އެމެރިކާގެ އަސްކަރީ މަރުކަޒަށް ހަމަލާ ދިނުމުގެ ކުރިން އެކަން އެންގުމުން ޓްރަމްޕް އީރާނަށް ޝުކުރު އަދާކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޤަޠަރުގެ އަލް-އުދައިދުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން މިސައިލް ހަމަލާއަކީ "ވަރަށް ބަލިކަށި" ހަމަލާއެއް ކަމުގައި ސިފަކޮށްފިއެވެ. މި ހަމަލާއ...

23 Jun 2025 | 21:08

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޤަޠަރުގެ އަލް-އުދައިދުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން މިސައިލް ހަމަލާއަކީ "ވަރަށް ބަލިކަށި" ހަމަލާއެއް ކަމުގައި ސިފަކޮށްފިއެވެ. މި ހަމަލާއަކީ އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް އެމެރިކާއިން ދިން ހަމަލާތަކަށް ދިން ޖަވާބެއް ކަމުގައި އޭނާ ބުންޏެވެ. އަދި މީހުންގެ ފުރާނައަށް ގެއްލުމެއް ނުވާނެ ގޮތަށް ހަމަލާ ދިނުމުގެ ކުރިން އެކަން އެންގުމުން، ޓެހެރާނަށް ޝުކުރު އަދާކުރެއްވިކަން ފާހަގަކުރެވެއެވެ.

"އަޅުގަނޑުމެންނަށް ކުރީބައިގައި އެންގުމުން އެއްވެސް މީހެއްގެ ފުރާނައަކަށް ގެއްލުމެއް ނުވާގޮތަށް ކަންތައް ކުރެވުނީތީ އީރާނަށް ޝުކުރު އަދާކުރަން ބޭނުން،" ޓްރަމްޕް ޓްރޫތް ސޯޝަލްގައި ލިޔެފައިވެއެވެ. އަދި އެމެރިކާއިން "ވަރަށް ރަނގަޅަށް" މިސައިލްތަކަށް ދިފާޢުވެވުނު ކަމަށްވެސް ބުނެފައިވެއެވެ.

އަލް-އުދައިދަށް ދެވުނު ހަމަލާއަކީ ފޯޑޯ ޕްލާންޓް ހިމެނޭ ގޮތަށް އީރާނުގެ މުހިންމު ނިއުކްލިއަރ ވަސީލަތްތަކަށް އެމެރިކާއިން ދިން ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން ދެވުނު ހަމަލާއެކެވެ. އީރާނުން މި ހަމަލާ ސިފަކުރީ "ފަނާކުރުވަނިވި" ހަމަލާއެއްގެ ގޮތުގައެވެ. ނަމަވެސް އެމެރިކާގެ އިސްވެރިން ކަށަވަރުކޮށްދިނީ އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމެވެ. ޤަޠަރުންވެސް ކަށަވަރުކޮށްދިނީ އެޤައުމުގެ ވައިގެ ދިފާޢީ ބާރުތަކުން މިސައިލްތައް ދިފާއުކުރިކަމަށެވެ.

ރިޕޯޓުތަކުގައިވާ ގޮތުން، ބޮޑު ހަނގުރާމައަކަށް މަގުފަހިވިޔަ ނުދިނުމަށްޓަކައި، މިސައިލްތައް ދޫކުރުމުގެ ގަޑިއިރުތަކެއް ކުރިން އީރާނުން އެމެރިކާއާއި ޤަޠަރަށް އެކަން އަންގާފައިވެއެވެ. ޓްރަމްޕް މިކަން މާނަކުރީ އީރާނުން އިތުރު ހަނގުރާމައަކަށް ދާން ބޭނުންނުވާ ކަމުގެ ނިޝާނެއްގެ ގޮތުގައެވެ. އަދި އެޤައުމުން މިހާރު "ސުލްޙައާއި ހަމަޖެހުމަށް" ތައްޔާރުވެފައި ވެދާނެ ކަމަށްވެސް ބުނެފައިވެއެވެ.

ޓްރަމްޕްގެ އުންމީދީ ރާގު އޮތް ނަމަވެސް، މި ހާލަތު އަދިވެސް ވަނީ ނާޒުކު ފަށްތަރެއްގައެވެ. ހަފްތާ ބަންދުގައި ޓްރަމްޕް ވަނީ އީރާނުގައި ވެރިކަން ބަދަލުވުމުގެ ފުރުސަތުވެސް އޮތް ކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް