އާރްޓީއެލް ބަސްތައް އައްޑު ސިޓީ، ފުވައްމުލައް ސިޓީ އަދި ހައްދުންމައްޗަށް ފޮނުވަން ފަށައިފި

ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރްޓީއެލް) ބަހުގެ ޚިދުމަތް މާލެތެރެ އާއި އަތޮޅުތަކުގައި ފެށުމަށްޓަކައި އެމްޓީސީސީން ގެނެސްފައިވާ ބަސްތައް ރާއްޖޭގެ ތިން ސަރަހައްދަކަށް ފޮނުވަން ފަށައިފިއެވެ. އެގޮތުން އެމް...

24 Jul 2022 | 08:35

ރާއްޖެ ޓްރާންސްޕޯޓު ލިންކް (އާރްޓީއެލް) ބަހުގެ ޚިދުމަތް މާލެތެރެ އާއި އަތޮޅުތަކުގައި ފެށުމަށްޓަކައި އެމްޓީސީސީން ގެނެސްފައިވާ ބަސްތައް ރާއްޖޭގެ ތިން ސަރަހައްދަކަށް ފޮނުވަން ފަށައިފިއެވެ.

އެގޮތުން އެމްޓީސީސީން ބުނީ އައްޑު ސިޓީ، ފުވައްމުލައް ސިޓީ އަދި ހައްދުންމައްޗަށް (ލ. އަތޮޅު) ބަސްތައް ފޮނުވަން ފަށާފައިވާ ކަމަށެވެ.

އެ ޚިދުމަތް ދިނުމަށް ތައްޔާރުވުމުގެ ގޮތުން އެމްޓީސީސީން ވަނީ މި ޖުލައި މަހުގެ 16 ވަނަ 36 ބަސް ރާއްޖެ ގެނެސްފައެވެ. އަދި އިތުރު 5 ބަސް މި މަހު ފަހުކޮޅު ގެނައުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވަނީ ބުނެފައެވެ.

ބަހުގެ ޚިދުމަތް މާލެ ސިޓީއާއި އައްޑޫ ސިޓީއާއި ފުވައްމުލަށް ސިޓީ އަދި ލ. ގަން، ފޮނަދޫ އަދި ލ. އިސްދޫ ކަލައިދޫގައި ދިނުމަށް ވަނީ ނިންމާފައެވެ.

ބަހުގެ ޚިދުމަތުގެ ރޫޓުތަކާއި އޮޕަރޭޓް ކުރާނެ ގޮތް:

  • މާލެ ސިޓީ- 12 ބަސް 2 ރޫޓު
  • އައްޑޫ (ފޭދޫ - ހިތަދޫ) - 8 ބަސް 4 ރޫޓު
  • އައްޑޫ (ހުޅުމީދޫ) - 4 ބަސް 4 ރޫޓު
  • ފުވައްމުލަށް - 5 ބަސް 3 ރޫޓު
  • ލާމު މެއިންލޭންޑް (ގަން - ފޮނަދޫ) - 5 ބަސް 4 ރޫޓު
  • ލާމު އިސްދޫ - ކަލައިދޫ - 2 ބަސް 1 ރޫޓު

މާލޭގައި މިނީ ބަސް ތައާރަފް ކުރުމަކީ މި ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ވެސް ހިމެނޭ ކަމަކަށްވާއިރު، މިނީ ބަސް ތައާރަފްކޮށް ޚިދުމަތް ފެށުމަށް ޓްރާންސްޕޯޓް މިނިސްޓްރީން އެމްޓީސީސީއާ އެކު އެއްބަސްވުމެއްގައި ސޮއިކުރީ 2019 ވަނަ އަހަރުގެ ފެބުރުއަރީ މަހުއެވެ.

މި ޖުލައި މަހުގެ 17 ގައި މިނީ ބަހުގެ ޚިދުމަތް ފެށުމަށް މީގެކުރިން ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް ތަފާތު އެކި ސަބަބުތަކާހުރެ އެ ޚިދުމަތް ލަސްވެފައިވާއިރު، އެ ޚިދުމަތް ފަށާނެ ތާރީޚެއް ރަސްމީކޮށް އެއްވެސް އިދާރާއަކުން އަދި ހާމައެއް ނުކުރެއެވެ.

އާރްޓީއެލް ބަހުގެ ހިދުމަތާ ގުޅޭ ޝެޑިއުލް އެމްޓީސީސީގެ ވެބްސައިޓުން ލިބޭނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން މާލެ ތެރޭގައި ދުއްވާނީ ކުދި ބަހެވެ. އާރުޓީއެއްގެ ޚިދުމަތުގެ ދަށުން އަލަށް ގެނައި 36 ބަހުގެ ތެރެއިން މާލެއަށް 12 ބަސް ޚާއްސަ ކޮށްފައި ވާއިރު، ބާކީ ބަސްތައް ޚާއްސަ ކޮށްފައި ވަނީ އަތޮޅުތަކަށެވެ. އަދި މިހުރިހާ ބަހަކީ ޑީސެލް ބޭނުންކޮށްގެން ދުއްވާ ބަސްތަކެކެވެ.

އެމްޓީސީސީން އަލަށް މި ގެނައި ބަސްތަކާއެކު މިހާރު ގްރޭޓަރ މާލެ ސަރަހައްދުގައި ދުއްވާ ބޮޑެތި ބަސްތައް ހިމަނައިގެން 82 ބަސް އެބަ އޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް