ހައްޖު1444: ހައްޖު މޫސުމުގައި ސިޔާސީ ޕްރޮޕެގަންޑާއާއި ދުރުހެލިވުމަށް ސައޫދީ އިސް މުފްތީ އިލްތިމާސް ކުރައްވައިފި

މިއަހަރުގެ ހައްޖު މޫސުމުގައި ސިޔާސީ ޕްރޮޕެގަންޑާ ފެތުރުމާއި ދުރުހެލިވުމަށް ސައޫދީ އަރަބިއްޔާގެ އިސް މުފްތީ އަދި އިލްމުވެރިންގެ މަޖިލީހުގެ ވެރިޔާ ޝައިޚް އަބްދުލްއަޒީޒް އާލް ޝައިޚް އިލްތިމާސް ކުރައްވައި...

24 Jun 2023 | 05:03

މިއަހަރުގެ ހައްޖު މޫސުމުގައި ސިޔާސީ ޕްރޮޕެގަންޑާ ފެތުރުމާއި ދުރުހެލިވުމަށް ސައޫދީ އަރަބިއްޔާގެ އިސް މުފްތީ އަދި އިލްމުވެރިންގެ މަޖިލީހުގެ ވެރިޔާ ޝައިޚް އަބްދުލްއަޒީޒް އާލް ޝައިޚް އިލްތިމާސް ކުރައްވައިފިއެވެ.

އިސް މުފްތީ މިހެން ވިދާޅުވެފައިވަނީ މި އަހަރުގެ ހައްޖު މޫސުމާ ގުޅުވައި ނެރުއްވި ބަޔާނެއްގައެވެ.

އެގޮތުން އިސް މުފްތީ ވިދާޅުވީ ހައްޖުގެ މަތިވެރިކަން ގެއްލޭފަދަ ކަންކަމުން އެންމެހާ ހައްޖުވެރިން ދުރުވާން ވާނެ ކަމަށާއި ހައްޖުގެ އަޅުކަމުގެ ކޮންމެ ވަގުތެއްވެސް ހޭދަކުރަންވާނީ ސާފު، ހާލިސް ހިތަކައިގެން ކަމަށެވެ.

މީގެ އިތުރުން ހައްޖުގެ އަޅުކަމުގެ ދުވަސްވަރު، އަދި ހައްޖުގެ މަތިވެރި އަޅުކަމުގައި ހޭދަކުރެވޭ ވަގުތުތަކުގައި ވަކީން ހާއްސަކޮށް ނުބައި އަމަލުތަކާއި ގޯސް ހިޔާލުތަކުން ދުރުވެ ތިބުމަށްވެސް އިސް މުފްތީ ގޮވާލައްވާފައިވެއެވެ.

މުފްތީގެ ބަޔާނުގައި މި އަހަރުގެ ހައްޖުގެ އިންތިޒާމުތައް ސައޫދީ އަރަބިއްޔާއިން ރާވާ ހިންގަމުން އަންނަ ގޮތާއިމެދު ހިތްހަމަޖެހޭކަން ފާޅުކުރައްވައި މިފަދަ މަތިވެރި އަޅުކަމަކަށް އެންމެހާ މުސްލިމުން އެއްތަންވުމުގެ ފުރުސަތު ލިބިގެންދާކަމީ މުސްލިމް އުންމަތަށް ލިބޭ ނިއުމަތެއްގެ ގޮތުގައި ސިފަކުރައްވާފައިވެއެވެ.

ކޮވިޑުގެ ހާލަތާއި ގުޅިގެން ފާއިތުވި ތިން އަހަރުވެސް ހައްޖުގެ އަޅުކަން ކުރިއަށްގެންގޮސްފައިވަނީ އާއްމު އަދަދުތަކަށްވުރެ މަދު ފުރުސަތުތަކަކާއެކުގައެވެ. އެހެން ނަމަވެސް މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދެ މިލިޔަނަށްވުރެ ގިނަ މުސްލިމުން ބައިވެރިވާނެކަމުގައި ސައޫދީ އަރަބިއްޔާއިން ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް