މިއަހަރުގެ ފުރަތަމަ ހަމަ މަހުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ފައިދާގެ ގޮތުގައި 592 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ބޭންކުން ބުނެފި އެވެ.
ބީއެމްއެލްއިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ އެއީ ލަފާކުރި އަދަދަށްވުރެ މާބޮޑު ކުރިއެރުމެއް ކަމަށާއި 592 މިލިއަން ރުފިޔާ ފައިދާގެ ގތުގައި ލިބިފައިވަނީ ޓެކުހަށް ނުކަނޑާ ކަމަށެވެ. މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާ ބަލާއިރު މިއީ 17 ޕަސެންޓުގެ ކުރި އެރުމެކެވެ.
އެ ބޭންކުން ބުނީ މިދިޔަ އަހަރާއި މިއަހަރު އަލަށް ބޮޑެތި ޕްރޮޖެކްޓުތަކެއް ކުރިޔަށް ގެންދާތީ މިވަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ. ބޭންކުގެ ސީއީއޯ އެންޑްރޫ ހީލީ ވިދާޅުވީ މިއަހަރުގެ ކުރިޔަށް އޮތް މަސް ތަކުގައިވެސް މި ފައިދާ ދެމެހެއްޓުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
"ކުރިން ލަފާކުރި މިންވަރަށްވުރެ ރަނގަޅު ނަތީޖާއެއް އަޅުގަނޑުމެންނަށް ހޯދިފައި މިވަނީ ބޭންކްގެ ޕްރޮޑަކްޓްތަކަށް އަދި ޚހިދުމަތްތަކަށް ކަސްޓަމަރުންގެ ފަރާތުން ލިބެމުން އަންނަ ބޮޑު ތަރުހީބުގެ ސަބަބުން. ވަރަށް ބުރަ ދުވަސްވަރެއް ނަމަވެސް އަޅުގަނޑުމެންގެ މުވައްޒަފުން ދަނީ ހީވާގިކަމުގެ ލާމަސީލު ނަމޫނާއެއް ދައްކަމުން. ހާއްސަކޮށް މުޖުތަމައުތަކާ ބޭންކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ހިންގުނު އަހަރެންގެ ބޭންކް ކޮމިއުނިޓީ ކެމްޕޭންގެ ތެރެއިން ފެނުނު ގިނަ އަދަދެއްގެ އިވެންޓްތަކާއި ހަރަކާތްތައް ފާހަގަކޮށްލެވޭ. މި ކާމިޔާބީ ދެމެހެއްޓުމަށްޓަކައި މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައިވެސް އަޅުގަނޑުމެން ބުރަކޮށް މަސައްކަތްކުރަމުންދާނަން،" އެންޑްރޫ ވިދާޅުވި އެވެ.
މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި ބީއެމްއެލުން ކުރިޔަށް ގެންދާ އިންވެސްޓްމަންޓް ޕްރޮގްރާމް ފުޅާކުރުމުގެ ގޮތުން އަލަށް ތިން ބްރާންޗް ހުޅުވައި، 11 ސެލްފް ސާވިސް ބޭންކިން ސެންޓަރު ވަނީ ގާއިމްކޮށްފަ އެވެ. އަދި ދެ ވަނަ ކުއާޓަރުގެ ތެރޭގައި ބޭންކުން ވަނީ ކުރިޔަށް ވުރެ ބޭނުންކުރަން ފަސޭހަ އަދި ފެންވަރު ރަނގަޅު އިންޓަނެޓް ބޭންކިން ޕްލެޓްފޯމެއް ތަޢާރަފްކޮށް ކަސްޓަމަރުންގެ މަގުބޫލުކަން އިތުރުކޮށްފައެވެ.
މި އަހަރު މަދުވެގެން 22 ރަށެއްގައި 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓް ޕްރޮގްރާމް ހިންގުމަށް ބީއެމްއެލް އިން ނިންމާފައިވާ އިރު މި ޕްރޮގްރާމްގެ ތެރެއިން 150 އާ ވަޒީފާ އުފެދިގެން ދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް