ކޮންސިއުލޭޓެއް އަޅަން މަޝްވަރާކުރުން ސިޓީ ކައުންސިލްގެ މެންޑޭޓުގައި ނޯވޭ

ރާއްޖޭގެ ސިޓީއެއްގައި ކޮންސިއުލޭޓު އެޅުމަށް އެހެން ގައުމަކާއެކު މަޝްވަރާކުރުމަކީ ސިޓީ ކައުންސިލްތަކުގެ މެންޑޭޓުން އޮންނަ ކަމެއް ނޫން ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ. އައްޑޫ ސި...

24 Jul 2021 | 07:06

ރާއްޖޭގެ ސިޓީއެއްގައި ކޮންސިއުލޭޓު އެޅުމަށް އެހެން ގައުމަކާއެކު މަޝްވަރާކުރުމަކީ ސިޓީ ކައުންސިލްތަކުގެ މެންޑޭޓުން އޮންނަ ކަމެއް ނޫން ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް އެޅުމުގެ ކުރިން، ޗައިނާ ނުވަތަ ލަންކާގެ ކޮންސިއުލޭޓެއް އެޅޭތޯ މަސައްކަތް ކުރަމުންދާ ކަަމަށާއި އެކަމާ ޗައިނާގެ އެމްބަސީގެ ބޭފުޅުންނާ ކައުންސިލްގެ ފަރާތުން މަޝްވަރާތަކެއް ކުރި ކަމަށް ނިޒާރު ވަނީ މީގެ ކުރިން ޓީވީ ޕްރޮގުރާމެއްގައި ވިދާޅުވެފައެވެ.

ނަމަވެސް ފަހުން މީޑިއާގައި އޭނާ ވިދާޅުވީ ކޮންސިއުލޭޓުގެ ވާހަކަ ޗައިނާއާއެކު ދެކެވިފައިވަނީ ނުރަސްމީކޮށް ކަމަށާއި، އެއީ ކައުންސިލްގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަން އެނގިލައްވާ ކަމަށެވެ.

ނިޒާރު ވިދާޅުވީ އައްޑޫގައި އެހެން ގައުމެއްގެ ކޮންސިއުލޭޓެއް އެޅުމާގުޅޭ އެއްވެސް ކަހަލަ އިޝާރާތެއް ސަރުކާރުން ކޮށްފައިނުވާ ކަމަށެވެ.

އައްޑޫގައި ޗައިނާ ނުވަތަ ލަންކާގެ ކޮންސިއުލޭޓެއް އެޅޭތޯ މަސައްކަތް ކުރަމުންދާކަމަށް ނިޒާރު ވިދާޅުވެފައިވަނީ، އައްޑޫގައި އިންޑިއާ ކޮންސިއުލޭޓެއް އަޅަން އިންޑިއާގެ ސަރުކާރުން ނިންމުމާ ގުޅިގެން ރައްޔިތުން ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ. ނިޒާރު ވިދާޅުވީ އިންޑިއާ ކޮންސިއުލޭޓުގެ ކުރިން އައްޑޫގައި ޗައިނާ ނުވަތަ ލަންކާގެ ކޮންސިއުލޭޓެއް އެޅިއްޖެނަމަ ރައްޔިތުންގެ ކަންބޮޑުވުމަށް ހައްލު ލިބިގެންދާނެ ކަަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް