އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ މާފުށީ ޖަލަށް ބަދަލުކޮށްފިއެވެ.
ފުލުހުންވަނީ ޝެއިޚް އިމްރާން އަބްދުﷲ މޯލްޑިވްސް ކަރެކްޝަނަލް އާ ޙަވާލްކޮށް، އިއްޔެ މެންދުރުގެ ވަގުތެއްގައި މާފުށި ޖަލަށް ބަދަލު ކޮށްފައެވެ.
ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމްގައިވަނީ ޝަރީއަތް ނިމެންދެން ޝެއިޚް އިމްރާން އަބްދުﷲ ހޯމް މިނިިސްޓްރީން ކަނޑައަޅާ ތަނެއްގައި ބެހެއްޓުމަށެވެ. ކޯޓުން މައްސަލަ ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރެއް ކޮށްފިނަމަ އެފަދަ ކުށްވެރިން މިހާރު ބެހެއްޓުމަށް ހަމަޖެހިފައިވަނީ ކަރެކްޝަނުން ސާރވިސްގެ ބެލުމުގެ ދަށުންނެވެ
ޓެރަރިޒަމްގެ ކުށުގެ ތުހުމަތުގައި ދޫނިދޫގައި ބަންދުކޮށްފައި ހުރި ޝެއިޚް އިމްރާން އަބްދުﷲ މާފުށީ ޖަލަށް ބަދަލުކޮށްފައިވާއިރު އެމަނިކުފާނު ގޭބަންދަށް ބަދަލުކުރުމަށް ފަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވާގޮތަށް ކުރިން ވާހަކަ ދެކެވުނު ނަމަވެސް، މިހާރު ވަނީ އެގޮތަށް ނުފޮނުވޭނެކަން އެމަނިކުފާނުގެ އާއިލާއަށް ވަނީ އަންގައިފައެވެ.
އިމްރާންގެ މައްޗަށް ކުރެވޭ ޝަރީއަތުގެ މިހާތަނަށް ބާއްވާފައިވަނީ އެއް އަޑުއެހުން ބާއްވާފައިވާއިރު، އެ މައްސަލަ ކްރިމިނަލް ކޯޓުގައި ބަލަމުންދިޔަ ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރަކު މިހާރު ހައި ކޯޓަށް ވަނީ ބަދަލުކޮށްފަ އެވެ.
އިމްރާންގެ ދިފާއުގައި ވަކާލަތުކުރައްވާ ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވެފައިވަނީ އިމްރާން ބަންދުގައި ބަހައްޓާފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި އޭނާ ބަންދުގައި ބެހެއްޓޭނެ އެއްވެސް ހާލަތެއް މިހާރު ނެތް ކަމަށެވެ.
ޝެއިޚް އިމްރާން ހައްޔަރުކުރީ މޭޑޭގެ މުޒާހަރާއާ ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް