މިފްކޯ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަން އަލުން ފެށޭތޯ އެ ކޮމްޕްލެކްސް އިން މިއަދު ފުލުހުންނާއެކު މަޝްވަރާ ފަށައިފިއެވެ.
ދިވެހި ފުލުހުންނާއެކު މަޝްވަރާ މޭޒެއްގައި ތިބޭ މަންޒަރު ފެންނަ ފޮޓޯއަކާއެކު މިފްކޯއިން ބުނެފައިވަނީ އެ ކޮމްޕްލެކްސްގެ އޮޕަރޭޝަން ފެށުމަށް ސައިޓަށް ކަރަންޓު ދިނުމުގައި ފުލުހުންގެ އެހީތެރިކަން ބޭނުންވާތީ ފުލުހުންނާއެކު މިއަދު މަޝްވަރާ ބައްދަލުވުމެއް ބޭއްވިފައިވާކަމަށެވެ.
"އެގޮތުގެ މަތިން މިއަދު މެންދުރުފަހު ސައިޓަށް ކަރަންޓު ދިނުމަށް ކުންފުނިން ދަނީ މަސައްކަތް ކުރަމުން" މިފްކޯއިން ބުނެފައިވެއެވެ.
އިއްޔެއާއި ކުރީ ދުވަހު ދެ ފަހަރެއްގެ މަތިން ފުލުހުންގެ މަސައްކަތުން އެ ކޮމްޕްލެކްސްއަށް ކަރަންޓު ދީފައިވެއެވެ. އެހެންނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް އަލުން ކަރަންޓު ކަނޑާލަނީ މަސްލަހަތު އިތުރަށް ގޯސްވާތީ ކަމަށް މިފްކޯއިން ބުނެފައިވެއެވެ.
އައްޑޫ ސިޓީގައި މަސްވެރިން މިދިޔަ ހުކުރު ދުވަހު ފެށި މުޒާހަރާގައި މިފްކޯ އައްޑޫ ކޮމްޕްލެކްސްގެ ކޮންޓްރޯލް ވަނީ ނަގާފައެވެ. އޮޕަރޭޝަން ވަނީ ހުއްޓުވާފައެވެ.
މަސްވެރިން ޑިމާންޑު ކުރަމުން އަންނަނީ ޢީދު ބަންދާއި ހަމައަށް ނުދީ ހުރި ހުރިހާ ފައިސާއެއް މަސްވެރިންނަށް ދިނުމަށާއި ކުރިއަށް އޮތްތާނގައި ކިރާ މަހަށް ގިނަވެގެން 15 ދުވަހުގެ ތެރޭގައި ލާރި ދިނުމަށާއި އަދި މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އަހްމަދު ޝިޔާމް އައްޑުއަށް ވަޑައިގެން މަސްވެރިންނާއި ބައްދަލުކުރެއްވުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް