އައިޖީއެމް ހޮސްޕިޓަލުގެ ކައިރީގައި ހުންނަ، ބޭންކް އޮފް މޯލްޑިވްސް ސެލްފް ސާވިސް ސެންޓަރުގެ އޭޓީއެމް މެޝިނަކަށް ލިބިފައިވާ ގެއްލުމަކީ ކަސްޓަމަރަކު ގަސްދުގައި ގެއްލުމުއް ދިނުމުގެ ނިޔަތުގައި ކޮށްފައިވާކަމެއް ނޫންކަމުގައި އެ ބޭންކުން ބުނެފިއެވެ.
އެގޮތުން އެ ބޭންކުން މިއަދު ބުނެފައިވަނީ ބޭންކް އޮފް މޯލްޑިވްސް އިން އައިޖީއެމްއެޗް ގައި ބަހައްޓާފައިވާ އޭޓީއެމް ސެންޓަރގައި ހުރި އޭޓީއެމްތަކުގެ ތެރެއިން އެއް އޭޓީއެމް އަށް ގެއްލުންވެފައިވާ މައްސަލަ ރޭ ފަތިހު ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައިވާނެ ކަމަށާއި މި ހާދިސާގައި، ބީއެމްއެލްގެ އޭޓީއެމް އަށް ގެއްލުންވެފައިވީ ނަމަވެސް އެއްވެސް ފައިސާއެއް ގެއްލިފައި ނުވަތަ ވަގަށް ގެންގޮސްފައި ނުވާކަމަށެވެ.
"އޭޓީއެމްގެ ސެކިއުރިޓީ 24 ގަޑިއިރު ބީއެމްއެލް އިން ބަލަމުންދާއިރު އޭޓީއެމްގެ ހިދުމަތަކީ ރައްކާތެރި އަދި ރައްޔިތުންގެ ފަސޭހައަށް ގާއިމްކޮށްފައިވާ ހިދުމަތެއް" ބީއެމްއެލްއިން ބުނެފައިވެއެވެ.
ބޭންކުން ބުނެފައިވަނީ އޭޓީއެމްއަށް ގެއްލުންވެފައިވަނީ ވަރަށްވެސް ކުޑަކޮށްކަން ފާހަގަކުރާކަމަށާއި އަދި ވެފައިވާ ގެއްލުމަކީ ކަސްޓަމަރަކު ގަސްތުގައި އޭޓީއެމްއަށް ގެއްލުމެއް ދިނުމަށް ކޮށްފައިވާ ކަމެއް ނޫން ކަމަށާއި އަދި މިކަމާ ގުޅިގެން އޭޓީއެމްގެ ހިދުމަތް މެދުކެނޑިފައިވެސް ނުވާކަމަށެވެ.
މިއަދު ހެނދުނު ދުވަހަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އައިޖީއެމް ހޮސްޕިޓަލުގެ ކައިރީގައި ހުންނަ އޭޓީއެމް މެޝިންތަކުގެ ތެރެއިން އެއް މެޝިނަށް ގެއްލުންދީފައިވާ މައްސަލައެއް ފަތިހު 5:11 ގައި ރިޕޯޓްކޮށްފައިވާކަމަށާއި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް