ދީނީ ޢިލްމުވެރިޔާ ޝައިޚް ފަޒްލޫން ބިން މުހައްމަދު މިރޭ ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
ޝައިޚް ފުލުހަށް ހާޒިރުވާން އަންގާފައިމިވަނީ ބަންދާމެދު ގޮތެއް ނިންމަން މި ޖުލައި މަހު 21 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލަން ކޯޓުން ނިންމާފައިވަނިކޮށްނެވެ.
މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ފާހަގަކުރި ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގައި ހަމަނުޖެހުން ހިންގި މައްސަލައިގައި ޝައިޚް ފަޒްލޫން ހައްޔަރުކޮށްފައިވަނީ ޖޫން 22 ވަނަ ދުވަހުއެވެ.
މިމައްސަލައާ ގުޅިގެން ޝައިޚް ފަޒްލޫން އިއްޔެ ވެސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލު ކޮށްފައިވާއިރު، މިރޭ ވެސް ހާޒިރު ކުރަނީ ތަހުގީގުގައި އިތުރަށް ކުރަން ޖެހޭ ސުވާލުތައް ކުރުމަށާއި ތަހުގީގު ބަޔާނުގައި ސޮއި ކުރުމަށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ޔޯގާ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި ޝައިޚް އާދަމް ނިޝާން ބިން އަލީ އާދަމް ވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި މި ޖުލައި މަހު 19 ވަނަ ދުވަަހު ޝައިޚް ނިޝާންގެ ބަންދުގެ މުއްދަތު 16 ދުވަހަށް ވަނީ އިތުރުކޮށްފައެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ޝައިޚް ނިޝާނާއި ޝައިޚް ފަޒްލޫނަށް ދީފައިވާ ޝައިޚް ފަޒްލޫނާއި ޝައިޚް ނިޝާންގެ ދީނީ ދަރުސް ދިނުމުގެ ހުއްދަ އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އެއީ ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީ، ފުލުހުން އެ ދެ ޝައިޚުންގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގަމުން ދާތީ ކަމަށް ވަނީ ބުނެފައެވެ.
ޔޯގާ ހަރަކާތް ހިނގި ވަގުތު ހަމަނުޖެހުން ހިންގި މައްސަލައިގައި 21 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭގެ ތެރެއިން ހަ މީހަކު މިހާރުވަނީ ދޫކޮށްލާފައެވެ.
އެ މީހުން ދޫކޮށްލާފައިވަނީ ތަހްގީގުގައި ބަލަން ޖެހޭ ކަންކަން ބެލުމަށްފަހުގައި ކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް އެ މައްސަލައިގެ ތަހްގީގު އަދިވެސް ކުރިއަށްދާނެ ކަމަށް ފުލުހުން ދަނީ ބުނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް