ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހަރުކަށި ފިކުރު ފެތުރުން ހުއްޓުވުމަށް މަސައްކަތްތަކެއް އެދެވޭ ގޮތެއްގައި ކުރެވިފައި ނުވާ ކަމަށާއ ހަރުކަށި ފިކުރު ބޭނުންކުރީ ސިޔާސީ ހަތިޔާރަކަށް ކަމަށް ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.
ދީދީ މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. ވިދާޅުވީ އެމްޑީޕީން ކުރީގެ ރައީސް މައުމޫންގެ ވެރިކަން ނިމުމަކަށް ގެނައީ ހަރުކަށި ފިކުރުގެ މީހުންގެ ވެސް ތާއީދާއެކު ކަމަށާއި އަދި ވެރިކަމަށް އައުމަށްފަހު ޖަލަށްލާފައިވާ ހަރުކަށި ފިކުރުގެ ބައެއް މީހުން ދޫކޮށްލި ކަމަށެވެ. އަދި އެމްޑީޕީގެ 3 އަހަރުވީ ވެރިކަމުގައި ހަރުކަށި ފިކުރު ރާއްޖޭގައި ފެތުރުން ހުއްޓުވުމަށް ޕްރޮފެޝަނަލް ގޮތެއްގައި މާބޮޑު ކަމެއް ކުރެވިފައި ނުވާ ކަމަށާއި އޭގެ ބަދަލުގައި ހަރުކަށި ފިކުރު ބޭނުންކުރީ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ކަމަށް ދީދީ ވިދާޅުވިއެވެ.
ދީދީ މިހެން ވިދާޅުވީ ހަރުކަށި ފިކުރާއި ހައްދުފަހަނައެޅުމާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ވާހަކަދައްކަމުންދާ ވަގުތެއްގައެވެ.
އިންޑިއާގެ "ވިއޯން ނިއުސް"އަށް ދާދިފަހުން ދެއްވި ބަސްދީގަތުމެއްގައި ރައީސް ނަޝީދު ވިދާޅުވީ، ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތްތަކެއް ކުރުމުގެ ވާހަކަ އަބަދުވެސް ދެކެވޭކަމަށާއި، އަދި ބައެއް ޤާނޫނުތަކުގެ ތެރެއިންވެސް އެކަންކަން ކުރެވޭކަމަށެވެ.
އެހެންނަމަވެސް ހަރުކަށި ފިކުރާ ދެކޮޅަށް މަސައްކަތްތަކެއް ފަށާއިރު އިދާރާތަކުގެ ތެރޭގައި ހަރުކަށި ފިކުރުގެ ބަޔަކު ތިބިނަމަ، އެގޮތަށް ފަށާ މަަސައްކަތްތައްވެސް ކާމިޔާބު ނުވާނެކަމަށް ރައީސް ނަޝިދު ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި ފުރަތަމަ އިދާރާތައް ރިފޯމް ކުރަންޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް