ޗައިނާ: ކައިވެންޏަށް އާއިލާއިން ކުރި ޕްރެޝަރަށް ކެތް ނުކުރެވި ސިވިއަރ އެންޒައިޓީއަށް !

ޗައިނާގައި އަންހެނަކު ކައިވެނި ކުރަން އެދި އާއިލާއިން ކުރި ޕްރެޝަރަށް ކެތް ނުކުރެވި ސިވިއަރ އެންޒައިޓީއަށް ފަރުވާހޯދި ވާހަކަ ޗައިނާގެ މީޑިއާގައި ވައިރަލްވެއްޖެއެވެ. އެގޮތުން ޗައިނާގެ ސޯޝަލް މީޑިއާ ޕްލ...

24 Jul 2022 | 02:07

ޗައިނާގައި އަންހެނަކު ކައިވެނި ކުރަން އެދި އާއިލާއިން ކުރި ޕްރެޝަރަށް ކެތް ނުކުރެވި ސިވިއަރ އެންޒައިޓީއަށް ފަރުވާހޯދި ވާހަކަ ޗައިނާގެ މީޑިއާގައި ވައިރަލްވެއްޖެއެވެ.

އެގޮތުން ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ވެއިބޯގައި 260 މިލިޔަނަށްވުރެ ގިނަ ވިއުސް ލިބިފައިވާ ވީޑިއޯ ރިޕޯޓެއްގައި އުމުރުން 27 އަހަރުގެ އަންހެނަކު އޭނާގެ ވާހަކަ ވަނީ ހިއްސާކޮށްފައެވެ.

އެގޮތުން ކައިވެނި ކުރުމަށްއެިދި އާއިލާއިން ކުރަމުންދިޔަ ޕްރެޝަރުގެ ނަތީޖާއަކަށްވީ ސިވިއަރ އެންޒައިޓީއަށް ފަރުވާ ހޯދަންޖެހި މުޅި މީހާ ނަފްސާނީ ވުންކަމުގައި އޭނާ ވަނީ ބުނެފައެވެ.

އެ ވީޑިއޯގައި އޭނާގެ ޑަކުޓަރުގެ އިންޓަވިއުވެސް ހިމަނާފައިވެއެވެ. އެ ޑަކުޓަރަކީ ޗައިނާގައި މަޝްހޫރު، މަގުބޫލު ޑަކުޓަރެއް ކަމުގައިވާއިރު އެ ވީޑިއޯ ވަނީ ވަރަށް ބޮަޑަށް ވައިރަލްވެގެން ގޮސްފައެވެ.

އެ ވީޑިއޯ އަށް ކޮމެންޓްކޮށްފައިވާ ގިނަ ފަރާތްތަކަކުން ފާހަގަކޮށްފައިވާގޮތުގައި ކައިވެނިކުރުމަށް އާއިލާއިން ޕްރެޝަރު ކުރުމަކީ ޗައިނާގައި ވަރަށް ބޮޑުވެފައިވާ މައްސަލައެކެވެ. އެ ކަމުގެ ސަބަބުން ޒުވާން ޖީލެއް ޑިޕްރެޝަނާއި އެންޒައިޓީއަށް ހުށަހެޅެމުން އަންނަކަމުގައި އެ ވީޑިއޯއަށް ކޮމެންޓްކުރި ގިނަ ފަރާތްތަކަކުން ބުނެފައިވެއެވެ.

ޗައިނާގައި މިފަދަ ކަމެއް ހިނގާފައިވާއިރު 2013 ވަނަ އަހަރުން ފެށިގެން އެ ގައުމުގައި ކައިވެނި ކުރާ ނިސްބަތް ވަރަށް ބޮޑަށް ވަނީ ދަށްވެފައެވެ. 2013 ގައި އެ ގައުމުގައި 13.5 މިލިޔަން ކައިވެނި ރަޖިސްޓްރީކޮށްފައިވާއިރު 2021 ގައި ރަޖިސްޓްރީކޮށްފައިވަނީ 7.6 މިލިޔަން ކައިވެންޏެވެ.

މި ޓްރެންޑާއެކު އެ ގަައުމުގައި ކައިވެނިކުރާ އާއްމު އުމުރުވެސް ދަނީ މަތިވަމުންނެވެ. އެގޮތުން މިހާރު އާއްމުގޮތެއްގައި ޗައިނާގައި އާއްމުކޮށް ކައިވެނި ކުރަނީ އުމުރުން 25 އާއި 29 އަހަރާއި ދެމެދުގެ އުމުރުގައެެވެ. ކުރީގައި ނަމަ އާއްމުގޮތެއްގައި ކައިވެނިކުރާ އުމުރަކީ 20 އަހަރާއި 24 އަހަރާއި ދެމެދުގެ އުމުރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް