ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެންފި އެވެ.
ޝާހިދު އިންޑިއާއަށް ވަޑައިގެންނެވީ މިމަހުގެ 21 ވަނަ ދުވަހު އެވެ. ފޮރިން މިނިސްޓްރީން ބުނީ ޝާހިދު އިންޑިއާއަށް ވަޑައިގެންނެވީ އދ. އާންމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން އިންޑިއާއިން އެރުވި ދައުވަތަކަށް ކަމަށެވެ.
ޝާހިދުގެ މި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ބައްދަލު ކުރައްވާފައި އެވެ. އަދި އެ ގައުމުގެ މިނިސްޓަރު އޮފް އެކްސްޓާނަލް އެފެއާޒް ޑރ. އެސް. ޖައިޝަންކަރާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރުޝް ވަރުދަން ޝްރިންގްލާއާ ވެސް ބައްދަލު ކުރެއްވި އެވެ.
ޝާހިދުގެ ދަތުރުފުޅުގައި ވަނީ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޭ އެހީ އިތުރުކޮށް، އެކަމާ ގުޅޭ އެއްބަސްވުން އާ ކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން މިހާރުދޭ އެހީގެ އިތުރަށް 70 މިލިއަން ރުފިޔާގެ ހިލޭ އެހީދޭނެ އެވެ.
ފޮރިން މިނިސްޓްރީން ބުނީ އަލަށް އިތުރުކުރެވުނު 70 މިލިއަން ރުފިޔާއިން ހިންގާނެ މަޝްރޫޢުތަކުގެ ތަފްސީލްތައް ސަރުކާރުން ފަހުން އިއުލާންކުރާނެ ކަމަށެވެ.
މިދަތުރުފުޅުގައި ޝާހިދު ވަނީ އިންޑިއަން ކައުންސިލް އޮފް ވޯލްޑް އެފެއާޒްގެ ސަޕްރޫ ހައުސްގައި އިއްޔެ ހާއްސަ ލެކްޗާއެއް ދެއްވާފަ އެވެ.
މި ދަތުރުފުޅުގައި ޝާހިދުއާ އެކު ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވެސް ވަޑައިގަންނަވަ އެވެ.
އދ. ގެ 76 ވަނަ އާއްމު މަޖިލީހުގެ ރައީސަކު ހޮވުމަށް މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވީ ވޯޓުގައި ބައިވެރިވި އދ. ގެ މެމްބަރު 191 ގައުމުގެ ތެރެއިން 143 ގައުމެއްގެ ވޯޓާ އެކު އެވެ. މިއީ މި މަގާމަށް ދިވެއްސަކު އިންތިހާބު ކުރި ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް