ފާއިތުވި ޖޫން މަހު ދައުލަތަށް ލިބުނު އާމްދަނީ 2021 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 44 އިންސައްތަ ވަނީ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ ތަފާސް ހިސާބުން ދައްކައިފިއެވެ.
ކަސްޓަމްސް ގެ ތަފާސް ހިސާބަށް ބަލާއިރު، 2021 ވަނަ އަހަރުގެ ޖޫން މަހު ދައުލަތަށް ލިބިފައިވަނީ 274 މިލިއަން ރުފިޔާއެވެ. އަދި މި އަހަރުގެ ޖޫން މަހު މި ޢަދަދުވަނީ 394 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
މީގެ އިތުރުން ފާއިތުވި ޖޫން މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީ.އައި.އެފް އަގު ވެސް ވަނީ 2021 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 78 އިންސައްތަ އިތުރުވެފައެވެ.
އެގޮތުން 2021 ވަނަ އަހަރުގެ ޖޫން މަހު ދިވެހިރާއްޖެއަށް 2.9 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ޖޫން މަހު މި ޢަދަދުވަނީ 5.2 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.
ފާއިތުވި މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އޮމާން، އިންޑިއާ، ޗައިނާ، ޔޫ.އޭ.އީ އަދި މެލޭޝިޔާ ހިމެނެއެވެ.
އޮމާން އިން 1.1 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، އިންޑިއާ އިން 636 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އަދި ޗައިނާ އިން 558 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.
މީގެ އިތުރުން ޔޫ.އޭ.އީ އިން 435 މިލިއަން ރުފިޔާގެ މުދާ، މެލޭޝިޔާ އިން 428 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް