މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ބިޑުކުރުމަށް ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑުން ތައްޔާރުވެއްޖެ ކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓުތަކުން ބުނެފިއެވެ.
ދުނިޔޭގެ ފުޓްބޯޅަ އަށް ހާއްސަ އިޓަލީގެ މަޝްޙޫރު ނޫސްވެރިޔާ، ފަބްރީޒިއޯ ރޮމާނޯ އާއި ހަވާލާދީ ސްޕެއިންގެ ނޫސްތަކުން ބުނެފައިވަނީ ރޮނާލްޑޯއަށް ބިޑުކުރަން އެތްލެޓިކޯއިން ތައްޔާރު ވަމުން އަންނަކަމަށާއި އެގޮތުން ރޮނާލްޑޯ އަށް ބިޑުކުރަން ފައިސާ ހޯދުމަށް އެ ކުލަބުން މިހާރު ވަނީ ލޯނު އުސޫލުން އެކުލަބަށް ކުޅެމުން އަންނަ ފްރާންސް ފޯވާޑް ންއެންޓޮނިން ގްރީޒްމަން ވިއްކާލުމުގެ މަސައްކަތް ފަށާފައި ކަމަށެވެ.
ރޮނާލްޑޯ ގެނައުމަށް އެތްލެޓިކޯއިން ބޮޑު ހަރަދެއް ކުރަން ޖެހުނު ނަމަވެސް އެތްލެޓިކޯއިން އަންނަނީ މިކަން ކުރުމަށް މަސައްކަތް ކުރަމުން ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އެގޮތުން ފްރާންސްގެ ޕީއެސްޖީ ހިމެނޭ ގޮތަށް ގިނަ ކުލަބުތަކަކަށް ގްރީޒްމަން ވިއްކާލަން ހުށައެޅުން ހުށައަޅާފައި ވާކަމަށާއި ނަމަވެސް ހުށައެޅި އެއްވެސް ކުލަބަކުން ގްރީޒްމަންއަށް ޝައުޤުވެރި ނުވާކަން ހާމަކޮށްފައި ވާކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ހަފުތާއަކު ތިން ލައްކަ ޕައުންޑުގެ މުސާރައެއް ދެމުން އަންނަ ގްރީޒްމަން ވިއްކާލުމަށް ފަހު އެ ފައިސާއިން ރޮނާލްޑޯ ގަތުމަށް އެތްލެޓިކޯއިން މަސައްކަތް ކުރަމުން އަންނަ އިރު ބާސާގެ އެއްބަސްވުމުގައި ވާ ގޮތަށް ލޯނުގެ މުއްދަތު ހަމަނުވަނީސް ގްރީޒްމަން ވިއްކާލާނަމަ އެތްލެޓިކޯއިން ބާސާއަށް 40 މިލިއަން ޕައުންޑުގެ އަގެއް ދައްކަން ޖެހޭނެ އެވެ.
މީގެ އިތުރުން އެތްލެޓިކޯއިން ހުށައެޅުމެއް އަތުވެއްޖެ ނަމަ ޔުނައިޓެޑުން ވެސް އޮތީ ރޮނާލްޑޯ އެ ކުލަބަށް ދޫކޮށްލަން ތައްޔާރަށެވެ. ނަމަވެސް ޔުނައިޓެޑުން ރޮނާލްޑޯ ދޫކޮށްލާނީ ލޯނު އުސޫލުން އެއް އަހަރު ދުވަހުގެ މުއްދަތައް ކަމަށް އެ ކުލަބުން ބުނެފައިވާކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.
ޔުނައިޓެޑުން ރޮނާލްޑޯ ދޫކޮށްލަން ބޭނުން ނުވި ނަމަވެސް ރޮނާލްޑޯގެ އެދުމުގެ މަތިން ޗެމްޕިއަންސް ލީގު ކުޅޭ ކުލަބަކަށް ޔުނައިޓެޑުން އޭނާ ދޫކުރާނެއެވެ. ނަމަވެސް އެއީ ދެން ޖެހިގެން އަންނަ ސީޒަނަށް ރޮނާލްޑޯ އެނބުރި ކުލަބާއި ގުޅޭ ގޮތަށެވެ. ޔުނައިޓެޑުން ބޭނުން ވަނީ ރޮނާލްޑޯގެ އެއްބަސްވުން އިތުރު އެއް އަހަރަށް ދިގުދަންމާލާށެވެ. ނަމަވެސް މިކަމުގައި އަދި ރޮނާލްޑޯއާއި އޭނާގެ އެޖެންޓް ޖޯޖް މެންޑޭޒްގެ ރަސްމީ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅޭ ޔޫރަޕުގެ ނަން މަޝްޙޫރު ބޮޑު ކުލަބަކުން ރަނގަޅު ހުށައެޅުމެއް ލިބިއްޖެ ނަމަ ރޮނާލްޑޯ އޭނާގެ މިހާރުގެ ކުލަބު މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ކުލަބުގެ މެނޭޖުމަންޓަށް އަންގާފައިވަނީ މި ހިނގާ ޖުލައި މަހުގެ ކުރީކޮޅުގައެވެ.
ބައެއް މީޑިއާތަކުން ޚަބަރު ފަތުރާފައިވާ ގޮތުގައި ރޮނާލްޑޯގެ އެޖެންޓް ޖޯޖް މެންޑޭސް ދަނީ ރޮނާލްޑޯއަށް ރަނގަޅު ކުލަބަކުން ހުށައެޅުމެއް ލިބޭތޯ މެދު ނުކެނޑި މަސައްކަތް ކުރަމުންނެވެ. އެގޮތުން މެންޑޭސް ރޮނާލްޑޯ ގެންދިއުމަށް ޔޫރަޕުގެ ނަން މަޝްޙޫރު ކުލަބުތަކާއި އެކު މަޝްވަރާކޮށްފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައި ވެއެވެ. އެ ކުލަބުތަކުގެ ތެރޭގައި ޔުނައިޓެޑާއި އެންމެ ވާދަވެރި ޗެލްސީއާއި ޖަރުމަނުގެ ބަޔާން މިޔުނިކާއި ސްޕެއިންގެ ބާސެލޯނާ އަދި ފްރާންސްގެ ޕީއެސްޖީ ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް