ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މެންބަރުން ވަނުމަށް ހުރަސް އަޅައި އެތެރެއަށް ވަތް މެންބަރުން ގަދަ ބާރުން ސަމާލަތީ ބާރުތަކުން ވަދެ ނެރުނީ މަޖިލީހުގެ އިދާރާއިން އަންގައިގެން ކަމަށް އެ އިދާރާއިން ބުނެފި އެވެ.
މިއަދު މަޖިލީހުގެ އިދާރާއަށް އިދިކޮޅު މެންބަރުން ގަދަކަމުން ވަންނަން މަސައްކަތް ކުރުމުން ފުލުހުން ވަނީ ޕެޕާ ސްޕްރޭ މެންބަރުންގެ މޫނަށް ޖަހާފައި އެވެ. އަދި ގަދަކަމުން މަޖިލީހުގެ ގޭޓުން ވަންނަން އުޅުމުގެ ތެރޭގައި މެންބަރުންނަށް އަނިޔާވެގެން ބައެއް މެންބަރުންނަށް ހޮސްޕިޓަލުގައި ފަރުވާދީފައިވެ އެވެ.
މަޖިލީހުގެ އިދާރާއިން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ އަންނަ ހޯމަ ދުވަހު ކަމަށް އަންގާފައި ވަނިކޮށް މިއަދު ޖަލްސާ ބާއްވަން މެންބަރުންތަކެއް މަސައްކަތް ކުރި ކަމަށެވެ. މަޖިލީސް އިދާރާގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ސިފައިންގެ ކިބައިން އެދުނީ އެހެންވެ ކަމަށް ބަޔާނުގައި ވެ އެވެ.
އިތުރަށް ބުނެފައިވަނީ ސަލާމަތީ ބާރުތަކުގެ ކިބައިން ފިޔަވަޅު އެޅުމަށް އެދުނީ ގަދަކަމުން މަޖިލީހަށް މެންބަރުން ވަދެގަނެ ގާނޫނާއި ހިލާފު ކަންތައްތަކެއް ކުރާ ކަމުގެ މައުލޫމާތު ލިބުމުން ކަމަށެވެ. ސަލާމަތީ ބާރުތައް މާނަކޮށްފައިވަނީ ފުލުހުންނަށާއި ސިފައިންނަށް ކަމަށް ބެލެވެ އެވެ.
އެކަމަކު މިއަދު މަޖިލީހުގެ އަމީން އާންމު މީޑީއާގައި ވިދާޅުވެފައިވަނީ މަޖިލީހުގެ ގޭޓުތަކުގައި ތަޅުއަޅުވަން މަޖިލީހުގެ އިދާރާއިން ސިފައިންގެ ކިބައިން އެދިފައިނުވާނެ ކަމަށެވެ. އަދި މަޖިލީހުގައި ހިނގާދިޔަ ގާނޫނާއި ހިލާފުކަން ހުއްޓުވައިދިނުމަށް ސަލާމަތީ ބާރުތަކުގައި އެދުނު ކަމަށް މަޖިލީހުގެ އިދާރާއިން ބުނި އިރު ފުލުހުން ބުނީ މަޖިލީހުގެ އިދާރާއަށް ވަނީ ސިފައިން އެހީތެރިކަމަށް އެދުމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް