ވާހަކަ: ސިއްރު – ފަހުގައި

ކުރީގެ އަދަދާއި ގުޅޭ... އަޒުރާއަށް ގިސްލާފައި ރޮވުނެވެ. ވާނުވާ ނޭނގި ސާރާ ހުރީ އަޒުރާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ސިކުންތުކޮޅެއް ސާރާ އެހެން ހުރެފައި އަނެއްކާވެސް އަޒުރާއާއި ސުވާލު ކޮށްލިއެވެ. ...

24 Jun 2024 | 06:53

ކުރީގެ އަދަދާއި ގުޅޭ...

އަޒުރާއަށް ގިސްލާފައި ރޮވުނެވެ. ވާނުވާ ނޭނގި ސާރާ ހުރީ އަޒުރާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ.

ސިކުންތުކޮޅެއް ސާރާ އެހެން ހުރެފައި އަނެއްކާވެސް އަޒުރާއާއި ސުވާލު ކޮށްލިއެވެ.

"ކީކޭ ތިބުނީ؟ސާފުކޮށް ބުނެބަ؟ ކީކޭ ހޭ ތިބުނީ؟" ސާރާ އަޑު ހަރުކޮށް ބުންޏެވެ.

"އަހަންނަށް މަޖުބޫރުވީ... އިނގޭ މި ވާހަކަ މިހާރު ދައްކައިގެން ސާބިތެއްވެސް ނުވާނެކަން... ފައިދާ އެއްވެސް ނުވާނެކަން...އެކަމް މީ ހަގީގަތް... ލައިސަމް އަހަރެން ގާތު ބުނީ... މާހިރުއަށް ދިން ޑްރަގް ދީގެން އިޝާވެސް މަރާލާނަމޭ އަހަރެން ދެން ރަށަށް އައިއްޔާ" އަޒުރާ ގިސްލަމުން ސާރާއަށް ކިޔައިދިނެވެ.

ސާރާއަށް ހައިރާންވެ ހުރެ އަނގަ މަތީގައި އަތް އެޅުނެވެ. ސިއްހަތު ރަގަނޅަށް ހުރި މާހިރު އިތުރު އެއްވެސް ބައްޔެއް ނުވެ ކުއްލިއަކަށް އެހެން ވީ ސަބަބު ސާރާއަށް ވިސްނުނެވެ. ސާރާގެ ސިކުނޑީގައި މިއޮށް ހުރިހާ ދުވަހު އެނބުރެމުން ދިޔައި ސުވާލުތަކަށް ޖަވާބު ލިބުނެވެ.

"ދެން ނޫން... ނޫން... އަހަންނާ ހެދި މާހިރު... ނޫން...ނޫން" ސާރާއަށް ރޮއެގަނެވުނެވެ.

އަޒުރާ ސާރާ އަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. މިއޮށް ހުރިހާ ދުވަހު ހިތު ތެރޭގައި އެނބުރުނު ހުރިހާ ސުވާލަކަށް ޖަވާބު ލިބުމުން ސާރާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނު ނަމަވެސް އެ ވާހަކަތަކުން އިތުރަށް ސާރާގެ ހިތް ޒަހަމް ކޮށްލި ފަދައެވެ. ލައިސަމް ސާރާ ދެކެ ވީ ލޯބި ބަދަލުވެގެން އައީ ހިތި ޒަހަރަށެވެ.

އޭގެ އިރުގަނޑެއް ފަހުން އަޒުރާ އިޝާ ގޮވައިގެން ފުރަން ދާން ނިކުތެވެ. ސާރާވެސް އަޒުރާއާއި އެކު ސިޔާރާ ގޮވައިގެން ބަނދަރު މައްޗަށް ދިޔައެވެ. ދަރިއެއް ފަދައިން ބަލާ ބޮޑުކުރި އިޝާ ލޯ ކުރިމަތިން ގެއްލެން ނޭދުނު ނަމަވެސް މައެއްގެ ފަރާތުން ލިބޭ ލޮތްބާ އެއް ހަމައަށް ލޯބި ނުވެވޭނެ ކަން ސާރާ ގަބޫލު ކުރެއެވެ. އަޒުރާމެން ފުރުވާލާފައި ގެއާ ދިމާލަށް ހިނގައި ގަނެފައިވެސް ސާރާ މިސްރާބު ޖެހީ ހޮސްޕިޓަލާއި ދިމާލަށް ދިޔުމަށެވެ. ދެ ހިޔާލެއްގައި ހުރެ އެ ދިމާލަށް ހިނގަމުން ދިޔައީ ހިތާއި ދެކޮޅަށެވެ. ހޮސްޕިޓަލާއި ހަމައަށް އަރާ ހަމަ ވުމުން ދޮރު މަތީގައި ސާރާ ހުއްޓުނެވެ.

އެތެރެއަށް ވަންނަން ނުކެރި ދެކޮޅަށް ސިޔާރާ ގޮވައިގެން ހިނގާލަ ހިނގާލާ ސާރާ ހުއްޓެވެ.

އެހެން ހުއްޓާ އަފްޒަލްގެ ބައްޕަ ހޮސްޕިޓަލުން ނިކުތެވެ. ސާރާ ފެނުމުން އަފްޒަލްގެ ބައްޕަ އައެވެ.

"ސާރާ... އަފްޒަލް ކައިރިއަށްތަ؟އާދޭ އެތެރެއަށް މިހާރު ވަދެވޭނެ" އަފްޒަލްގެ ބައްޕަ ބުންޏެވެ.

ސާރާ އެތެރެއަށް ވަދެގެން ދިޔައީ ވަރަށް ހިތްވަރުންނެވެ.

"ކޮބާ މަންމަމެން..." ސާރާ އަހާލިއެވެ.

"ރޭގަ މެންދަމު މަންމަމެން ހިނގައްޖެ... އޭގެ ފަހުން ނާދޭ އަދި... " އަފްޒަލް ބައްޕަ ބުންޏެވެ.

ސާރާއަށް އެމީހުން ގެއަށް އައި އިރެއްވެސް ރޭކައި ނުލިއެވެ.

އައި.ސީ.ޔޫ ބޭރުގެ ގޮޑީގައި އިށީދެލައިގެން އަފްޒަލްގެ ގޭ މީހުންތައް ތިއްބެވެ. ސާރާ ދިޔުމުން އެމީހުން ސިޔާރާ އުރުމަށް ފަހު ސާރާއަށް އެތެރެއަށް ވަނުމަށް ފުރުސަތު ދިނެވެ.

މަޑު މަޑުން ގޮސް އައިސީޔޫ އތެރެއަށް ވައިން އިރު އަފްޒަލް އޮތީ ލޯވެސް ހުޅުވައިގެންނެވެ. ސާރާ ފެނުމުން މަޑު މަޑުން އެނބުރިލާ އެދިމާލަށް އަފްޒަލް ބަލާލިއެވެ.

ސާރާ އަފްޒަލް އާއި ގާތް ވެލާފައި އަފްޒަލްގެ އަތުގައި ހިފާލިއެވެ.

"ސޮރީ.... ވަރަށް ބޮޑަށް ސޮރީ" ސާރާއަށް ރޮވުނެވެ.

އަފްޒަލް ހިނިތުން ވެލިއެވެ.

"އައި އެމް ފައިން ސާރާ... މާ ބޮޑު ވަރެއް ނުވޭ...މިހާރު ވޯޑަށް ބަދަލުވާން މިއުޅެނީ..." އަފްޒަލް ބުންޏެވެ.

"ހަމަ އަސްލުތަ؟....މަންމަ ބުނި ވަރަށް ވަރަށް ސަކަރާތޭ... ދޮގު ނަހަދައްޗޭ... އަފްޒަލް އަހަރެން ދޫކޮށްލާފަ ދާނަންތަ؟" ސާރާ އަހާލިއެވެ.

"އެހާ ފަސޭހައިން ސަލާމަތެއް ނުވެވޭނެ ދޯ" އަފްޒަލް ހީލަމުން ބުންޏެވެ.

ބޮލަށް ލިބިފައިވާ ޒަހަމުން ބޯ ހިއްލާ ނުލެވޭ ހާލުގައިވެސް އަފްޒަލް ބެލީ ސާރާ ހެއްވާލެވޭތޯއެވެ.

"އައި ލަވް ޔޫ... ވަރަށް ބޮޑަށް ލޯބި ވެވިއްޖެ" ސާރާ އަފްޒަލްގެ ކަޅިއާއި ކަޅި ސީދާ ކޮށްލުމަށް ފަހު ބުންޏެވެ.

"ޔެސް...ޔެސް..ޔެސް... މިހާރު އޯކޭ...ބަލިވެސް ރަގަނޅުވެއްޖެ! ތަދު ތައް ވެސް ފިލައި...." އަފްޒަލް އަށް އުފަލުން ގޮސް ހަދާނެ ގޮތެއްވެސް ނޭގުނެވެ.

"ދެން ފޮނި ނުވޭ.... އަވަހަށް ރަގަނޅުވާން އުޅޭ" ސާރާ ލަދުރަކި ގޮތަކަށް ހީލަމުން ބުންޏެވެ.

ދުވަހެއް ދުވަހަކަށް އަފްޒަލް އައީ ރަގަނޅު ވަމުންނެވެ. ހޮސްޕިޓަލުން ދޫކޮށްލިއެވެ. އެހެން ނަމަވެސް އެއްކޮށް އަދި ރަގަނޅު ނުވާތީ އަފްޒަލް އުޅެން ޖެހެނީ ވަރަށް ބޮޑަށް ބަލައިގެންނެވެ.

އަފްޒަލް ކިރިޔާ ރަގަނޅުވެ ބޮލުގައިހުރި ރޮދިތައް ކޮށައި، ފާރު ގަނޑު ރަގަނޅު ވުމުން ކައިވެނީގެ ތައްޔާރީތަކުގެ ކަންކަން ފެށިގެންދިޔައެވެ. ލޯބި ލޯބި ފިރިއެއް ގެއްލުމަށް ފަހު ހަމަ އެފަދަ ލޯބި ފިރިއެއް ސާރާގެ ހަޔާތަށް އަލުން އައެވެ. މާހިރުގެ ހަދާންތައް ސާރާގެ ހިތުގައި އަބަދުވެސް ބިންވަޅު ނެގިފައި ވެއެވެ. އެކަން އަފްޒަލް ވެސް ގަބޫލުކޮށް އެކަމަށް ގަދަރުކުރެއެވެ. ދިރިއުޅުން އަލުން އުފާވެރިކަމުން ފުރާލިއެވެ. އަލުން އާ ސަފުހާތަކަކާއި އެކު ސާރާގެ ދިރިއުޅުމުގައި އާ ސޮފުހާތަކެއް ފެށިއެވެ.


ނިމުނީ.... ވާހަކައަށް ކިޔުންތެރިން ދެއްވި ތަރުޙީބަށް ނޫހުގެ ފަރާތުންނާއި ލިޔުންތެރިޔާގެ ނަމުގައި ޚާއްޞަ ޝުކުރެއް ދަންނަވަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް