ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލާ ރަށްރަށުގެ ރައްޔިތުންނަށް ޚާއްސަ އިނާޔަތެއްދޭން ސަރުކާރުން ނިންމައިފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމަޢަކަށް ހެދުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ދުންފަތުގެ އިސްތިއުމާލުކުރުން އެއްކޮށް ހުއްޓާލާ ރަށްރަށުގެ އާބާދީގެ ކޮންމެ ރައްޔިތެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްދޭ ފައިސާގެ އިނާމެއް ނުވަތަ އިނާޔަތެއް ދިނުމާ ގުޅޭ ގޮތުން ދިރާސާއެއް ހެއްދެވުމަށްފަހު، އެކަމާގުޅޭ ކަރުދާހެއް ތައްޔާރުކުރައްވައި ހުށަހެޅުއްވުމަށް، މި ހަފްތާގައި ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ކަމާބެހޭ ވަޒީރުންނަށް ދަންނަވާފައި ވާނެ ކަމަށެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ވޭޕު މަނާކޮށް، ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީވެސް ވަނީ ބޮޑު ކޮށްފައެވެ. އަދި 2007 އިން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތް މަނާކުރަން 'ޖެނެރޭޝަން ބޭން' އެއްވެސް ވަނީ ކަނޑައަޅުއްވާފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ދުންފަތާ ދެކޮޅަށް ކުރައްވާ މަސައްކަތް ފާހަގަކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހާއްސަ އެވޯޑެއްވެސް އެ މަނިކުފާނަށް ވަނީ ލިބިވަޑައިގެންފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް