ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި މީހުން ތިބީ ޖާނުން ފިދާވެގެން އެ ހަމަލާދޭންވެސް ތައްޔާރަށް

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި މީހުން ތިބީ ޖާނުން ފިދާވެގެންވެސް އެ ހަމަލާދޭން ތައްޔާރަށް ކަމަށް ފުލުހުން ބުނެފު އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް މު...

24 Jul 2021 | 16:16

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ބޮން ގޮއްވާލި މީހުން ތިބީ ޖާނުން ފިދާވެގެންވެސް އެ ހަމަލާދޭން ތައްޔާރަށް ކަމަށް ފުލުހުން ބުނެފު އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ނަޝީދަށް އަމާޒުކޮށް ހަމަލާދޭން އެމީހުން 2019 ވަނަ އަހަރު ރާވަން ފަށައިފި ކަމަށެވެ. އަދި 2020 ވަނަ އަހަރު އަމަލީ ގޮތުން މަސައްކަތް ފަށުމަށް ފަހު މީގެ ކުރިން ތިން ފަހަރެއްގައި ހަމަލާ ދޭން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މި މައްސަލައިގަ މިހާތަނަށް ދައުވާ ކުރަން ފޮނުވި ހަތަރު މީހުންގެ ތެރެއިން އެ ދުވަހު ބޮން ގޮއްވާލީ އަހުމަދު އަދުހަމް ކަމަށެވެ. އަދި އޭނާ ހުރީ  މި ހަމަލާ ޖާނުން ފިދާވެގެންވެސް ދޭން ތައްޔާރަަށް ކަން ތަހުގީގަށް މިހާރު ހޯދިފައިވާ ކަމަށް ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ ހައްޔަރު ކުރި މީހުންނަކީ އިސްލާމީ ހަރުކަށި ފިކުރު ކަމަށްވާ އައިއެސް އަށް ތާއީދު ކުރާ ބައެއްކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ވާހަކަފުޅުތައް ހުންނަ ގޮތުން އެ މީހުން ގަބޫލުކުރާ ގޮތުގައި އެމަނިކުފާނަކީ އިސްލާމްދީނުން ބޭރުވެފައިވާ، ލޭ ހުއްދަ މީހެއް ކަމަށް ސީޕީ ވިދާޅުވި އެވެ.

އަދުހަމްގެ އިތުރުން މި މައްސަލައިގަ ދައުވާ ކުރަން ފޮނުވާފައިވަނީ މއ. ފޭރުގެ މުޖާޒް އަހްމަދު އާއި ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހްމަދު، އަދި ލ.ގަން، ދުންފިނި އުފާ، އަހުމަދު ފާތިހު އެވެ. ފުލުހުން ބުނީ މި މައްސަލައިގަ ފުލުހުންގެ ބަންދުގައި އިތުރު ހަ މީހުން އެބަތިބި ކަމަށެވެ.

އެމީހުންގެ ވަނަވަރުވެް ފުލުހުން ވަނީ ހާމަކޮށްފައި އެވެ. އޭގެ ތެރޭގައި ހިމެނެނީ ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް، ކ. މާލެ، ކުދެހިގެ، އިސްހާގު، ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ، އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމް އަދި ހއ. މުޅަދޫ ބަހާރުގެ، އަބްދުﷲ އަލި މަނިކުގެ އިތުރުން ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމް އެވެ.

މީގެ ތެރެއިން ތަސްލީމް އަކީ ހަމަލާ ދިނުމަށް އިރުޝާދު ދިން އެކަކު ކަމަށްވެސް ފުލުހުން ބުނެ އެވެ. އޭނާ ހައްޔަރު ކުރީ މިއަދު އައްޑޫ ސިޓީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް