ނޭމާ ޕީއެސްޖީ ދޫކޮށް ނުދާނެ

އިނގިރޭސި ކުލަބު މެންޗެސްޓަރ ސިޓީއަށް ނޭމާ ވިއްކާލަން ޕީއެސްޖީން އުޅޭކަމަށް ބުނެ މީޑިއާގައި ދެކެވޭ ވާހަކަތައް ނޭމާ ދޮގުކޮށްފިއެވެ. މީޑިއާގައި ދެކެވޭ މި ވާހަކަތަކާއި ގުޅިގެން ނޭމާ ބުނީ އޭނާ ޕީއެސްޖީ ދޫ...

23 Jul 2022 | 19:29

އިނގިރޭސި ކުލަބު މެންޗެސްޓަރ ސިޓީއަށް ނޭމާ ވިއްކާލަން ޕީއެސްޖީން އުޅޭކަމަށް ބުނެ މީޑިއާގައި ދެކެވޭ ވާހަކަތައް ނޭމާ ދޮގުކޮށްފިއެވެ.

މީޑިއާގައި ދެކެވޭ މި ވާހަކަތަކާއި ގުޅިގެން ނޭމާ ބުނީ އޭނާ ޕީއެސްޖީ ދޫކޮށްލުމުގެ ވިސްނުމެއް އަދި ނުގެންގުޅޭ ކަމަށެވެ. އަދި ޕީއެސްޖީންވެސް އޭނާ ވިއްކާލަން މަސައްކަތް ނުކުރާކަމަށް ނޭމާ ބުންޏެވެ.

ޕީއެސްޖީން ސިޓީއަށް ނޭމާ ވިއްކާލަން އުޅޭކަމުގެ އަޑުތައް މީޑިއާގައި ގަދަވެފައިވާ މި ދަނޑިވަޅުގައި ނޭމާ ބުނީ އޭނާ މިހާރުގެ ކުލަބު ޕީއެސްޖީ ދޫކޮށް ދިއުމުގެ ވިސްނުމެއް އެއްވެސް އިރަކު ނުގެންގުޅޭ ކަމަށެވެ.

ސިޓީއަށް ކުޅެމުން އަންނަ ޕޯޗުގަލް މިޑްފީލްޑަރ ބަނާޑޯ ސިލްވާ ޕީއެސްޖީއަށް ދޭގޮތަށް ނޭމާ ސިޓީއަށް ދޫކޮށްލަން ޕީއެސްޖީން މަޝްވަރާތައް ކުރަމުން އަންނަ ކަމަށް ރިޕޯޓުތަކުގައި ވަނީ ބުނެފައެވެ.

މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ އާއި ދެމެދު އެފަދަ އެއްވެސް މުއާމަލާތެއް ނުހިނގާ ކަމަށް ސިޓީންވެސް ވަނީ ޔަގީންކޮށް ދީފައެވެ. އަދި ބަނާޑޯ ސިލްވާ އަކީ އެ ކުލަބުން ވިއްކާ ކުޅުޖްތެރިއެއް ނޫން ކަމަށް ވެސް ސިޓީން ވަނީ ބުނެފައެވެ.

ދުނިޔޭގެ މަޝްޙޫރު ބައެއް މީޑިއާތަކުން ޚަބަރު ފަތުރާ ގޮތުގައި ޕީއެސްޖީން ބޭނުން ވަނީ މި ޓްރާންސްފާ ބާޒާރުގައި ނޭމާ ވިއްކާލާށެވެ. އެގޮތުން އެންމެ ބޮޑު ހުށައެޅުމެއް ހުށައަޅާ ކުލަބަކަށް ނޭމާ ވިއްކާލަން އެ ކުލަބުން އޮތީ ތައްޔާރަށެވެ.

2017 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް ފީއެއް ކަމުގައިވާ 234 މިލިއަން ޑޮލަރަށް ސްޕެއިންގެ ބާސެނޯނާއިން ޕީއެސްޖީއަށް ބަދަލުވި ނޭމާ ވިއްކާލުމަށް ޕީއެސްޖީން ބޭނުންވި ނަމަވެސް ނޭމާ ބޭނުންވަނީ އޭނާ ޕީއެސްޖީ އާއި އެކު ހަދާފައިވާ އެއް ބަސްވުން ހަމަވަންދެން ކުލަބުގައި މަޑުކުރާށެވެ.

ނޭމާ ޕީއެސްޖީ ދޫކޮށްލަން އުޅޭކަމުގެ އަޑުތައް ފެތުރެން ފެށުމާއި އެކު ޔުވެންޓަސް އާއި ޗެލްސީން އަދި ނިއުކާސަލް ޔުނައިޓެޑުން ނޭމާ އަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެގައެވެ.

ނޭމާ ޕީއެސްޖީ އާއި އެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އަދި ބާކީ ތިން އަހަރު އޮތްއިރު، އޭނާ އެކުލަބާއި އެކު ހަދާފަައިވާ އެއްބަސްވުން ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށެވެ. ނޭމާ ޕީއެސްޖީއާއި އެކު އެންމެ ފަހުން އެއްބަސްވުން އާކުރީ މި އަހަރުގެ މޭ މަހުގެ 15 ވަނަ ދުވަހުގައެވެ.

މިހާތަނަށް ޕީއެސްޖީ އަށް ކުޅެދިން 144 މެޗުގައި ނޭމާ ވަނީ 100 ގޯލު ކާމިޔާބު ކޮށްދީފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް