ނަފްރަތުގެ ބިލުގައި ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ލިބޭ އަދަބުތަކުގެ ވާހަކައެއް ނެތް: ޑރ. އަހުމަދު ޒާހިރު

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ޤާނޫނުލް ޢުޤޫބާތަށް ހުށަހެޅި އިސްލާހުގެ ބިލު ނުވަތަ ނަފްރަތު ހުއްޓުވުގެ ބިލުގައި ދީނަށް ފުރައްސާރަ ކުރާ މީހުން...

24 Jul 2021 | 05:53

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށް ޤާނޫނުލް ޢުޤޫބާތަށް ހުށަހެޅި އިސްލާހުގެ ބިލު ނުވަތަ ނަފްރަތު ހުއްޓުވުގެ ބިލުގައި ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ލިބޭ އަދަބުތަކުގެ ވާހަކަ ނެތް ކަމަށް އިސްލާމިކް ދީނުގެ ކަންކަމާ ބެހޭ ވަޒީރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ. އަހުމަދު ޒާހިރު އަލީ މިހެން ވިދާޅުވީ، އޮންލައިން ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައެވެ.

އެ މަނިކުފާނު ވިދާޅުވީ ނަފްރަތު ހުއްޓުވުމުގެ ބިލަކީ ވަރަށް ބޮޑަށް ރައްޔިތުންގެ މެދުގައި ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށާއި އެ ބިލު ދިރާސާކޮށް މިނިސްޓްރީގެ ފަރާތުން ކުރެވޭނީ ކޮންކަހަލަ ކަންތައްތަކެއްކަން ބަލަމުންދިޔަ ކަމަށެވެ. އަދި މަޖިލީހުން ލިބުނު ސިޓީގައި ބިލަށް އިތުރުކުރަން ފެންނަ ކަމެއް އޮތްތޯ ބެލިކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ޑރ. އަހުމަދު ޒާހިރު އަލީ ވިދާލުވީ، މިހާރު ބިލަށް ގެންނަން ބޭނުންވާ ބަދަލުތައް ފާހަގަކޮށް މަޖިލީހަށް އެކަންތައްތައް ފޮނުވާފައިވާ ކަމަށެވެ. އަދި ވިދާޅުވީ، ބިލުގައި ފާހަގަކުރެވުނު މައިގަނޑު ކަންތައްތަކަށް ބަލާއިރު ދެބަޔަށް އެޑްރެސް ކުރެވިފައި ނެތް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ބިލުގައި މިހާރު ވަނީ ދީނާ ގުޅުވައިގެން ކުރެވޭ ކަންތައްތަކުގެ ވާހަކަ ކަމަށާއި ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ލިބޭ އަދަބުތަކުގެ ވާހަކަ ނެތް ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، ފުރަތަމަ ބިލު އޮތް ގޮތުން އެކަމުގައި ވަރަށް ބޮޑެތި ކަންބޮޑުވުންތައް ހުރި ކަމަށާއި އޭރު ވަރަށް ގިނަ އިލްމުވެރިންނާއި ކައުންސިލްތަކުން ފާޅުގައި ވާހަކަ ދެއްކެވި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ބިލުގައި ހުރި ކަންބޮޑުވުންތަކަށް ބަލާއިރު މީހުންނަށް ހުކުމްތައް ބުނެދިނުމުގައި މައްސަލައެއް ކިޔައިދިނުމުގައި އެކަމެއް އޮތް ގޮތް ކިޔައިދޭއިރު އެ ބުނާ ބަސް އިސްތިސްނާވާ ގޮތަށް އިސްލާހު ހުށަހަޅާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އަހުމަދު ޒާހިރު އިތުރަށް ވިދާޅުވީ ނަފުރަތު ހުއްޓުވުމުގެ ބިލަށް ގެންނަންޖެހޭ ބަދަލުތަކަކީ ކޮބައިތޯ ކަނޑައެޅުއްވީ ވަރަށް ބޮޑަށް ބައްލަވާ ދިރާސާކުރެއްވުމަށް ފަހުގައި ކަމަށާއި ބަދަލުތައް ހުށަހެޅުއްވީ ދެ ފަރާތަށް ވެސް މައްސަލަ އެޑްރެސްވާ ގޮތަށް ކަމަށެވެ.

މިނިސްޓްރީން ހުށަހެޅި ބަދަލުތަކާ އެއްގޮތަށް ނަފްރަތުގެ ބިލް ފާސްވެގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވަޒީރު ދެކިލައްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް