މެދުއިރުމަތީގެ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި، އެ ސަރަޙައްދުގެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ޑރ. ޚަލީލް ވަނީ މިވަގުތު މެދުއިރުމަތީގެ ބައެއް ޤައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައިވުމާއެކު، އެ ޤައުމުތަކުގައި ދިރިއުޅޭ އަދި މިވަގުތު ޒިޔާރަތްކުރައްވަމުން ގެންދަވާ ދިވެހި ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއްދީ އެ ޤައުމުތަކުގެ ސަރުކާރުންދޭ އިރުޝާދާއި އެއްގޮތަށް އަމަލު ކުރުމަށް އެދިވަޑައިގެންފައެވެ.
އީރާނާއި އިސްރާއީލާ ދެމެދު މިހާރު ހިނގަމުންދާ ކުރިމަތިލުންތަކުގެ ތެރެއިން، ރޭގެ ވަގުތެއްގައި މަސްރަހު އިތުރަށް ގޯސްވީ އެމެރިކާއިން އީރާނަށް މި މަހުގެ 22 ވަނަ ދުވަހު ދިން ހަމަލާގެ ބަަދަލުހިފުމަށްް މެދުއިރުމަތީގެ އަށް ގައުމެއްގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް އީރާނުން މިސައިލްތަކެއް ފޮނުވާލުުމުންނެވެ.
އެއާއެކު މެދުއިރުމަތީގެ ބައެއް ޤައުމުތަކުން ވައިގެ ސަރަޙައްދު ބަންދުކުރުމުގެ ސަބަބުން، އެ ސަރަޙައްދުގެ ވައިގެ ދަތުރުފަތުރަށް ވެސް ވަނީ ބުރޫ އަރާފައެވެ.
ރޭގެ ވަގުތެއްގައި މެދުއިރުމަތީގެ ބައެއް ޤައުމުތަކުން ވައިގެ ސަރަޙައްދު ބަންދުކުރިނަމަވެސް، މިހާރު ބައެއް ޤައުމުތަކުން ވަނީ ވައިގެ ސަރަޙައްދު އަލުން ހުޅުވާލަން ފަށާފައެވެ.
މިގޮތުން އެ ސަރަޙައްދުގެ ފްލައިޓް އޮޕަރޭޝަންސް މިހާރު ދަނީ އަލުން ހަމައަކަށް އެޅެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް