭ މިންވަރަށް ފެތުރެމުންދާ އާންމު ސިއްހަތަށް އޮތް ނުރައްކަލެއްކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އިއުލާނުކުރުމުން އެކަމާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
"ބަލީގެ ހާލަތު މިވަގުތު އޮތްގޮތަށް ރިއާޔަތްކުރެއްވުމަށްފަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ދުނިޔޭގެ ނިސްބަތުން ބަލީގެ ނުރައްކާތެރިކަން މިވަގުތު އޮތީ މެދުމިނުގެ ރިސްކުގައި ކަމަށާއި ބަލީގެ ނުރައްކާތެރިކަން ބޮޑަށް އޮތީ ޔޫރަޕްގެ ގައުމުތަކަށް ކަމުގައި ހާމަކުރައްވާފަ، މީގެ އިތުރުން މި ބަލި ކުރިން ފެތުރިފައިވާ ގައުމުތަކުގައި ބަލި ފެންނަގޮތާ ހިލާފަށް، އަލަށް މިބަލި ފެންނަ ގައުމުތަކުގައި ބަލި ފެތުރެމުންދާގޮތް ތަފާތުކަން ވަނީ ފާހަގަކުރެވިފައި، މި ބަލި އާންމުގޮތެއްގައި ގިނައިން ފެތުރިފައިވަނީ ފިރިހެނުންގެ މެދުގައި، ހާއްސަކޮށް އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގައި، ނަމަވެސް އަންހެނުންނާއި ކުޑަކުދިންގެ މެދުގައިވެސް މި ބަލި މަދު މިންވަރަކަށް ވަނީ ފެނިފައި" އެޗްޕީއޭގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެޗްޕީއޭއިން ބުުނެފައިވާގޮތުގައި މަންކީޕޮކްސް އަލަށް ފެންނަމުންދާ ގައުމުތަުގައި ި ބަލި ފެންނަމުންދަނީ ވަކި ޖަމާއަތްތަކެއްގެ މެދުގައި ކަމުގައިވީނަމަވެސް އަދި ބަލީގެ ހާލުދެރަވާ މިންވަރު ކުޑަނަމަވެސް ބަލިފެތުރޭގޮތް ތަފާތުވުމާއި، ގިނަ ގައުމުތަކެއްގައި މި ބަލި ހަލުވިކަމާއެކު ފެތުރެމުންދިއުމަކީ ނުހަނު ކަންބޮޑުވުން އޮތްކަމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ފާހަގަކުރެއެވެ. މިވަގުތު ބައްޔަށް ޓެސްޓް ކުރެވޭނެގޮތާއި ބައްޔަށް ފަރުވާކުރާނެ ބޭހާއި ބަލިން ރައްކާތެރިވުމަށް ދެވޭނެ ވެކްސިންފަދަ ވަސީލަތްތައް ދުނިޔޭގައި ވަރަށް މަދު ކަމަށާއި އެހެންކމުން ދުނިޔޭގެ ގައުމުތަކުން ގުޅިގެން ބަލި ކޮންޓްރޯލު ކުރުމަށް މަސައްކަތް ކުރުން މިއީ ނުހަނު މުހިންމުކަމެއް ކަމުގައި އެޗްޕީއޭއިން ބުނެފައިވެއެވެ.
"ދުނިޔޭގައި މި ބަލި ފެތުރެން ފެށުމާއެކު އެޗްޕީއޭއިން މިދަނީ ދުނިޔޭގައި މި ބަލި ފެތުރެމުންދާ ގޮތް މޮނީޓަރކޮށް މި ބައްޔާ ގުޅިގެން ރާއްޖެއިން ވާންޖެހޭ ތައްޔާރީތަކާ ދޭންޖެހޭ އިޖާބަ ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން، މިގޮތުން މި ބައްޔަށް ސިއްހީ ހިދުމަތްތެރިން އަހުލުވެރިކުރުމާއި ޓެސްޓް ކުރެވޭނެ ގޮތް ގާއިމުކުރުމުގެ މަސައްކަތް ކުރެވެމުންދޭ، މީގެ އިތުރުން ސަވައިލަންސް ހަރުދަނާކުރުމާއި، ބަލިޖެހޭ މީހުންނަށް ފަރުވާ ކުރުމާބެހޭ ގައިޑްލައިންތައް ކަނޑައެޅުންފަދަ މަސައްކަތްތަކާއެކު، ވެކްސިނާއި ބޭސް ލިބޭނެގޮތް މިދަނީ ބަލަމުން" އެޗްޕީއޭއިން ބުނެފައިވެއެވެ.
އެޗްޕީއޭގެ ނޫސްބަޔާނުުގައި ބުނެފައިވާގޮތުގައި ދުނިޔޭގައި މަންކީޕޮކްސް ބަލި ފެންނަމުންދާ ހާލަތަށް ބަލާއިރު ރާއްޖެއަށްވެސް މި ބަލި އައުމުގެ ފުރުސަތު އެބަ އޮތެވެ. ނަމަވެސް ކޮވިޑު ބައްޔާ އަޅާބަލާއިރު މިފަދަ ބައްޔެއް ފެތުރުމުގެ ފުުރުސަތު ބޮޑީ ވަރަށް ގައިގޯޅިކޮށް އެކުގައި އުޅޭ މީހުންގެ މެދުގައިކަމަށްވުމުން މި ބަލި ފެތުރޭ މިންވަރު ތަފާތުވާނެކަމަށާއި މަންކީޕޮކްސް ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަށް ސިއްހީ ހިދުމަތްތެރިއަކަށް ދެއްކުމަށާއި، ބަލި ކަށަވަރު ކުރެވެންދެންވެސް ވަގުތުން އެެހެންމީހުންނާ ގައިގޯޅިވުމުން ދުރުވެ އެކަހެރިވުމަކީ ވަރަށް މުހިންމުކަމެއް ކަމަށާއި ހާއްސަގޮތެއްގައި ބަލި ފެތުރުމުގެ ފުރުސަތު ބޮޑަށް އޮތް ފަރާތްތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިންމުކަމުގައިވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް