އިނގިރޭސި ބަސް ކިޔަވައިދޭ މުދައްރިސުންގެ ކިޔަވައިދިނުމުގެ ހުނަރު އިތުރު ކުރުމަށް ޓީ.އޯ.ޓީ ޕްރޮގްރާމެއް އެޑިއުކޭޝަނުން ފަށައިފި

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމުކޮށްގެން ޘާނަވީ މަރުޙަލާގެ އިނގިރޭސި ކިޔަވައިދިނުން ހަރުދަނާ ކުރުމަށް ކުރިއަށް ގެންދާ ޓްރެއިނިންގ އޮފް ޓްރެއިނަރސް (ޓީ.އޯ.ޓީ) ޕްރޮގްރާމް މިއަދު ފަ...

24 Jun 2024 | 11:31

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމުކޮށްގެން ޘާނަވީ މަރުޙަލާގެ އިނގިރޭސި ކިޔަވައިދިނުން ހަރުދަނާ ކުރުމަށް ކުރިއަށް ގެންދާ ޓްރެއިނިންގ އޮފް ޓްރެއިނަރސް (ޓީ.އޯ.ޓީ) ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

އެން.އައި.އީ ސެމިނަރ ރޫމުގައި ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމް ރަސްމީ ކޮށް ފައްޓަވައިދެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑޮކްޓަރ އަޙުމަދު މުޙައްމަދެވެ.

އެޑިޔުކޭޝަނުން ބުނީ،މި ޕްރޮގްރާމްގެ މައިގަނޑު މަޤުޞަދަކީ، ޘާނަވީ މަރުޙަލާގެ އިނގިރޭސި މާއްދާގެ މަންހަޖަށް ގެނެވުނު ބަދަލުތަކަށް މުދައްރިސުން އަހުލުވެރިކުރުމާ، ޒަމާނީ ކިޔަވައިދިނުމުގައި މިހާރު ބޭނުންކުރެވޭ އުކުޅުތައް މުދައްރިސުންނަށް ފޯރުކޮށްދިނުމަށް މުޅިރާއްޖޭގައި ޙަރަކާތްތެރިވާނެ ޓީ.އޯ.ޓީން ތަމްރީނު ކުރުމެވެ.

2 ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ރޭވިފައިވާ މި ތަމްރީނުގެ ފުރަތަމަ ބުރު ކުރިއަށް ދާނީ މިހިނގާ ޖޫން 23 އިން  27 އަށެވެ. މިބުރުގައި 55 ބޭފުޅުން ތަމްރީނު ފުރިހަމަ ކުރައްވާނެއެވެ. ދެވަނަ ބުރު ޖޫން 29 އިން ޖުލައި 3 އަށް ކުރިއަށް ގެންދިއުމަށް ރެވިފައިވާއިރު، މި ބުރުގައި 58 ބޭފުޅުން ތަމްރީނު ފުރިހަމަކުރައްވާނެއެވެ.

އޭ.އީ.ޑީ.ޕީ ގެ އެހީގައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ، މުދައްރިސުން ތާޒާ ކުރުމަށް 5 އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ ޚާއްޞަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ނިމޭއިރު ސެކަންޑްރީ ކްލާސްތަކަށް އިނގިރޭސި ކިޔަވައިދެއްވާ މުދައްރިސުން ތާޒާ ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް 113 ޓީ.އޯ.ޓީން ތަމްރީނު ކުރެވޭނެއެވެ.

މިތަމްރީނު ޕްރޮގްރާމް ގެ ބައިވެރިންނަށް މަޢުލޫމާތު ދެއްވާނީ، އެޑިޔުކޭޝަން ކޮންސަލްޓެންޓް އަލްފާޟިލާ މަރިޔަމް ތައުފީޤާ އާއި ޓްރެއިނިންގ އެކްސްޕާރޓް އަލްފާޟިލާ ފަސީލާ ޝަކީބެވެ.

މި ޕްރޮގްރާމް ފެށިގެން ކުރިއަށް ދާއިރު އިނގިރޭސިބަސް އުނގެނުމަށް ދަރިވަރުންގެ ޝައުޤުވެރިކަން އިތުރުކުރުމަށްޓަކައި  ރާއްޖޭގެ 206 އަށްވުރެ ގިނަ ސްކޫލަށް ޖޮންރާގެ ތަފާތު އިނގިރޭސި ފޮތްތައް ފޯރުކޮށްދެވޭނެއެވެ. މި ފޮތްތައް ސްކޫލްތަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ، 2 ބުރަކަށް ބަހާލައިގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދީފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް