ދުނިޔޭގައި މިވަގުތު އޮތް ސީ ޕްލޭންގެ އެންމެ ބޮޑު ފްލީޓް ޓްރާންސް މޯލްޑިވްސް އެއަރވޭސް، (ޓީއެމްއޭ) ވިއްކާލަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ބްލޫމްބާގް ނޫހުގެ އޭޝިއާ އެޑިޝަންއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ޓީއެމްއޭ ވިއްކާލުމަށް ބައެއް އިންވެސްޓަރުންނާ މިހާރުދަނީ މަޝްވަރާތައްކ= ކުރަމުންނެވެ.
އެ ނޫހުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، 700 މިލިއަން ޑޮލަރުގެ އަގުހުރި، ދުނިޔޭގެ އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޓަރުގެ ވެރިފަރާތް ކަމުގައިވާ ޗާރލީލްއާއި އަދި ކޯ އިންވެސްޓަރުން ކަމުގައިވާ ކިންގ ސްޓްރީޓް ކެޕިޓަލް މެނޭޖްމަންޓާއި ޑޭވިޑްސަން ކެމްޕްނަރ ކެޕިޓަލް މެނޭޖްމަންޓުން މިހާރުވަނީ، މި އިންވެސްޓްމަންޓްގެ އެޑްވައިޒަރުންނާ އެކުގައި ވެސް މަޝްވަރާތައް ބާއްވާފައެވެ.
އެހެންނަމަވެސް މިއީ އަމިއްލަ ވިޔަފާރީގެ މުއާމަލާތަކަށްވާތީ އެ ނޫހުގައި އިތުރުމާގިނަ މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޓީއެމްއޭ ވިއްކާލުމުގެ މުޅި މުއާމަލާތުގެ އަގެއްގެ ގޮތުގައި 500 މިލިއަނާއި 700 މިލިއަނާ ދެމެދުގެ އަގެއް އަރާނެއެވެ.
2017 ވަނަ އަހަރު ޓީއެމްއޭގެ މެޖޯރިޓީ ހިއްސާ 550 މިލިއަން ޑޮލަރަށް ބައިން ކެޕިޓަލް ގަނެފައިވަނީ ޗައިނާގެ ޓެމްޕަސް ގްރޫޕާ ގުޅިގެންނެވެ. އެފަހަރު ކުންފުނީގެ މެޖޯރިޓީ ހިއްސާ ވިއްކާލަން ޖެހުނީ ކުންފުނިން ދައްކަންޖެހޭ ލޯން ފައިސާ ދެއްކޭ ގޮތް ނުވެގެންނެވެ. އެއަށްފަހު ޗާލިލް ގުރޫޕުން ޓީއެމްއޭގެ ބޮޑު ހިއްސާއެއް ވިއްކާލީ ފާއިތުވެދިޔަ އަހަރުގެ މެދު ތެރޭގައެވެ.
ޓީއެމްއޭގެ މުޅި ސީޕްލޭން ފްލީޓުގައި މި ވަގުތު 56 ބޯޓު ހިމެނެއެވެ. މި ފްލީޓުން ރާއްޖޭގެ 80 ރިސޯޓަކަށް ދަތުރު ކުރާއިރު، ގިނަ އަދަދެއްގެ ދިވެހި ޕައިލެޓުން ވެސް މަސައްކަތް ކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް