ސްޓެލްކޯ މުވައްޒަފުންގެ ފްލެޓުތައް އަންނަ އޯގަސްޓު މަހު ހަވާލެކުރެވޭނެ: ޝަރީފް

ހިޔާ މަޝްރޫއުގެ ތެރޭގައި ހިމެނޭ ސްޓެލްކޯ މުވައްޒަފުންގެ ފްލެޓުތައް އަންނަ އޯގަސްޓު މަހު ހަވާލެކުރެވޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ސްޓެލްކޯގެ ޑިރެކްޓަރު ...

24 Jul 2022 | 07:35

ހިޔާ މަޝްރޫއުގެ ތެރޭގައި ހިމެނޭ ސްޓެލްކޯ މުވައްޒަފުންގެ ފްލެޓުތައް އަންނަ އޯގަސްޓު މަހު ހަވާލެކުރެވޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ ޑިރެކްޓަރު ބޯޑުންގެ މެންބަރުން، އެ ކުންފުނީގެ މުވައްޒަފުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގާ ޝަރީފް ވިދާޅުވީ އެ ފްލެޓުތައް އަންނަ އޯގަސްޓު މަހު 6 ގައި ހަވާލުކުރާނެ ކަމަށެވެ.

އެ ފްލެޓުތައް ހަވާލުކުރުމަށް ކުރިން ނިންމާފައި އޮތީ މިއަދުއެވެ.

ޝަރީފް ވިދާޅުވީ އެއްކޮޓަރީގެ އެޕާޓްމަންޓްތަކުން މަހުކުލީގެ ގޮތުގައި ނަގާނީ 5622 ރުފިޔާ ކަމަށާއި 1+2 އެޕާޓްމަންޓްތަކުން ނަގާނީ 10356، 10652 ދެމެދުގެ އަދަދެއް ކަމަށެވެ. އަދި އެއް އަހަރު ދުވަސް ވަންދެން ފެނާއި ނަރުދަމާއަށް ޖެހޭ މައްސަލަ ހައްލުކޮށްދޭނެ ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ ދިރިއުޅުމަށް ތައްޔާރުވަމަށްޓަކައި ދީފައިވާ މުއްދަތުގެ ތެރޭގައި މަހު ކުއްޔެއް ނުނަގާނެ ކަމަށެވެ.

މެއިންޓެއިނަންސް ފީގެ ގޮތުގައި އެއް ރޫމް އެޕާޓްމަންޓުން 1000 ރުުފިޔާ އަދި 2+1 އެޕާޓްމަންޓަކުން 1300 ރުފިޔާ ނެގުމަށް ނިންމާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް އިތުރަށް ވިދާޅުވީ އުސޫލުން ބޭރުން އެއްވެސް ފަރާތަކަށް ސްޓެލްކޯ ހިޔާގެ ފްލެޓްތައް ދީފައިނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށާއި މި މަޝްރޫއަށް 6540 މިލިއަން ދިވެހި ރުފިޔާ ޚަރަދުވެފައިވާ ކަމަށެވެ. އެހެންނަމަވެސް ބައެއް މަރާމާތުތަކަށްފަހު މި އަދަދު 700 މިލިއަން ރުފިޔާއަށް އެރުން އެކަށީގެންވާ ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ ދެ ޓަވަރެއްގައި، ސްޓެލްކޯގެ މުވައްޒަފުންނަށް 360 ފްލެޓް ވަނީ އިމާރާތް ކޮށްފައެވެ. އެއީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) 288 އެޕާޓްމެންޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް